ކުލަގަދަ ރަސްމިއްޔާތަކާއެކު ވިލި މުއައްސަސާ ކަޕް ފަށައިފި

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބާއްވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިމޭޖާސް އެމްވީ

ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަހަރުގެ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް ފަށައިފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ އެ މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ލަތީފެވެ. އޭނާގެ އިތުރުން އެމްޓީސީސީގެ ޓީއެސްޑީ އެޗްއޯޑީ މުހައްމަދު ނާޒިމާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނާޒް (އާކޭ) ބައިވެރިވެވަޑައިގެންނެވިއެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބާއްވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިމޭޖާސް އެމްވީ

މިއަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވިލިމާލޭ ފުޓްސަލް ދަނޑު ފެނިގެންދިޔައީ ވަރަށް ކުލަގަދަކޮށެވެ. އެކަން ފުރިހަމަކުރުމަށްޓަކައި ހަރަކާތްތެރިވީ މުބާރާތުގެ އިވެންޓް ޕާޓްނަރު އަދި އިވެންޓް މެނޭޖްމަންޓުގައި ފާހަގަކޮށްލެވޭ "ވަން ޝޮޓް އިވެންޓްސް"އެވެ. ވަން ޝޮޓް އިވެންޓްސް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ "ތެމުނަސް ހެވޭ" ލަވަ ހެދި ކުޅަދާނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަވެގެންދިޔައީ މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރު ބިދަބިން ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކާއެކުއެވެ. ބިދަބިންއަކީ ރާއްޖޭގެ އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގްރޫޕެކެވެ. ބިދަބިން ބޮޑުބެރު ގްރޫޕަކީ ޓީވީއެމް ބޮޑުބެރު ޗެލެންޖް 2014ގެ ރަނަރަޕެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބާއްވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިމޭޖާސް އެމްވީ

އެ ރަސްމިއްޔާތުގެ ތެރެއިން މިއަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ދެ ޒުވާނުން ވެސް ފެނިގެންދިޔައެވެ. އެއީ މިއަހަރުގެ މުބާރާތުގެ މެޗު ކޮމިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވާ މިރުޒާ މުނީރާއި އިސްމާއިލް ނާޒިފް ސައީދެވެ.

އެމްޓީސީސީގައި މަސައްކަތްކުރަމުންދާ މިރުޒާއާއި ސްޓެލްކޯގައި މަސައްކަތްކުރަމުންދާ ނާޒިފަކީ ނުކުޅެދުންތެރިކަން ހުންނަ ދެ މީހުން ކަމުގައިވީ ނަމަވެސް، މިހާތަނަށް ދެ މީހުންގެ ފަރާތުން ވެސް އެހެން މީހުންނެކޭ އެއްގޮތަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން މުބާރާތް އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ. އޭގެ ތެރެއިން މިރުޒާ ވަނީ މިދިޔަ އަހަރުގެ ހުރިހާ މެޗެއްގެ މެޗު ކޮމިޝަނަރުކަން ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބާއްވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

  • ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
  • ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
  • ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
  • ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ. ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި ޝީޝިއާ ރެސްޓޯރެންޓް ހަރަކާތްތެރިވާ އިރު، ފަސްޓް އެއިޑް ޕާޓްނަރަކީ ދިވެހި ރެޑްކްރަސެންޓްގެ ވިލިމާލެ ޔުނިޓް، ވިލިޖޯއްޔެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ އިމޭޖާސް އެމްވީއެވެ.

comment ކޮމެންޓް