ޑރ. ޝަހީމަކީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވަރަށް ގާބިލު ބޭފުޅެއް: އެމްޑީއޭ

ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ސަލާން ކުރައްވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ދީނީއިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ، ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާ އިރު ރަނިން މޭޓަކަށް ހަމަޖައްސަން ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އެމްޑީއޭގެ ތާއިދު އެމަނިކުފާނަށް އެބައޮތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑރ. ޝަހީމް، ރަނިންމޭޓަކަށް އައްޔަންކުރުމަށް ނިންމަވައި، އެކަން ޕީޕީއެމްގެ ކައުންސިލަށް ރައީސް ޔާމީން ހުށަހެޅުމާ ގުޅިގެން އެ ކައުންސިލްގެ އިއްތިފާގުން ވަނީ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަންކުރަން ފެންނަ ކަމަށް ކަނޑަައަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް މިއަދު "ސަން" އަށް ވިދާޅުވީ ޑރ. ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމުގެ ކުރިން ރައީސް ޔާމީން އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ވަރަށް ދިގުކޮށް މަޝްވަރާ ކުރެއްވި ކަމަށާއި އަދި ރައީސް އެ ނިންމުން ނިންމެވީ އެމްޑީއޭގެ ލީޑަރުގެ ވެސް މަޝްވަރާއާ އެކު ކަމަށެވެ.

"އެމްޑީއޭ އިން ދެކޭ ގޮތުގައި ޑރ. ޝަހީމަކީ ރަނިންމޭޓަކަށް މިވަގުތު ހަމަ ގާބިލް ބޭފުޅެއް. ލީޑަޝިޕުން އެގޮތަށް ދެކެނީ. ސަބަބަކީ މެދު މިނުގެ ސިޔާސަތެއް ގެންގުޅުއްވާ. މަޑުމައިތި އަދި ރައްޔިތުންގެ ލޯބި އޮތް ބޭފުޅަކަށްވާތީވެ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ރަނިން މޭޓަކީ އިންތިޚާބުގައި ގިނަ ވޯޓުތަކެއް ކެންޑިޑޭޓަށް ހޯދައިދޭން ޖެހޭ ބޭފުޅެއް ކަމަށާއި އަދި ރަނިން މޭޓަކީ އިންތިޚާބު ވުމަށް ފަހު ރައީސް އަށް ވަފާތެރި ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ. އަދި ޑރ. ޝަހީމަށް އެ މަގާމް ދިނުމަށް ރައީސް ޔާމީން ނިންމެވީ އެކަން ކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށާއި ރައީސް ޔާމީންގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް މިހެން ވިދާޅުވި އިރު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލަށް ޝަހީމްގެ ނަންފުޅު ރައީސް ޔާމީން ހުށަހެޅުއްވީ އެމްޑީއޭގެ ލީޑަރާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

"ލީޑަރުންނާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އެންމެ އިސްލީޑަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް އެގޮތަށް ނިންމެވީ،" އަދުރޭ ވިދާޅުވި އެވެ.

ޑރ. ޝަހީމަށް ތާއީދު ކުރައްވައި އެމަނިކުފާނުގެ ފަހަތްޕުޅަށް ރާއްޖޭގެ ވަރުގަދަ ދީނީ އިލްމުވެރިންތަކެއް ވެސް އަންނަނީ ޖަމާވަމުންނެވެ.

comment ކޮމެންޓް