ކޮންޓޭއާއެކު ޗެލްސީގެ ފަރިތަކުރުންތައް ފަށައިފި

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ -- ފޮޓޯ/ ގެޓީ

ޗެލްސީން އެޓީމުގެ އިޓަލީ ކޯޗު، އެންޓޯނިއޯ ކޮންޓޭ ފޮނުވާލަން އުޅޭ ކަމުގެ ގިނަ ވާހަކަތަކެއް ފެތުރިފައިވަނިކޮށް އޭނާއާއެކު ޓީމުގެ ޕްރި ސީޒަން ފަރިތަކުރުންތައް ފަށައިފިއެވެ.

ޗެލްސީން ކޮންޓޭއާއެކު ފަރިތަކުރުންތައް ފަށާފައި ވަނީ ޗެލްސީގެ ކޯޗަކަށް މައުރީޒިއޯ ސާރީ ގެންދަން އުޅޭ ކަމުގެ ގިނަ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. ކުރިން ނަޕޯލީއަށް އިރުޝާދު ދިން ސާރީ މިވަގުތު ނަޕޯލީ ކޮންޓްރެކްޓްގައި ހުރި ނަމަވެސް ކާލޯ އެންސެލޯޓީ ވަނީ އަންނަ ސީޒަންގައި ނަޕޯލީގެ ކޯޗު ކަމާ ހަވާލުވުމަށް ނިންމާ އެކަން އިއުލާން ކޮށްފައެވެ.

ޗެލްސީއާއެކު ކޮންޓޭ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވާ އިރު، ކުރިން ރިޕޯޓްތައް ބުނީ ބަދަލު ދިނުމަށްފަހު ކޮންޓޭގެ ކޮންޓްރެކްޓް އުވާލަން ޗެލްސީން ތައްޔާރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީގައި މަޑުކުރަން ކޮންޓޭ ވަނީ ނިންމާފައެވެ.

ވޯލްޑް ކަޕްގައި ނުކުޅޭ ޗެލްސީގެ ކުޅުންތެރިންނާއެކު ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ޗެލްސީގެ ވެރިންނާ ކޮންޓޭއާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކުރިއަށް އޮތް ސީޒަންގައިވެސް ޗެލްސީގައި މަޑުކުރުމަށް ކޮންޓޭ ނިންމާފައިވާ ކަމަށެވެ.

ކޮންޓޭ ޗެލްސީއާ ހަވާލުވި ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނީ އިނގިރޭސި ލީގު ކާމިޔާބުކޮށްފައެވެ. އަދި ހަމައެ ސީޒަންގައި އިނގިރޭސި އެފްއޭ ކަޕް ޗެލްސީން ކާމިޔާބުކުރި ނަމަވެސް މިދިޔަ ސީޒަން ވެގެންދިޔައީ ކްލަބަށް ދަށް ސީޒަނަކަށެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ގެއްލުން، ވެގެންދިޔައީ ހިތްދަތި ކަމަކަށެވެ. އެހެން ނަމަވެސް ކޮންޓޭއާއެކު މިދިޔަ ސީޒަންވެސް ޗެލްސީން ނިންމާލީ އެފްއޭ ކަޕް ތަށި ނަގައިގެންނެވެ.

comment ކޮމެންޓް