ރަޝިއާ ކަޓުވާލައި، ކްރޮއޭޝިއާ ސެމީއަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ރަޝިއާ ބަލިކޮށް، ކްރޮއޭޝިއާއިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕުން ރަޝިއާ ކަޓުވާލައި، ކްރޮއޭޝިއާއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ އޮލިމްޕީސްކީ ސްޓޭޑިއޯން ފިޝްޓްގައި މިރޭ ކުޅުނު ކުއާޓާގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ މޮޅުވީ 3-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު، 2-2ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ރަޝިއާ ބަލިކޮށް، ކްރޮއޭޝިއާއިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

މިރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ރަޝިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އާޓެމް ޒޫބާ ދިން ބޯޅައަކުން ރަޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެނިސް ޗެރިޝޭފްއެވެ. ކްރޮއޭޝިއާގެ ގޯލާ 25 ޔާޑު ދުރުން ޗެރިޝޭފް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ.

ރަޝިއާއިން ލީޑު ހޯދިތާ އަށް މިނެޓުތެރޭ ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މާރިއޯ މަންޒޫކިޗް ދިން ބޯޅައަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭޖް ކްރަމަރިޗްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ރަޝިއާ ބަލިކޮށް، ކްރޮއޭޝިއާއިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައީ އެޓީމަށެވެ. މެޗުގެ 60 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ރަޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކޮރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 100 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ކްރޮއޭޝިއާއަށް ލީޑު ހޯދައިދިނީ ޑޮމަގޯޖް ވިޑާއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ރަޝިއާ ގޯލުގެ ތިރީ ކަނަކަށެވެ.

ކްރޮއޭޝިއާއިން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ރަޝިއާއަށް އުންމީދު އާކޮށްދިނީ މާރިއޯ ފެނާންޑޭޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހިލޭ ޖެހުމަކުން އެލަން ޒަގޮއެވް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނު އިރު، 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެނަލްޓީގައި ރަޝިއާ ބަލިކޮށް، ކްރޮއޭޝިއާއިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗްއާއި މޮޑްރިޗްއާއި ވިޑާ އަދި އިވާން ރަކިޓިޗްއެވެ. ކްރޮއޭޝިއާއިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން މެޓިއޯ ކޮވަސިޗް ފޮނުވާލި ޕެނަލްޓީ، ރަޝިއާގެ ކީޕަރު އިގޯ އަކިންފީޗް ވަނީ ދިފާއުކޮށްފައެވެ.

ރަޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޒަގޮއެވްއާއި ސާގޭ އިގްނަޝެވިޗް އަދި ޑެލާ ކުޒްޔޭޔެވްއެވެ. ރަޝިއާގެ ފެޑޯ ސްމޮލޯވް ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑެނިއެލް ސުބަސިޗް ދިފާއުކުރި އިރު، މާރިއޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ސެމީ ފައިނަލުގެ މެޗުތައް:

ފްރާންސް – ބެލްޖިއަމް (އަންގާރަ ދުވަހުގެ ރޭ 11:00ގައި)

ކްރޮއޭޝިއާ – އިންގްލެންޑް (ބުދަ ދުވަހުގެ ރޭ 11:00ގައި)

comment ކޮމެންޓް