ދިރާގު ޕޭގެ އެންއެފްސީ ޑޭބިޓް ކާޑު ޣިޔާސުއްދީން ސްކޫލަށް ތައާރަފުކޮށްފި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ދިރާގު ޕޭ އެންއެފްސީ ޑެބިޓު ކާޑު ތައާރަފުކުރުން -- ފޮޓޯ/ ދިރާގު

ދިރާގުގެ މޯބައިލް ޕޭ ޚިދުމަތް "ދިރާގު ޕޭ"ގެ އެންއެފްސީ ޑެބިޓު ކާޑު ޣިިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ތައާޜަފުކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ދިރާގު ޕޭގެ ޚިދުމަތް ވަނީ ތައާރަފުކޮށްފައެވެ. ދިރާގު ޕޭގެ އެންއެފްސީ ޑެބިޓް ކާޑު މިއަދު ތައާރަފު ކުރި އިރު، މިއީ ދަރިވަރުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ އެންއެފްސީ ޑޭބިޓު ކާޑެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ފޮޓޯ، ނަން އަދި އިންޑެކްސް ނަމްބަރު ހިމަނައި، ޕާސަނަލައިޒް ކުރެވިގެންނެވެ.

މި ކާޑަކީ އެންއެފްސީ މެދުވެރިކޮށް ދިރާގު ޕޭގެ ޕީއޯއެސް ޓާމިނަލެއްގައި ޓެޕް ކޮށްލުމުން ވިޔަފާރިކުރެވޭ ގޮތަށޤ ހަދާފައިވާ ކާޑެކެވެ. މި ކާޑު ބޭނުންކޮށްގެން ގިޔާސުއްދީން ސްކޫލުގެ ކެންޓީނުން ދަރިވަރުންގެ އިންޓަވަލަށް ފައިސާ ދެއްކޭ ގޮތް އިންތިޒާމުކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ، މި ކާޑު ތައާރަފުކުރުމާ ގުޅިގެން، ދިރާގު ޕޭ މެދުވެރިކޮށް އެ ސްކޫލުގެ ކެންޓީނުން ވިޔަފާރިކުރާ ދަރިވަރުންނަށް ހަފްތާއެއް ވަންދެން 50 ޕަސަންޓު ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

ދިރާގު ޕޭ އެންއެފްސީ ޑެބިޓް ކާޑަކީ އެންއެފްސީ ސްޓީކާއޭ އެއްފަދައިން ބެލެނިވެރިޔާގެ އީވޮލެޓާ ލިންކު ކުރެވިފައިވާ އެއްޗެއް ކަމަށް ދިރާގުން ބުންޏެވެ.

އެހެންކަމުން ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ވަގުތުން، ދަރިވަރުންގެ މުއާމަލާތްތައް ބެލޭނެއެވެ. ދިރާގު ޕޭއާ އެކު ސްކޫލަށް ފައިސާ ނުގެންގޮސް، ބެލެނިވެރިންގެ އީވޮލެޓަށް ފައިސާ ޖަމާކޮށް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ފަހިވެފައި ވާތީ، މި ޚިދުމަތަށް ބެލެނިވެރިންނާއި ދަރިވަރުންގެ ތަރުހީބު ބޮޑުކަމަށޤ ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެހެން ސްކޫލުތަކަށްވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް