ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފި

ރައީސް ޔާމީނާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްއިން ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މިރޭ ސަން އަށް ވިދާޅުވީ އެ ނިންމެވުން ނިންމެވީ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ކަމަށާއި އެކަން މިރޭ ކައުންސިލާއި ހިއްސާ ކުރެއްވި ކަމަށެވެ.

ޑރ ޝަހީމްއަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ނަމަވެސް ވަކި ހިސާބަކުން އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަވާ ރާއްޖޭގައި އަލަށް އުފެއްދި އިސްލާމިކް ޔުނިވާސީޓިގެ ވައިސް ޗާންސެލާރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އެއަށްފަހު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ ޗާންސެލާރ ކަމުގެ މަގާމެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި އުމުރުން 41 އަހަރުގެ ޑރ. ޝާހިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ޑރ. ޝަހީމަކީ ގުރުއާން ހިތުދަސް އަދި ޕީއެޗްޑީ ނަންގަވާފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

comment ކޮމެންޓް