އުމުރުން 40 އަހަރުގައި ބުފޮން ޕީއެސްޖީއަށް

ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން -- ސަން ފޮޓޯ/ އޭޕީ

އުމުރުން 40 އަހަރުގެ އިޓަލީ ގޯލް ކީޕަރު ޖިއާންލުއީޖީ ބުފޮން ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

ބުފޮން ޕީއެސްޖީއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، އޭނާ އެ ކްލަބާ ގުޅުނީ ފްރީ ޓްރާންސްފާއެއްގައެވެ. ކެރިއަރުގައި 17 އަހަރު ޔުވެންޓަސްގައި ހޭދަކުރުމަށްފަހު ބުފަން އެ ކްލަބު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުގައެވެ. ބުފޮން ވަނީ ޔުވެންޓަސްއަށް 656 މެޗު ކުޅެދީ، ކްލަބާއެކު ނުވަ ފަހަރު އިޓަލީގެ ލީގު ކާމިޔާބުކޮށްފައެވެ.

ބުފޮން ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ ޔުވެންޓަސްގެ ކޯޗިންގެ މަގާމަކުން އޭނާ ފެންނަން އުޅޭ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. 1995 ވަނަ އަހަރު ޕާމާއިން ކެރިއަރު ފެށި ބުފޮން މީގެ ކުރިން އިޓަލީން ބޭރުގެ ކްލަބަކަށް ކުޅެފައެއް ނުވެއެވެ.

ޕާމާގައި ޔޫރަޕިއަން ކަޕް ކާމިޔާބުކުރި ބުފޮން ޔުވެންޓަސްއަށް ބަދަލުވީ 2001 ވަނަ އަހަރުގައެވެ. ޔުވެންޓަސްއާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ނަމަވެސް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ޕީއެސްޖީއާ ގުޅުމަށްފަހު ބުފޮން ބުނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ވިސްނުން އޭނާއަށް އެނގޭ ކަމަށާއި، އެ ސަޕޯޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގަށް ފެން ބޮވައިގެންފައިވާ އިރު، ބުފޮން ބުނީ އެ ކާމިޔާބީ ހާސިލްކުރަން އޭނާގެ ތަޖުރިބާއާއެކު ހުނަރުގެ ބޭނުން 100 ޕަސެންޓް ކުރާނެ ކަމަށެވެ. ފުރަތަމަ ފަހަރަށް އިޓަލީ ދޫކޮށްލި ސަބަބަކީވެސް ޕީއެސްޖީގެ ސަޕޯޓަރުންގެ އުންމީދުތައް ކަމަށްވެސް ބުފޮން ބުންޏެވެ.

ބުފޮން އަބަދުވެސް ފާހަގަކޮށްލެވެނީ އިޓަލީއާއި ޔުވެންޓަސްއަށް ވަފާތެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. 2003 ވަނަ އަހަރު މެޗު ވިއްކުމުގެ އަދަބަކާ ގުޅިގެން ޔުވެންޓަސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް ބުފޮން ވަނީ ކްލަބުގައި މަޑުކޮށް، އެ ކްލަބް އަނެއްކާވެސް ފުރަތަމަ ޑިވިޝަނަށް ގެނައުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އިޓަލީގެ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ބުފޮން، މިއަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން ރިޓަޔާމަންޓް އިއުލާން ކުރިއެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންގޮސް އަނެއްކާ ގައުމީ ޓީމަށް ކުޅެން ފަށައިފައެވެ.

comment ކޮމެންޓް