ކުޅުން ހުއްޓާލަން ޒަވީ އަދި ތައްޔާރެއް ނޫން!

ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭސް --

ލެޖެންޑަރީ މިޑްފީލްޑަރު ޒަވީ، ކުޅުން ހުއްޓާލަން އަދި ތައްޔާރު ނޫން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 38 އަހަރުގެ ޒަވީ ފާހަގަވެގެންދިޔައީ ބާސެލޯނާގެ މަޝްހޫރު ޓިކި-ޓަކާ ފުޓްބޯޅައިގެ ޕްލޭމޭކަރުގެ ގޮތުގައެވެ. އޭނާ ބާސާ ދޫކޮށް، ގަތަރުގެ އަލް ސާދްއާ ގުޅުނީ 2015 ވަނަ އަހަރެވެ. ގަތަރު ސްޓާސް ލީގުގެ އަލް ސާދްއާއެކު ޒަވީ ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ދެ އަހަރު ދުވަސް އެބައޮތެވެ.

ޒަވީ ބުނީ ޕްރޮފެޝަނަލް ފުޓްބޯޅައާ ދުރަށް ދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށާއި ފުޓްބޯޅަ ކުޅެނީ ވަރަށް އުފަލާއެކު ކަމަށެވެ. އަދި ކުޅުން ހުއްޓާލާނީ ހަށިގަނޑުން އެކަން ނުވާނެކަން ދައްކާ ހިސާބުން ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިމަގުގައި ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޒަވީ ވަނީ ކޯޗިން ބެޖްތައް ނެގުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

"އަހަރެން މިދަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން. ކޯޗިން ކޯސް ދިޔައީ ރަނގަޅަށް. އެކަމަކު އަދި ބެންޗެއްގައި އަހަރެންގެ ސްޓާފުންނާއެކު މަސައްކަތްކޮށް، ޓީމަށް އަހަރެންނަށް ދެވޭނެ އެއްޗެއް ބަލަން އެބަ ޖެހޭ. ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން،" އޭނާ ބުންޏެވެ.

ބާސާގައި ހޭދަކުރި 24 އަހަރުގެ ތެރޭގައި ޒަވީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ފަސް ޔޫއެފާ ޗެމްޕިއަންސް ލީގާއި އަށް ސްޕެނިޝް ލަލީގާ ހިމެނެއެވެ.

comment ކޮމެންޓް