މ. އަތޮޅުން ދަތުރުކުރި ތިން އުޅަނދެއް ފަރަށް އަރައިފި

މ.އަތޮޅަށް ދަތުރުކުރަނިކޮށް ރޭ ފަރަށް އެރި އުޅަނދެއް--ފޮޓޯ/ކިޔުންތެރިއެއް

މ. އަތޮޅުން ދަތުރުކުރި ތިން ދޯންޏެއް ފަރަށް އަރައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައިވަނީ ލިޓަސް ކެރީ 6، ފްރެޝް 6 އަދި އެ އަތޮޅު ހަކުރާ ހުރައަށް ދަތުރު ކުރި އުޅަނދެކެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މ.އަތޮޅަށް ދަތުރުކުރަނިކޮށް ރޭ ފަރަށް އެރި އުޅަނދެއް--ފޮޓޯ/ކިޔުންތެރިއެއް

މިގޮތުން މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި 110 ފޫޓްގެ މުދާ އުފުލާ ދޯންޏެއް މ. އަތޮޅު ތުވަރުގެ ދެކުނު ފަރާތު ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ފަތިހު 04:00 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ، "ލިޓަސް ކެރިއަރ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު އެދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ މ. އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ފޮނުވާފައި ކަމަށެވެ.

ހަތަރު ކޮންޓެއިނާ އަރުވައިގެން ދަތުރުކުރި މި ދޯނިން ހަ ދިވެހީންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަ 10 މީހުން ދަތުރުކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކެޕްޓަން އާޒިމް ވިދަޅުވީ، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. މި ދޯނީގެ ވެރިފަރާތުން އެސަރަހަދަށް ފޮނުވި ދެ އުޅަނދެއްގެ އެހީގައި ދިޔަވަރު ބޮޑުވުމުން އެ ދޯނި ކަފުޖެހުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުމަތީގައި މިއަދު ހިނގި ދެ ވަނަ ހާދިސާގައި ވިލިމާލެއިން ފުރައިގެން ލ. މާމެންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ވަނީ ފަރަށް އަރާފައެވެ. "ފްރެޝް 6" ނަމަކަށް ކިޔާ މިދޯނި ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 06:10 ހާއިރު، މ. މުލަކުގެ ހުޅަނގުން 8 ނޯޓިކަލް މޭލު ދުރުގައި އޮތް އަތޮޅު ތެރޭގެ ފަރަކަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:54 ހާއިރު ކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 114 ނަންބަރު ލޯންޗު ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑައިވަރުންނާއެކު އެ ސަރަހަށްދަށް ފޮނުވާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ފަރަށް އެރި 60 ފޫޓްގެ މި ދޯނިން ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ ތިން މީހުން ދަތުރު ކުރިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި މިދޯނި ފަރަށް އެރުމާ ގުޅިގެން ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ.

comment ކޮމެންޓް