ސްވިޑަނަށް އިނގިރޭސީންނާއި ބެކަމްގެ އަޑު ކަނޑުވާލެވިދާނެ: އިބްރަހިމޮވިޗް

ޒްލަޓަން އިބްރަހިމޮވިޗް، ސްވިޑަންގެ ގައުމީ ޖާޒީގައި: އޭނާ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސްވިޑަނަށް އިނގިރޭސީންނާއި އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އަޑު ކަނޑުވާލެވިދާނެ ކަމަށް ސްވިޑަންގެ ފުޓްބޯޅަ ލެޖެންޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

އިނގިރޭސީން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ 16ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށްގެންނެވެ. އަދި ސްވިޑަނުން ކުއާޓާގެ ޖާގައެއް ހޯދީ ސްވިޒަލެންޑް ބަލިކުރުމަށްފަހުއެވެ.

ސްވިޑަނުން މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީ އިބްރަހިމޮވިޗް ނުލައެވެ. ސްވިޑަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން އިބްރަހިމޮވިޗް ވަނީ 2016 ވަނަ އަހަރު، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން އިބްރަހިމޮވިޗް، އެނބުރި ގައުމީ ޓީމާ ގުޅޭނެ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ.

އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް ބުނީ އިނގިރޭސީން ބަލިކޮށް ސްވިޑަނަށް ސެމީގެ ޖާގައެއް ހޯދޭނެ ކަމަށާއި މިހާރު އޮތް ހިސާބުން ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށެވެ.

"ސްވިޑަން ބަލިކުރުމަކީ އުނދަގޫ ކަމެއް. ސްވިޑަން ކޮޅަށް ލަނޑު ޖެހުމަކީ ވެސް އުނދަގޫ ކަމެއް. ސްވިޑަނަށް ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތެއް އެބައޮތް. އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލްކުރާ ޓީމަކަށް ފައިދާ ބޮޑުވާނެ. ސްވިޑަނަށް އިނގިރޭސީން ބަލިކުރެވޭނެ. އޭގެ ފަހުން ބެކަމްއާ ވާހަކަދައްކާ ފަހަރަކު އޭނާ ކިޔާ އެއްޗެއް ބަލާނަން،" އިބްރަހިމޮވިޗް ބުންޏެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަދި ފައިނަލް މެޗު ވެސް ކާމިޔާބުކޮށް، ސްވިޑަނަށް ވޯލްޑް ކަޕް 2018ގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށް ވެސް އިބްރަހިމޮވިޗް ގަބޫލުކުރެއެވެ.

ކުއާޓާގައި އިނގިރޭސީންނާ ދެކޮޅަށް ސްވިޑަން ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00 ގައެވެ.

comment ކޮމެންޓް