"ހިޔާ"ގެ ދަށުން ފްލެޓު ފޯމު ބަލައިގަތުން އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

ޖޫން 3، 2018: ބޯ ހިޔާވަހިކަމުގެ ބިޔަ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ

މިހާރު ހައުސިން މިނިސްޓްރީގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ އޮގަސްޓު މަހުގެ 31 ކަމަށެވެ.

ހިޔާ ފޯމު ބަލައިގަތުން މިހާރު ދަރުބާރުގޭގައި ކުރިއަށްދިޔަ ނަމަވެސް އަންނަ ހަފްތާ އިން ފެށިގެން ހައުސިން މިނިސްޓްރީ އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ރެއިން ފެށިގެން ދަރުބާރުގެއިން ފޯމް ދޫކުރުމާއި ބަލައިގަތުން ހުއްޓާލާފައިވާ ކަަމަށާއި ހައުސިން މިނިސްޓްރީ ތެރެއިން އެ އިންތިޒާމު ކުރިއަށް ގެންދިއުމަށް ހަމަޖެއްސި އެންމެ ބޮޑު ބޭނުމަކީ ފޯމު ލާ ފަރާތްތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މިނިސްޓްރީ ތެރޭގައި ގާއިމުކޮށްފައިވާ ނިޒާމްތަކަކީ ހުރިހާ އެންމެންނަށްވެސް ފަސޭހަ ކަމާއި އެކު ފޯމު ލުމާއި އަދި ފޯމު ނެގުމުގެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ކަމަށެވެ.

"މި ތިން ދުވަހު ފޯމް ބަލައިގަތުން މެދު ކަނޑާލާފައި މިވަނީ. މި ތިން ދުވަހު މިކޮޅަށް [މިނިސްޓްރީއަށް] ޝިފްޓްވެ، ސެޓުލްވެ ކުރިއަށް ގެންދެވޭނީ. އަޅުގަނޑުމެންގެ މިނިސްޓްރީގައި އެކަމަށްޓަކައި ހާއްސަ އެރޭންޖްމަންޓްސްތަކެއް މިތަނުގެ ގްރައުންޑް ފްލޯގައި ވަނީ ހަދާފައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފްލެޓަށް އެދި މިހާތަނަށް 4،767 ފޯމް ހުށަހަޅާފައިވާ ކަމަށާއި ފްލެޓަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީވެސް ވީހާވެސް ގިނަ ބަޔަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ،

ހިޔާ މަޝްރުއުގެ ދަށުން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ވަރު ހާމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރުއުގެ ދަށުން ހަދާ ހުރިހާ ފްލެޓެއްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަަމަށާއި މިހާރު ހުރިހާ ފްލެޓެއްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

comment ކޮމެންޓް