ކޯލީޝަނަކާ އެކު އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނު ކަމުގައިވީ ނަމަވެސް އެކޯލިޝަނުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަކުރާ ނައިބު ރައީސް މަގާމުން ވަކިކޮށް، އެ ޕާޓީ ބާކީކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލީޝަން މިހާރު އޮތް ގޮތަށް ދެމިގެންދާނެތޯ ދެކެވޭ ވާހަކައާ ގުޅޭ ގޮތުން މުބީން މިއަދު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފުރަތަމަ މަސައްކަތަކީ ވެރިކަން ކޮންމެވެސް ގޮތަކުން ހޯދުން ކަމަށާއި އެއަށް ފަހު އެ ޕާޓީން ނިންމާފައި އޮތީ ކޮންމެވެސް ގޮތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް ކަމަށެވެ.
މުބީން ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބޭ ހިސާބުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައީސް ނަޝީދު މިނިވަންކުރުން ކަމަށާއި އެއަށް ފަހު ޖޭޕީގެ ފަރާތުން އަންނަ ނައިބުރައީސް މަގާމުން ދުރުކުރާނެ ކަމަށެވެ.
"ޖޭޕީގެ ނައިބު ރައީސް މަގާމުން ދުރުކުރުމަށްފަހު އެ މަގާމަށް ގެންނާނީ ކުރީގެ ރައީސް ނަޝީދު. އެއަށް ފަހު ދެން އެ އަށްފަހު އެމްޑީޕީގެ ފަރާތުން ރައީސް ކަމުގައި ހުންނަ ބޭފުޅަކު މަގާމުން އަމިއްލައަށް އިސްތިއުފާ ދޭނެ. އިބޫއަށް އޮތް ޓާސްކަކީ ކޮންމެވެސް ގޮތަކުން ރައީސް ނަޝީދު އެ މަގާމަށް ގެނައުން،" މުބީން ވިދާޅުވިއެވެ.
މުބީން މިހެން ވިދާޅުވިއިރު ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ކަމަށް ބުނެ އެމަނިކުފާނަށް ލިބިފައިވާ ރިޔާސީ ޓިކެޓް ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)އަށް ދޭން ނިންމާފައެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އަލުން ނަޝީދަށް ވާދަ ކުރެވޭ ގޮތް ވެއްޖެނެމަ އެ ޓިކެޓް އަލުން ނަޝީދަށް ލިބޭނެއެވެ.
އިދިކޮޅު ކޯލިޝަންގެ ނައިބު ރައީސްކަން ޖޭޕީއަށް ދިނުމަށް ނިންމާފައިވާއިރު ރަނިންމޭޓަކު ހޮވުމުގެ ރޭސް ވަނީ ހޫނު ވެފައެވެ. ގާސިމްގެ ހަގު އަނބިި އައިޝަތު ނަހުލާ އެ ރޭހުގައި އުޅުއްވާކަމަށް އަޑު ފެތުރޭއިރު އެ ޕާޓީގެ އިސް ބައެއް މީހުންނާއި މަޖިލިސް މެމްބަރުންވެސް ދަނީ އެ ރޭހުގައި ވާދަކުރަމުންނެވެ. ނަމަވެސް އެ ޕަޓީން ވަކި ގޮތެއް އެކަމުގައި ނިންމާނީ އަންނަ އަންގާރަ ދުވަހުއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.