އަސައްކޮގެ ހަތަރު ލަނޑާއެކު ނިލަންދޫ އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ހަތަރު ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފ. ނިލަންދޫ އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިލަންދޫ އަތުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ލީގުގައި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗެވެ. މާޒިޔާގެ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުވި އިރު، ނިލަންދޫގެ ފުރަތަމަ މެޗުގައި 6-1ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބު އަތުން ވަނީ ބަލިވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗު ފަށައިގެން ވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދައްކައި، ނިލަންދޫގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔަސްފާދު ހަބީބް ދިން ބޯޅައަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން އަސައްކޮއެވެ.

މާޒިޔާއިން ލީޑު ހޯދިތާ މިނެޓެއްގެ ތެރޭގައި އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަސައްކޮ ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އިމާޒް (އާއްކޮ)އެވެ. ބޯޅަ ލިބުނު އިރު ޕެނަލްޓީ އޭރިއާ ތެރޭގައި އަސައްކޮ އަދި އާއްކޮ ވެސް ހުރީ ވަރަށް ހުސްކޮށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަމަލާތަކަކަށްފަހު މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ހަސަން ޝިފާޒް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަސައްކޮއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުތެރޭ މާޒިޔާއިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ނިލަންދޫގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އާއްކޮ ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަސައްކޮއެވެ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.

މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔަސްފާދު ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ހުސައިން އިބްތިޝާމަށް މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ކުރި ފައުލަކާ ގުޅިގެން ނިލަންދުއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނިލަންދޫގެ އިބްރާހިމް ފުރުގާން (ފުގޭ) ފޮނުވާލި ޕެނަލްޓީ، މާޒިޔާގެ ކީޕަރު ހުސައިން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި އަސައްކޮ ޖެހި ހަތަރުވަނަ ލަނޑު އަދި މާޒިޔާގެ ހަވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާއްކޮ ދިން ބޯޅައަކުންނެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ފެނިގެންދިޔަ މާޒިޔާގެ ހަތްވަނަ ލަނޑަކީ މާޒިޔާގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނިލަންދޫގެ އަހްމަދު ސާޖިދު އަތުން ބައިކޮޅަށް ވަން ލަނޑެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ބ. ފެހެންދޫ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ތ. ތިމަރަފުއްޓެވެ.

comment ކޮމެންޓް