12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތް ބައި ބާތިލް ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބުރާސްތި ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ މައްސަލަ ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށެވެ.

އެކެއް ފެބްރުއަރީގެ އަމުރުގައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ބާތިލްކުރާ ކަމަށެވެ.

ދައުލަތުން ހުށަހެޅި މައްސަލަ ބަލައި ނިމެންދެން އެކެއް ފެބްރުއަރީގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެއަށްފަހު ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ކޮންކަމެއް ކަމެއް ކަމެއް އަދި ސާފެއްނުވެއެވެ.

ކުރިން ތިން ފަނޑިޔާރުންގެ ބެންޗުން ބަލަމުން އައި އެ މައްސަލަ މިހާރު ބައްލަވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ބަދަލުގައި ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ މުހައްމަދު ދާދިފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ. އަދި އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އައްޔަން ކުރައްވާފައެވެ.

އެފަދަ މައްސަލައެއް ދައުލަތުން ހުށަހަޅާފައިވާއިރު، އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ދާދިފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ވަނީ މާއްދާއެއް ހިމަނާފައެވެ.

comment ކޮމެންޓް