އެމްޑީޕީއަށް އައި ހަމަޖެހުމާ އެކު މުޅި ގައުމަށް ސުލްހަވެރިކަން ލިބިގެންދާނެ: ރައީސް

ށ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ވަކި ބޭފުޅަކަށް ކުރިމަތި ނުލެއްވޭތީ އެމްޑީޕީގެ އެތެރޭގައި އޮތް އުދާސްގަނޑު ފިލައިގެން ގޮސް، އެ ޕާޓީގެ އެތެރެއަށް އައި ހަމަޖެހުމާ އެކު މުޅި ގައުުމުގެ ސުލްހަވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި ބޭފުޅަކަށް ކުރިމަތި ނުލެއްވޭތީ އެމްޑީޕީގެ އުފެދުނު ހުރިހާ ހޫނުގަނޑަކާއި އުދާސްގަނޑު ފިލައިގެން ދިޔަ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ކޮންމެ ޕާޓީއަކަށް ވެސް އެފަދަ މައްސަލައެއް ދިމާވުމަކީ ހުރިހާ ރައްޔިތުން އުފުލަން ޖެހޭ ވޭނާއި ބުރައަށް ބަލާ ނަމަ އުދަނގޫ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ހަމަޖެހުން އެމްޑީޕީއަށް އައީމަ އެމްޑީޕީގެ ތެރޭގައި މި އައި ހަމަޖެހުމާއެކީ، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަށް އައި ހަމަޖެހުން ކަމަށް ރައީސް އެ ފާހަގަކުރައްވަނީ، އިންތިހާބުގައި ވާދަކުުރުމަށް ގާނޫނީ ގޮތުން މަގުތައް ބަންދުވެފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިވަޑައިގަތް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލަން ނިންމެވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ކޮންގަރެސްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލީހަށާއި ކޮންގުރެސްއަށް ދިނުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމަށް ކޮންގުރެސްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އިބޫއަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ކެމްޕޭން ކުރައްވާ އިރު ކުރާ މަސައްކަތަކީ ރައްޔިތުންނަށް އުދަނގޫތަކެއް ވެގެން ނުވާނެ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ހައްދަވަން ޖެހޭ ކަމަށެވެ.

އެއީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމަކަށް ފަހު ގެއްލުންތަކެއް ލިބިއްޖެ ނަމަ އެކަންކަން އާރާސްތުކުރަން އެތަކެއް ފައިސާއެއް އެތަކެއް ވަގުތެއް ހޭދަކުރަންޖެހޭނެތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް