ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފެށި ފޯރަމް ނިންމާލައިފިއެވެ.
ހޮޓެލް ޖެން އާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމަކީ މިދިޔަ އަހަރު ފަށާފައިވާ ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
ހޮޓެލް ޖެންގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ "ޕްރޮމޯޓިން ޑިސްއެބިލިޓީ އިންކްލޫސިވް ޑިވެލޮޕްމެންޓް ފޯރަމް"ގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނިމިގެން ދިޔަ ފޯރަމްގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ހައްގުތައް ކަށަވަރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ.

ޕްރޮމޯޓިން ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމްގެ ތެރެއިން--- ފޮޓޯ/ ހޮޓެލް ޖެން
ނީނާ ވިދާޅުވީ، މި ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކޮށް، މުޖުތަމައުގައި އުޅޭ އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތައް އެފަދަ ފަރާތްތަކަށް ކަށަވަރު ކޮށްދިނުމާ އެކު އެ މީހުންނަށް ހައްގުތައް ކަށަވަރުކުރެވޭނެ ގޮތްތަށް ކަނޑައެޅުނު ކަމަށެވެ.
"މިހާރު ވެސް ހޮޓެލް ޖެންގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ފުރުސަތު އެބޮތް. އުޅެދާނެ އަޑުނީވޭ އެކަމަކު އިންޖީނިއަރިން އަށް ވަރަށް މޮޅު މީހުން. ހަމަ އެފަދަ މީހުންނަށް ވެސް ފުރުސަތު އެބޮތް. ސްކިލްސް އަށް ބަލާ ވަޒީފާ ދޭނަން. އެޕްލައި ކުރެވޭނެ މިހާރު ވެސް،" ނީނާ ވިދާޅުވި އެވެ.

ޕްރޮމޯޓިން ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމްގެ ތެރެއިން--- ފޮޓޯ/ ހޮޓެލް ޖެން
ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ފޯރަމްގައި ގިނަ އަދަދެއްގެ އެންޖީއޯ ބައިވެރިވި އެވެ.