ނިއުދިއްލީ (ޖުލައި 01): ރަޝިޔާގައި އުފައްދާ މަތީފެންވަރުގެ ދިފާއީ ނިޒާމެއްކަމަށްވާ އެސް -400 މަރުކާގެ ދިފާއީ ނިޒާމު ގަތުމަށް އިންޑިޔާއިން ނިންމައިފިއެވެ.
އިންޑިޔާ ސިފައިންނަށް ބޭނުންވާ ހަތިޔާރު ގަތުމުގެ ކަންކަން ދިރާސާކުރާ ކައުންސިލުން ބުނީ ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ ނިޒާމަކީ އިންޑިޔާގެ ދިފާއަށް ވަރަށް މުހިއްމު ނިޒާމެއްކަމަށާ އެނިޒާމު ރަޝިޔާއިން ގަތުމަށް މިއަހަރު ކުރީކޮޅު އިންޑިޔާ ސަރުކާރަށް ލަފާދީފައިވާނެ ކަމުގައެވެ. އިންޑިޔާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިޔާ ބުނާގޮތުން އެސް -400 މަރުކާގެ ދިފާއީ ނިޒާމު ގަތުމާބެހޭ ފަންނީ މަޝްވަރާތައް ރަޝިޔާއާއެކު މިހާރުވަނީ ކޮށްފައެވެ.
މިހާރުވަނީ މިކަމަށް ބޭނުންވާ ބަޖެޓް ހޯދުމަށްޓަކައި އިންޑިޔާގެ މައި ސަރުކާރުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވާފައި ކަމަށާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ އެކޮމިޓީން އެކަން ފާސްކުރުމުން އެކަމަށްބޭނުންވާ ބަޖެޓް މާލީ ވުޒާރާއިން ހަމަޖައްސާނެކަމަށްވެސް އެ ނޫސް ބުނެއެވެ.
އިންޑިޔާގެ ދިފާއީ ވަޒީރާ ނިރްމަލާ ސިތާރަމަން ވަނީ އެސް -400 މަރުކާގެ ދިފާއީ ނިޒާމު އިންޑިޔާއަށް ވިއްކުމަށް ރަޝިޔާއިން އެއްބަސްވެފައިވާކަމަށާ މިހާރު މިކަން ވަނީ އޭގެ އެންމެ ފަހުގެ މަރްހަލާގައި ކަމަށް ވިދާޅުވެފައެވެ. ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ ނިޒާމަކީ އެމެރިކާގައިވެސް އުފައްދާފައިނެތް ފެންވަރުގެ މޮޅު އަދި ސްމާޓް ނިޒާމެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. މިއީ ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްވެސް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ އަދި ފައިޓަރޖެޓާއި ފައިޓަރ ޖެޓުން ފޮނުވާލާ މިސައިލާއި ބޮންވެސް ދިފާއު ކުރުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ.
އެމެރިކާއިން ހަތިޔާރުގަންނަ ގައުމެއްކަމަށްވާ ތުރުކީންވެސް ގެންދަނީ މިބާވަތުގެ ނިޒާމެއް ރަޝިޔާއިން ގަތުމަށް މަސައްކަތް ކުރަމުންނެވެ. އީރާނުންވަނީ މީގެ ދެއަހަރު ކުރިން އެސް – 300 މަރުކާގެ މިސައިލް ނިޒާމެއް ރަޝިޔާއިން ގަނެފައެވެ. އެސް -400 އަކީ އެސް –300 މަރުކާއަށްވުރެވެސް އެޑްވާންސް ނިޒާމެކެވެ. އެއީ އެސް -300 އަށްވުރެ ފަހުގެ ނިޒާމަކަށްވާތީއެވެ. އެމެރިކާގައި އުފައްދާ ވައިގެ ދިފާއީ ނިޒާމުތައް ކަމަށްވާ ޕެޓްރިއޮޓް އާއި ތާޑް އަދި އެނޫންވެސް ނިޒާމުތަކުގެ ފެންވަރުދަށްކަން ވަނީ ހާމަވެގެން ގޮސްފައެވެ.
އެސް -400 މަރުކާގެ ފުރިހަމަ ނިޒާމެއްގެ އަގަކީ ގާތްގަނޑަކަށް 2.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. އޭގެ އެންމެ ޔުނިޓެއްގެ އަގުވެސް 400 މިލިޔަން ޑޮލަރަށް އަރާކަމަށްވެއެވެ. (ނޫސްއެޖެންސީތައް)