މާލޭގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް އަލުން ހުޅުވާލަނީ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން މާލެ ހިޖުރަކޮށް ގިނަ އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރައްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާގެ ދަށުގައި އޮތް މާލޭ ދަފްތަރުގެ ބައި ވަކިކޮށް، ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމެވުމުން އެކަން ހިނގާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި އެ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނީ ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާލޭގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމުމަކީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް. ދަފްތަރުގައި ޖެހުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ތަފްސީލްތައް އިއުލާން ކުރާނަން، ހައުސިން މިނިސްޓަރު ވިދާާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން، މަލޭގައި މިހާރު ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓުތަކަށް އެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން މާލެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ރައްޔިތުންނަށް ޚާއްސަކޮށް 1،044 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް