މާލެހިޔާއާއި ސިނަމާލެ ފްލެޓުތަކަށް އެއްފަހަރާ ކުލި ދައްކަން އެންގި ނޯޓިސް ބާތިލުކުރާނަން: މުއިއްޒު

ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު -- ސަން ފޮޓޯ

މާލެއާއި ވިލިމާލޭގައި ހުންނަ ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުތަކަށް ނުދައްކާ ހުރި ކުލި އެއްފަހަރާ ދެއްކުމަށް އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ފޮނުވި ނޯޓިސް ބާތިލުކުރުމަށް ނިންމާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ކެބިނެޓުން މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ސިނަމާލެ އަދި މާލެހިޔާ ފްލެޓުތަކުގެ މެންޑޭޓު ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެވެ.

ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އިތުރުން މެއިންޓެނަންސް ފީއާއި، ކުލި ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާ އެކުގައި ބޮޑު އަދަދެއް ތިން މަސް ދުވަސް ތެރޭގައި އެއްފަހަރާ ދެއްކުމަށް ވަނީ މިދިޔަ ތިން މަސް ތެރޭގައި ނޯޓިސް ފޮނުވާފައެވެ. އަދި ކުލި ނުދައްކައިފި ނަމަ އެތަނެއް ހުސްކުރުމަށް ވަނީ އަންގާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެ ފްލެޓުތަކުގެ ކުލި ނުހޯދައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ގޭގޭގެ ފަރާތްތަކާ ސުވާލުކުރި އިރު ވާގޮތަކީ ވަރަށް ގިނަ ދުވަސް ވަންދެން ސިޓީ ކައުންސިލުން ފްލެޓުތަކުގެ ކުލި ހޯދުމަށް އަޅާލާފައެއް ނުވޭ. އެއްވެސް ވަރަކަށް ކުލި ކަލެކްޓުކުރުމުގެ ނިޒާމެއް ގާއިމުކޮށްފައެއް ނުވޭ،"

ހައުސިންގް މިނިސްޓަރު ވިދާޅުވީ މި ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ފޮނުވި ނޯޓިސްތައް ބާތިލުކުރުމަށާއި މި ފައިސާ ދެއްކުމަށް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

"އެންމެ ފަހު ވަގުތު ރައްޔިތުން ކަންބޮޑުވާ ފަދަ ގޮތަކަށް ކުލި އެއްފަހަރާ ދައްކަން މަޖުބޫރުކުރުމުން ފާހަގަވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދީފައި އޮތް ފުރުސަތު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަން،"

މުއިއްޒު ވިދާޅުވީ އެފަދަ ގޮތަކަށް ރައްޔިތުން ކަންބޮޑުކުރުވަން ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ރައްޔިތުން ތަކަކަށް ނަހަމަ ގޮތުގައި އަނިޔާ ކުރުމަށާއި ކަންތައްތަކަށް މަޖުބޫރުކޮށް ކަންބޮޑުވާނެ ގޮތްތަކެއް މެދުވެރިކުރުވުމުގެ ފުރުސަތު ނުދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ނުހޯދާ ހުރި ކުއްޔާއި ޖޫރިމަނާ އަދި މެއިންޓެނަންސް ފީ ކުރު މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އެދި އެ ކައުންސިލުން ނޯޓިސް ފޮނުވި އިރު، ބައެއް ފްލެޓުތަކުން ލައްކައިން ފައިސާ ދެއްކުމަށް އަންގާފައިވެއެވެ.

ނަމަވެސް ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކެއްގެ މަތިން ފްލެޓުތަކަށް ދައްކަންޖެހޭ ކުލި ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"މަސް ތަކަކަށް ބަހާލައިގެން ކުލި ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ދެއްކުމަށް ކަނޑައަޅާ ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖައްސައި، ފަހުން ހާމަކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް