ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ތައާރަފްކޮށްފި، ދުވާލަކު 3،000 ޑޮލަރު ފޮނުވޭނެ!

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ޕޭ އެޕްލިކޭޝަން -- ސަން ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓު މެދުވެރިކޮށް ބޭރު ގައުމުތަކަށް ފައިސާ ޓްރާންސްފާ ކުރެވޭ ޚިދުމަތް ތައާރަފުކޮށްފިއެވެ.

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ނަމުގައި ތައާރަފުކުރި މި ޚިދުމަތުގެ ދަށުން ފައިސާ ފޮނުވޭނީ ބީއެމްއެލްގެ މޯބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ޚިދުމަތުގެ ދަށުން ދުވާލަކު 3،000 ޑޮލަރު ފޮނުވޭނެއެވެ. އަދި ކޮންމެ މުއާމަލާތަކަށް ފީއެއްގެ ގޮތުގައި ޗާޖުކުރަނީ ފަސް ޑޮލަރެވެ.

ބީއެމްއެލްއިން ބުނީ އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތުގެ އަގު ފެށޭނީ ފަސް ޑޮލަރުން ކަމަށެވެ. މިއީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގު ކަމަށާއި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ޚިދުމަތް މެދުވެރިކޮށް ތައުލީމު ހާސިލްކުރުމަށާއި ބޭސްފަރުވާކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިން ދަތުރުކުރާ ގިނަ ގައުމުތަކަށް ފައިސާ ފޮނުވޭނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.

"މިހާރު ގޭގައި ނުވަތަ ކޮންމެ ތަނަކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވާސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ. އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް މިވަނީ ހަަމަޖެހިފައި،" ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް