އެމްޓީސީސީން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ސާބަސް ޔަންމާ ޕްރޮމޯޝަންގެ ތިންވަނަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި މި އަހަރުގެ ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންވުކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒްއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަަމަށް އެމްޓީސީސީން ބުންޏެވެ.
ޕްރޮމޯޝަން ލޯންޗު ކުރުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ، މި އަހަރުގެ ޕްރޮމޯޝަންގައި ބައްލަވައި ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް ބައިލައްކައިން ފެށިގެން 300،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހިލޭ ސާމާނު ލިބޭނެ ކަމަށެވެ.
"78 ހޯސްޕަވަރުގެ އިންޖީނަށް 50،000 ރުފިޔާގެ އަގުހުރި ސާމާނު ހިލޭ ލިބޭނެ. އޭގެ ތެރޭގައި ފިޝްފައިންޑާއާއި ޖީޕީއެސްއާއި ކާސްޓްރޯލްއާއި އެހެނިހެން ސާމާނު ލިބިގެންދާނެ. އެހިސާބުން ފެށިގެން 829 ހޯސްޕަވަރުގެ އިންޖީނަށް އަޅުގަނޑުމެން މި ދެނީ 300،000 ރުފިޔާގެ އަގުހުރި ސާމާނު އިންޖީނާއެކު ހިލޭ،" އަދުހަމް ވިދާޅުވިއެވެ.
އަދުހަމް ވިދާޅުވީ، މި ޕްރޮމޯޝަންގެ އެންމެ ހާއްސައެއް ކަމަކީ، މި މަހުގެ ނިޔަލަށް ބުކިން ފީގެ ގޮތުގައި 10 ޕަސެންޓް ދެއްކުމުންވެސް ޕްރޮމޯޝަންގައި ބައިވެރިވެވުން ކަމަށެވެ. އަދި ބާކީ ފައިސާ މި އަހަރުގެ ނިޔަލަށް ދެއްކާ ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔަންމާއަކީ ފެށުނީއްސުރެވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އިންޖީނެއް ކަމަށާއި ޔަންމާ އިންޖީނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންއަކީވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޕްރޮމޯޝަނެއް ކަމަށްވެސް އަދުހަމް ވިދާޅުވިއެވެ.