ޕައުލް ޕޮގްބާއަށް ވުރެ ކީލިއާން އެމްބާޕޭއަކީ "މާ ހުނަރުވެރި" ކުޅުންތެރިއެއް ކަމަށް ޕޮގްބާ ބުނެފިއެވެ.
ޕޮގްބާއާއެކު ފްރާންސް ގައުމީ ޓީމަށް ކުޅޭ އުމުރުން 19 އަހަރުގެ އެމްބާޕޭ ދަނީ މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ގަދަ 16ގައި ރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވީ އެމްބާޕޭގެ ދެ ލަނޑާއެކުއެވެ.
އުމުރުން 25 އަހަރުގެ ޕޮގްބާއަކީ ވެސް ފްރާންސް ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށެވެ. އިޓާލިއަން ސެރީއާގައި ޔުވެންޓަސްއަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު، 89 މިލިއަން ޕައުންޑަށް 2016 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ޕޮގްބާއަށް ބައެއް މެޗުތަކުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ.
"އެމްބާޕޭއަކީ އަހަރެންނަށް ވުރެ މާ ހުނަރުވެރި ކުޅުންތެރިއެއް. އޭނާގެ އުމުރުގައި ދައްކާ ކުޅުން ފެނޭތަ؟، އަހަރެންނަށް އެ ހުނަރު ލިބިފައެއް ނުވޭ. އޭނާއަކީ ވަރަށް ހަލުވި ކުޅުންތެރިއެއް، ފޯވަޑެއް، އަހަރެންނާއި އޭނާއާ އަޅައެއް ނުކިޔޭނެ،" ފްރާންސްގެ މިޑްފީލްޑަރު ޕޮގްބާ ބުންޏެވެ.
ލިއޮނެލް މެސީގެ އާޖެންޓީނާ، ވޯލްޑް ކަޕުން ކަޓުވާލުމަށް އެޓީމު ކޮޅަށް އެމްބާޕޭ ޖެހި ދެ ލަނޑާއެކު މިއަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ތިނަކަށް އަރައިފައެވެ. އެއާއެކު އެމްބާޕޭ ވަނީ ބްރެޒިލް ލެޖެންޑް ޕެލޭގެ ރެކޯޑަކާ އަރާ ހަމަކޮށްފައެވެ. ވޯލްޑް ކަޕްގައި ޕެލޭ ވެސް ވަނީ ފުރާވަރު އުމުރުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.