އުއްމީދަކީ މި އަހަރާއި، އަދި ކުރިޔަށް އޮތް އަހަރުތަކުގައި ޝަރުއީ ދާއިރާގެ ތަރައްގީގެ ދުވެލި ހަލުވި ވެގެން ދިޔުން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު 2018 އިފްތިތާހް ކުރުމަށް ބަނޑޮސް މޯލްޑިވްސް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އުންމީދަކީ ކޯޓުތަކުގެ މަސައްކަތްތަކަށް ދިމާ ވެފައިވާ އެކިއެކި ދަތިތައް އަވަސް ގޮތެއްގައި ހައްލު ކުރެވިގެން ދިޔުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2018 އިފްތިތާހީ ޚިތާބު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިއްވަވައިދެއްވިއެވެ.
ޑރ. އަޙްމަދު އަބްދުﷲ ދީދީ ގެ ވާހަކަފުޅުގައި ޤަޟާއީ އަހަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަގުސަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލު ވީ މިންވަރު ދެނެގަތުން ކަމަށާއި، އަނެއް މަގުސަދަކީ ފެށޭ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، އެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓަކައި މުޅި ޝަރުއީ ދާއިރާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމުގައި ވިދާޅުވިއެވެ.
ޑރ. އަޙްމަދު އަބްދުﷲ ދީދީ ގެ ޚިޠާބުގައި، ޤަޟާއީ އަހަރު 2018 އިފްތިތާހްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ބޭއްވުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ގައުމީ މަހާސިންތާ އާއި ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ވެސް އިފްތިތާހްކޮށްދެއްވިއެވެ.
ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުއީ މަރުޙަލާތައް ހިންގުމުގައި ޝަރުއީ ދާއިރާގެ ގާބިލިއްޔަތު އިތުރު ކުރުމުގެ މަގްސަދުގައި، ފަނޑިޔާރުން އެއް ތަނަކުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް ލިބޭ އެންމެ މުހިއްމު ފުރުސަތަކީ ފަނޑިޔާރުންގެ ގައުމީ މަހާސިންތާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް" ފޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ނެރެދެއްވިއެވެ. ޝަރުއީ ދާއިރާގެ ތަފާސްހިސާބު ފޮތް ނެރެދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.