ބީއެމްއެލްގެ އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް އަންނަ ހަފްތާގައި ލޯންޗުކުރަން ބީއެމްއެލްއިން ނިންމައިފިއެވެ.
މޮބައިލް ފޯން މެދުވެރިކޮށްދޭ އެ ހިދުމަތް އަންނަ ހަފްތާގައި ލޯންޗުކުރަން ހަމަޖެހިފައިވާކަން އެ ބޭންކުން ހާމަކޮށްފައިވަނީ އިއްޔެ ކުރުނބާ މޯލްޑިވްސްގައި ރިސޯޓުތަކަށް ލިބެން ހުރި ބޭންކިން ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ހަފްލާއަށްފަހުގައި ނެރުނު ނޫސްބަޔާނުގައެވެ.
ބީއެމްއެލްއިން ބުނީ، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ހިދުމަތެއް ކަމަށެވެ.
އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބީއެމްއެލްއިން ބޭއްވި ހަފްލާއަކީ ބޭންކިންގ ހިދުމަތްތަކާ ގުޅޭގޮތުން ރިސޯޓްތަކަށް އަމާޒުކޮށް ބީއެމްއެލްއިން ބޭއްވި ފުރަތަމަ ފަހަރެވެ. އެ ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވިކަމަށް ބީއެމްއެލްއިން ބުންޏެވެ.
އިއްޔެގެ ހަފްލާގައި ބްރާންޗު ހިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިން ހިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް ބީއެމްއެލްއިން ފޯރުކޮށް ދެމުންދާ ބޭންކިން ހިދުމަތްތައް ދައްކުވައިދީފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ އެ ހަފްލާގައި ގިނަ ބޭފުޅުންނާ ބައްދަލުވެ އިންޓަރނޭޝަނަލް އޮންލައިން މަނީ ޓްރާންސްފާގެ ހިދުމަތާ ގުޅޭ މައުލާމާތު ހިއްސާކޮށްލެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެ މުހިންމުކަމެއް ގޮތުގައި ދެކެނީ ތިޔަ ބޭފުޅުންގެ ވިޔަފާރީގެ އަގުވަޒަންކުރުމަށް. އަދި މި ހަފްލާގައި ތިޔަ ބޭފުޅުންގެ ރިސޯޓަށާއި މުވައްޒަފުންނަށް އިތުރު ފުރިހަމަ ގޮތެއްގައި ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއްގެ މައްޗަށް އަލިއަޅުވާލެވިގެންދާނެ." އެންޑްރޫ ވިދާޅުވިއެވެ.