ސެނެގާލް ކަޓުވާލައި، ކޮލަމްބިއާއިން ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16އަށް

ފީފާ ވޯލްޑް ކަޕްގައި ކޮލަމްބިއާއާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޮލަމްބިއާ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގައި ސެނެގާލް ކަޓުވާލައި، ކޮލަމްބިއާއިން 'ގްރޫޕް އެޗް'ގެ އެއްވަނައިގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސަމަރާ އެރީނާގައި މިރޭ ކުޅުނު މެޗުގައި ސެނެގާލްގެ މައްޗަށް ކޮލަމްބިއާއިން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރު، އެއްވަރުކޮށްލައިގެން ވެސް ސެނެގާލަށް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ޕޮލެންޑް އަތުން 1-0ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ޖަޕާނަށް ވަނީ ގަދަ 16ގެ ޖާގައެއް ލިބިފައެވެ.

ގްރޫޕުގެ އެއްވަނައިގައި ނިންމާލި ކޮލަމްބިއާއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ޖަޕާނާއި ތިންވަނައިގައި ނިންމާލި ސެނެގާލަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ހުރިހާ ގޮތަކުން ވެސް ޖަޕާނާއި ސެނެގާލް އެއްވަރުވުމުން ބަލާފައިވަނީ ފެއާ ޕްލޭ ރޫލަށެވެ. ޖަޕާން ވެގެންދިޔައީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެއާ ޕްލޭ ރޫލުން ގަދަ 16އަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ. ގްރޫޕްގެ ހަތަރުވަނައިގައި ނިންމާލި ޕޮލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ފީފާ ވޯލްޑް ކަޕްގައި ކޮލަމްބިއާއާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޮލަމްބިއާ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ކޮލަމްބިއާއިން ވަރުގަދަ ކުޅުމެއް ދައްކައި، ސެނެގާލްގެ ގޯލަށް ނުރައްކާކުރިއެވެ. މެޗުގައި ކޮލަމްބިއާއިން ސެނެގާލްގެ ގޯލާ އަމާޒުކޮށް، ފޮނުވާލި ފުރަތަމަ ހަމަލާއަކީ މެޗުގެ 12 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާއެވެ. ހުއާން ފެނާންޑޯ ކުއިންޓޭރޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސެނެގާލްގެ ގޯލްކީޕަރު ޚާދިމް އެންޑިއާޔޭއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޭވިންސަން ސަންޗޭޒް ފައުލް ކުރީ ކަމަށް ބަލައި، ސެނެގާލަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް، ފަހުން ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީ ދޭން ޖެހޭ ހާލަތެއް ނޫން ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ކުއިންޓޭރޯ ނަގައިދިން ހުރަހަކުން ކޮލަމްބިއާގެ ކެޕްޓަން ރަޑަމެލް ފަލްކާއޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ކޮލަމްބިއާގެ މުހިންމު އެއް ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒަށް އަނިޔާވެގެން ބަދަލެއް ގެންނަން ޖެހުނެވެ. ރޮޑްރިގޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ލުއިސް މުރިއެލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގައި ކޮލަމްބިއާއާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޮލަމްބިއާ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ކޮލަމްބިއާއެވެ. ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރުމަށްފަހު، ކޮލަމްބިއާއަށް ލީޑު ހޯދުނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ކުއިންޓޭރޯ ނަގައިދިން ކޯނަރަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔެރީ މިނާއެވެ.

އެ ލަނޑަށްފަހު ސެނެގާލުން ބަދަލުތަކެއް ގެނެސް، ކޮލަމްބިއާ ކޮޅަށް ލަނޑެއް ޖެހުމަށް މަސައްކަތްކުރިއެވެ. މާނޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އިސްމާއިލާ ސާރް ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ގޯލާ އަމާޒުވެފައިނުވާ އިރު، މޫސާ ކޮނާޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.

ގަދަ 16ގައި އަންނަ އަންގާރަ ދުވަހުގެ ރޭ 11:00ގައި ކޮލަމްބިއާ ނުކުންނަން ޖެހޭނީ ގްރޫޕް ޖީގެ ދެވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގައި ޖަޕާން ނުކުންނަން ޖެހޭނީ ގްރޫޕް ޖީގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕް ޖީގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ކަށަވަރުވާނީ މިރޭ 11:00ގައި އިނގިރޭސިންނާއި ބެލްޖިއަމް ބައްދަލުކުރާ މެޗަށްފަހުއެވެ.

comment ކޮމެންޓް