އެފްރިކާގެ އުންމީދުތައް ސެނެގާލްގެ އަތް މަތީގައި!

ސެނެގާލް: ސެނެގާލްއަށް ގަދަ 16އަށް ދެވިއްޖެ ނަމަ އެ ގައުމު ވެގެންދާނީ މި ވޯލްޑް ކަޕްގެ ގަދަ 16އަށްދާ ހަމައެކަނި ޓީމަށް --- ފޮޓޯ: އޭޕީ

އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ދެވިފައި ވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ. ކެމެރޫނުން 1990 ވަނަ އަހަރު، ސެނެގާލްއިން 2002 ވަނަ އަހަރު އަދި ގާނާއިން 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ގޮސްފައިވާ އިރު، އެއީ އެފްރިކާއަށް ވޯލްޑް ކަޕްގައި ހޯދުނު އެންމެ ބޮޑެތި ކާމިޔާބީތަކެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އެފްރިކާގެ ފަސް ޓީމު ދިޔަ އިރު، އޭގެ ތެރެއިން ގަދަ 16ގެ އުންމީދު މިހާރު އޮތް ހަމައެކަނި ޓީމަކީ ސެނެގާލްއެވެ. ދެން ހިމެނޭ އެފްރިކާގެ ޓީމުތައް ކަމަށްވާ މިސްރާއި މޮރޮކޯގެ އިތުރުން ނައިޖީރިއާއާއި ޓިއުނީޝިއާވެސް މިހާރު ވަނީ މުބާރާތުން ކަޓައިފައެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ސެނެގާލް އޮތީ ގްރޫޕް އެޗްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ޖަޕާނެވެ. މިއަދު ސެނެގާލުން ކޮލަމްބިއާއާއި ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ބަލިނުވެ ކޮންމެ ނަތީޖާއެއް ނެރުނު ނަމަވެސް ސެނަގާލް ގަދަ 16އަށް ދާނެއެވެ.

ވޯލްޑް ކަޕް ގްރޫޕް އެޗްގައި ސެނެގާލާއި ޖަޕާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޖަޕާނުން ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް މޮޅަކާއެކު ގްރޫޕްގެ އެއްވަނަ ޔަގީންކުރުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ.

"ވޯލްޑް ކަޕްގައި އެފްރިކާ ތަމްސީލުކޮށް، ސެނެގާލްގެ ދިދަ ވިހުރުވާލުމަކީ ސެނެގާލްއަށް އޮތް ދެ މަސްއޫލިއްޔަތެއް. އަހަރެމެންނަށް އެނގޭ ސެނެގާލްގެ 15 މިލިއަން މީހުންގެ އިތުރުން މުޅި އެފްރިކާގެ ބައްރުވެސް އޮތީ ސެނެގާލްގެ ފަހަރުގައި ކަމަށް،" ނަޕޯލީއަށް ކުޅެމުންދާ ސެނެގާލްގެ ޑިފެންޑަރު ކަލެޑޫ ކުލަބާލީ ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ ސެނެގާލް ވޯލްޑް ކަޕެއްގައި ކުޅޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ސެނެގާލްއިން ވޯލްޑް ކަޕް ކުޅުނު އިރު، އެޓީމަށް ކުއާޓާއަށް ދިޔައީ މިހާރު ޓީމުގެ ކޯޗު، އަލޫ ސީސޭގެ ކެޕްޓަން ކަމުގެ ދަށުގައެވެ.

ކުރިން ޓީމު ކުއާޓާއަށް ގޮސްފައި އޮތުން ވާނީ ޕްރެޝަރަކަށްތޯ ސުވާލު ކުރުމުން ކުލަބާލީ ބުނީ އެކަން ވަނީ ޕޮސިޓިވް ކަމަކަށް ކަމަށެވެ.

"ކުރިން ކުއާޓާއަށް ގޮސްފައި އޮތުމަކީ ލިބޭ ހިތްވަރެއް. ޕޮޒިޓިވް ކަމެއް. އޭގެ ސަބަބުން ޕްރެޝަރެއް ނާދޭ. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާ ގަދަ 16އަށް ދެވޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް،" ކުލަބާލީ ބުންޏެވެ.

ސެނެގާލް ހިމެނޭ ގްރޫޕް އެޗްގެ ފަހު ދެ މެޗު އޮންނާނީ މިރޭ 7:00 ގައެވެ.

comment ކޮމެންޓް