އުއްތަމަ ފަނޑިޔާރުކަމަށް ޑރ. ދީދީ އައްޔަނުކުރުމާ މެދު މަޖިލީހުން މިރޭ ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ---

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔަޜު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅެއްވުމާ ގުޅިގެން، އެ މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޖަލްސާ ތާވަލުކޮށްފައިވަނީ މިރޭ 9:00 އަށެވެ.

ޖުޑީޝަލް ސާވިސެސް ކޮމިޝަނުން އިއްޔެ ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފޮނުއްވި ސިޓީއެއްގައި މިކަން ބަޔާންކުރައްވައި، ވަނީ އެ މަޖިލީހުގެ މެމްބަރުން އެކަމުގައި ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ މި މައްސަލައިގެ ކޮމިޓީ މަރުހަލާ މިއަދު ނިންމައި، މިރޭގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅައި، އެ ރިޕޯޓާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގައި މިހާރު ތިއްބެވި ދެ ފަނޑިޔާރުން އަބްދުﷲ ދީދީ އަދި އަބްދުލްޣަނީ މުހައްމަދު ވެސް އައްޔަނުކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ސުޕްރީމު ކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުންނެވެ. އެއީ އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތަން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ސާބިތު ވެގެންނެވެ.

ދާދި ފަހުން އިސްލާހު ކުރި ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނުކުރެއެވެ.

comment ކޮމެންޓް