ރާއްޖެ ޕްރޮމޯޓް ކުރަން ޕިކް މޯލްޑިވްސްގެ ފައުންޑަރު ޖަރުމަނުގައި!

ފުޑް ބްލޮގަރު އެނަލީނާ ވޯލާއާއެކު ރިއާޔަތު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ޕިކް މޯލްޑިވްސް

ބިޒްނަސް ޓު ކަސްޓަމާ އިނީޝިއޭޓިވް އެއްގެ ގޮތަށް، ސީދާ ކަސްޓަމަރުންނަށް ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ރާއްޖޭގައި މިފަހުން ނެރުނު އެންމެ ފުރިހަމަ އެއް ފޮތަކީ "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް" އެވެ.

މިދިޔަ މާރިޗް މަހުގެ ތެރޭގައި ޖަރުމަނުގެ ބާލިންގައި ބޭއްވި ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން ފެއާގައި ނެރުނު އެ ފޮތަށް ގިނަ ބައެއްގެ ތައުރީފް ލިބިގެންދިޔައިރު، ސުވެނިއާ ކޮލިޓީގައި އުފެއްދި އެ ފޮތް މިއަދު ދަނީ ދުނިޔޭގެ ވަރުގަދަ ބްލޮގަރުންނާއި، މީސް މީޑިއާގެ ނުފޫޒުގަދަ މީހުންގެ އިތުރުން ވީއައިޕީ ޖާނަލިސްޓުންނަށް ފޯރުކޮށްދެމުންނެވެ.

ހާޕަގެ ކޯ-ފައުންޑަރު މެކްސް ކާސްޓިންގްއާއެކު ރިއާޔަތު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ޕިކް މޯލްޑިވްސް

އެ ފޮތަށް ލިބުނު ކާމިޔާބީއަށްފަހު އެ ފޮތް ވުޖޫދަށް ގެނައި އަދި ޕިކް މޯލްޑިވްސް އިނީޝިއޭޓިވްގެ ފައުންޑަރ ރިއާޔަތު އަބްދުލްމަޖީދުގެ ދަތުރު ނިންމައެއް ނުލައެވެ. ޖަރުމަނުގައި ތިބި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނުފޫޒުގަދަ މީހުންނާ ބައްދަލުކުރަން އޭނާ މިވަގުތު ވެސް ހުރީ ޖަރުމަނުގައެވެ.

އެގޮތުން ޖަރުމަނުގައި ދިރިއުޅޭ ޕިންޓަރެސްޓުގައި ފާހަގަކޮށްލެވޭ ޕިންޓަރެސްޓުގެ ކޮންސަލްޓަންޓަކަށްވެސް މަސައްކަތްކުރާ، އަދި އަމިއްލަ ބްލޮގެއްވެސް ލިޔަމުންދާ ނީނާ ބަންޖާސް، ފުޑް ބްލޮގަރު އެނަލީނާ ވޯލާ، އިންސްޓަގްރާމުގައި މަގުބޫލު އަދި މޮޅު ކެމަރާމަން ޖޫލިއަންގެ އިތުރުން އިންފްލޫއެންސާ މާކެޓިންގައި ޖަރުމަން، އިޓަލީ، އެމެރިކާ އަދި ކޮސްޓަރިކާ ފަދަ ގައުމުތަކުގައި ވަރުގަދަ ހާޕަގެ ކޯ-ފައުންޑަރު މެކްސް ކާސްޓިންގް ފަދަ މީހުންނާ ރިއާޔަތު ވަނީ ބައްދަލުކޮށްފައެވެ.

ޕިންޓަރެސްޓުގެ ކޮންސަލްޓަންޓަކަށް މަސައްކަތްކުރާ ނީނާ ބަންޖާސްއާއެކު ރިއާޔަތު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ޕިކްމޯލްޑިވްސް

ރިއާޔަތު ވިދާޅުވީ، ޖަރުމަނަކީ މިހާތަނަށް މެދުކެނޑުމެއް ނެތި އެންމެ ގިނަ މީހުން ރާއްޖެ އަންނަ އެއް ގައުމަށްވާއިރު، އެގައުމުގެ މާކެޓް ދެމެހެއްޓުމަށް ދުނިޔޭގެ ޓްރެވަލް ދާއިރާގައި ނުފޫޒުގަދަ ފަރާތްތަކުގެ އެހީގައި އަދާކުރެވޭނެ ދައުރެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި ޖަރުމަނަށް ކުރާ ދަތުރުގެ ބޭނުމަކީ މިގޮތަށް ބައްދަލުކުރެވޭ އެފަދަ ފަރާތްތައް މެދުވެރިކޮށް ރާއްޖެއާ ދޭތެރޭ އެކި ގޮތްގޮތުން ޔަގީންކަން ގާއިމް ކުރުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެފަދަ ފަރާތްތަކުގެ ހިތުގައި ރާއްޖެއާ ދޭތެރޭ އުފެދިފައިހުރި ސުވާލުތަކަށް ޖަވާބުދާރީވެ، ރާއްޖޭގައި ހުރި ފަތުރުވެރިކަމުގެ ތަންތަން ބެހިފައިވާ ގިންތިތަކާއި މިވަގުތު އެ ފަރާތްތަކަށް ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ރިއާޔަތު ވިދާޅުވިއެވެ.

އިންސްޓަގްރާމުގައި މަގުބޫލު އަދި މޮޅު ކެމަރާމަން ޖޫލިއަންއާއެކު ރިއާޔަތު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ޕިކް މޯލްޑިވްސް

"އިންފުލުއެންސަރުންނާއެކު ބޭއްވި ކޮންމެ ބައްދަލުވުމެއް ގާތްގަނޑަކަށް ދެތިން ގަޑިއިރަށް ދެމިގެންދިޔަ. އެމީހުންގެ ވަރަށް ސުވާލު ހުރި. އެގޮތުން ގިނަ ވަރުގަދަ ބްރޭންޑްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަރުމަނުގެ އެންމެ ފުރަތަމަ އިންފުލުއެންސަރ މާކެޓިން އެކެޑަމީގެ ކޯފައުންޑަރު ސަޝާ ޝުލްޒް އާ ވެސް ބައްދަލުވެ ދެގަޑިއިރެއްހާއިރު ވަރަށް ގިނަ ކަންކަމާ ގުޅެގޮތުން މަޝްވަރާ ކުރެވުން... މިވަގުތު ގިނަ ބަޔަކަށް ރާއްޖެ ކިޔާދީ، ރާއްޖެއާ މެދު ޔަގީންކަން އުފެއްދުމަށް ވީހާވެސް ގިނަ ރަނގަޅު އިންފުލޫއެންސަރުންނާ ހަމައަށް ޕިކްމޯލްޑީވްސް ގެންދާނަން،" ޖަރުމަނުގައި ހުރެ ރިއާޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕިކްމޯލްޑީވްސްއާ އިންފުލުއެންސާ މާކެޓިން އެކަޑަމީއާ ގުޅިގެން ކުރެވޭނޭ ކިތަންމެ ކަމެއް އެބައޮތް ކަމަށެވެ. އަދި ދިގުމުއްދަތުގައި ބޭނުންވާނީ "ސޭލެސް އޮރިއެންޓެޑް މާކެޓިންގ"ގެ ތެރެއިން އިންފުލުއެންސަރުންނާއެކުވެސް މަސައްކަތް ކުރަން ކަމަށް ވިދާޅުވިއެވެ.

ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރޭ ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން މޯލްޑިވްސް އެފްއޭކިއު ލީފްލެޓަކާއި އެ ހިދުމަތާ ގުޅޭ ވެބްސައިޓް ރިއާޔަތު ލޯންޗު ކުރަނީ --- ފޮޓޯ/ ޕިކް މޯލްޑިވްސް

ރާއްޖެ ޕްރޮމޯޓް ކުރުމަށް ޖަރުމަނުގައި ރިއާޔަތު މިހާރު ހަރަކާތްތެރިވަމުންދާއިރު، ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރޭ ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން މޯލްޑިވްސް އެފްއޭކިއު ލީފްލެޓަކާއި އެ ހިދުމަތާ ގުޅޭ ވެބްސައިޓެއް ރިއާޔަތު ވަނީ އިފްތިތާހް ކޮށްފައެވެ. އެ ބްރޭންޑާއެކު ލީފްލެޓްގެ އިތުރުން ވެބްސައިޓް ލޯންޗު ކޮށްދެއްވީ ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދެވެ.

ރިއާޔަތު ވިދާޅުވި ގޮތުގައި އެފްއެންޑްކިއުގެ ޒަރިއްޔާއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިއަކު ރާއްޖެއާ ބެހޭގޮތުން އަހަން ބޭނުންވާ ހުރިހާ ސުވާލަކަށް އެއް ޕްލެޓްފޯމްއަކުން ޖަވާބު ލިބިގެންދާނެއެވެ.

އަދި މިވަގުތު އެ ވެބްސައިޓުން އިނގިރޭސި ބަހުން މައުލޫމާތު ފެންނަން ހުރި ނަމަވެސް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ޖަރުމަން، ޗައިނާ އަދި ރަޝިއާ ބަހުން ވެސް މައުލޫމާތު ފެންނާނެ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 10 ބަހަކުން ސުވާލާއި ޖަވާބު ފެންނަން ހުންނާނެ ކަމަށް ރިޢާޔަތު ވިދާޅުވިއެވެ.

"ޕިކްމޯލްޑިވްސް ބްރޭންޑުން މިނެރެނީ ސުވެނިއާ ކޮލިޓީގެ ފޮޓޯފޮތެއް. މާބައިވަރު ލިޔުމެއް ނުހުރޭ. އެހެންނަމަވެސް ރާއްޖެ އެހާބޮޑަށް ނޭނގޭ މީހުންނަށް ޕިކްމޯލްޑިވްސްއާ ގުޅުންހުންނަ މޯލްޑިވްސް އެފްއޭކިއު ކަހަލަ ހިިދުމަތަކުން ފައިދާވާނެ. ބޭނުން ސުވާލެއްވެސް ފޮނުވޭގޮތަށް ސައިޓް ތައްޔާރުވާނެ. އޭގެތެރެއިން ހޮވާލެވޭ ސުވާލުތައްވެސް ސައިޓުގައި ޖަވާބާއެކު ޝާއިއު ކުރެވޭނެ. ޕިކްމޯލްޑިވްސްގެ ތެރެއިން އަޅުގަނޑުމެން މޯލްޑިވްސް އެފްއޭކިއު ވަރަށް ބޮޑަށް އިސްތިހާރު ކުރާނަން. އަދި އެމްބަސަޑަރު ޖަމީލާ މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީތީ ވަރަށް އުފާކުރަން" ރިޢާޔަތު ވިދާޅުވިއެވެ.

މިލިއަނެއްހާ ޕޭޖްވިއުސް އޮންނަ "އީކޮންސިއާޖް"ގެ ފައުންޑަރު ގާނޮޓް ބީ. ފްރޭންކާއެކުވެސް ހިޔާލުބަދަލުކުރެވި ޕިކްމޯލްޑީވްސް ފޮތް ހަދިޔާ ކުރިކަމަށް ރިއާޔަތު ވިދާޅުވިއެވެ.

އެ ހަފްލާގެ ކުރިން ރިއާޔަތު ވަނީ މިދިޔަ ހަފްތާތެރޭގައި އެމްބަސީގައި ސަފީރާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ގުޅިގެން ކުރެވޭނެ އިތުރު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ. ބާލިންގައި މިކުރެވެމުންދާ މަސައްކަތްތަކަށް ސަފީރާ އެމްބަސީގެ ސްޓާފުންގެ ފަރާތުން ލިބޭ އެއްބާރުލުމާ ތަރުހީބު ރިއާޔަތު ވަރަށް ބޮޑަށް ފާހަގަ ކުރައްވައެވެ.

"މޯލްޑިވްސް އެފްއޭކިއު" ބްރޭންޑު އިސްތިހާރުކުރުމަށް ޕިކް މޯލްޑިވްސް ފޮތުގެ ބައެއް ކޮޕީއާއެކު ރޭ ދައްކާލެވުނު ލީފްލެޓް ބަހަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް