ކާޑުގެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ވަނީ ދީފައި: އިކޮނޮމިކް މިނިސްޓްރީ

މާލޭގެ ފިހާރައަކުން ކާޑުގެ ބާވަތްތައް ގަނެގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެތި އެއްވެސް ދައްޗެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެމިނިސްޓްރީ އިން މިހެން ބުނެފައި ވަނީ އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ ކުޑަކުރުމުން އޭގެ ސަބަބުން ރާއްޖެ ކާޑަށް ޖެހިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދަނިކޮށެވެ.

ކޮންމެ އަހަރަކު ވެސް އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ ހަމަޖައްސަނީ ރާއްޖެއިން އެތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައިފަ އެވެ. އެގޮތުން މިއަހަރުގެ ކޯޓާ ވެސް ހަމަޖައްސާފައި ވަނީ 1981 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ވެފައިވާ ޓްރޭޑް އެގްރީމެންޓުގެ ދަށުން މި ކަންތަކުގެ މައްޗަށް ބަލައިފަ އެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު އިއްޔެ ސަން އަށް ވިދާޅުވީ ކާޑުގެ ކޯޓާ ކަނޑައާޅާފައި ވަނީ ފާއިތުވި ތިން އަހަރުގެ އިމްޕޯޓަށް ބަލާފައި ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި 2017 ވަނަ އަހަރު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ޖުމްލަ 20،748.70 ޓަނުގެ ގޮދަންފުށެވެ. މީގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 116.66 ޓަނެވެ.

މިދިޔަ އަހަރު 24،824.64 ޓަނުގެ ހަނޑޫ ރާއްޖެ އެތެރެކޮށްފައިވާ އިރު އިންޑިއާ އިން އެތެރެކޮށްފައި ވަނީ 23،560.03 ޓަނުގެ ހަނޑުލެވެ. ހަކުރު އެތެރެ ކުރި މިންވަރަށް ބަލާ އިރު 8806.66 ޓަނުގެ ހަކުރު މިދިޔަ އަހަރު ވަނީ އެތެރެކޮށްފަ އެވެ. އޭގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 501.81 ޓަނުގެ ހަކުރެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް 6001.08 ޓަނުގެ އަލުވި ވަނީ އެތެރެކޮށްފަ އެވެ. މީގެ ތެރޭގައި އިންޑިއާ އިން އެތެރެކުރި 5466.68 ޓަނުގެ އަލުވި ހިމެނެ އެވެ.

ބިސް އެތެރެކޮށްފައިވާ އަދަދަށް ބަލާ އިރު މިދިޔަ އަހަރު ރާއްޖެ އެތެރެކޮށްފައި ވަނީ 155،739،145 ބިހެވެ. މީގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 112،714،160 ބިހެވެ. މުގުގެ ބާވަތްތަކަށް ބަލާއިރު މިދިޔަ އަހަރު ޖުމްލަ 1548.71 ޓަނުގެ މުގު ރާއްޖެ އެތެރެކޮށްފައިވެ އެވެ. މީގެ ތެރޭގައި އިންޑިއާ އިން އެތެރެކުރި 27.36 ޓަނުގެ މުގުގެ ބާވަތްތައް ހިމެނެ އެވެ.

ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އިންޑިއާ އިން ރާއްޖެ އެތެރެކުރުމަށް ދީފައިވާ ކޯޓާ އަށް ބަލާއިރު 946.21 ޓަނުގެ ގޮދަން ފުށް އެތެރެކުުރުމަށް ވަނީ ކޯޓާ ދީފަ އެވެ. އަދި 24،581.03 ޓަނުގެ ހަނޑޫ އަދި 338.47 ޓަނުގެ ހަކުރު އިންޑިއާ އިން ރާއްޖެ އެތެރެ ކުރުމަށް ވަނީ ކޯޓާ ދީފަ އެވެ. ކުރިއަށް އޮތް އަހަރު 5308.70 ޓަނުގެ އަލުވި ރާއްޖެ އެތެރެކުރުމަށް އިންޑިއާ އިން ވަނީ ކޯޓާ ދީފަ އެވެ. އަދި ކުރިއަށް އޮތް އެއް އަހަރު 9892.03 ޓަނުގެ ފިޔާ އިންޑިއާ އިން ރާއްޖެ އެތެރެކުރުމަށް ވަނީ ކޯޓާ ދީފަ އެވެ. ބިހުގެ ކޯޓާ އަށް ބަލާ އިރު 111،809،090 ބިސް އަދި 31.59 ޓަނުގެ މުގު ކުރިއަށް އެއް އަހަރު ރާއްޖެ އެތެރެ ކުރުމަށް އިންޑިއާ އިން ވަނީ ހުއްދަ ދީފަ އެވެ.

"މި ބަދަލުތައް ގެނެސް އިންޑިއާ އިން ނެރުނު ނިންމުމުގައި ވެސް ބުނެފައި އެބަ އޮތް އެއްވެސް ރިސްޓްރިކްޝަނެއް ނެތި މި އަދަދަށް ރާއްޖެ އަށް މި ބާވަތްތައް އެތެރެކުރެވޭނެއޭ." އިންޑިއާގެ ޓްރޭޓް މިނިސްޓްރީ އިން އާންމު ކުރި ކޯޓާގެ އަދަދުތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވި އެވެ.

ކޯޓާ ކުޑަ ކުރި ނަމަވެސް ކާޑުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށާއި އަގަށްވެސް ބަދަލު ނާންނާނެ ކަމަށް ރާއްޖެއަށް އެންމެ ގިނައިން ކާދު އެތެރެކުރާ އެސްޓީއޯ އިން ވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް