"ޓްރެއިނިން އޮން އިސްލާމިކް ކެޕިޓަލް މާކެޓް"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފަށައިފިއެވެ.
މިއަދުން ފެށިގެން ތިން ދުވަހަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮޕމަންޓް ބޭންކް (އައިޑީބީ)ގެ އިސްލާމިކް ރިސާޗް އެންޑް ޓްރެއިންިން އިންސްޓިޓިއުޓް (އައިއާރުޓީއައި) އާ ގުޅިގެން ސީއެމްޑީއޭއިން ބާއްވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އައިއާރުޓީއައިގެ ފަރާތުން އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތެއްކަމުގައިވާ ޑރ. އުސްމާން ބަބިކްރު އާއި އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް މާކެޓްގެ ރޮނގުން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތެއް ކަމުގައިވާ އައުޝަތު މުނީޒާއެވެ.
ތަމްރީން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭގެ ސީއީއޯ ނާދިޔާ ހަސަން ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާކެޓަށް ޝައުގުވެރިކުރުމާއި އެފަރާތްތައް އެ ދާއިރާއަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
ނާދިޔާ ވިދާޅުވީ، އެ ޕްރޮގްރާމްގެ ތެރެއިން އިސްލާމިކް ކެޕިޓަލް މާކެޓާއި އިސްލާމިކް ބޭންކިންއާބެހޭ އަސާސީ މަހްފޫމްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ބައިވެރިންގެ މެދުގައި މަޝްވަރާތަކާއި ސުވާލުކުރުމުގެ ބައިވެސް ކުރިއަށްގެންދާނެ ކަމަށް ނާދިޔާ ވިދާޅުވިއެވެ.
"މި އީ މި ޓްރެއިނިން ބޭއްވޭ ފަސްވަނަ ފަހަރު. މިހާތަނަށް 100 އެއްހާ ދިވެހިންނަށް މި ޓްރެއިނިން ދެވިއްޖެ. އިސްލކާމިކް ކެޕިޓަލް މާކެޓަކީ ދުނިޔޭގައި ވަރަށް މަގުބޫލު ވަމުން އަންނަ ކަމެއް. ހަމަ ކޮންވެންޝަނަލް ކެޕިޓަލް މާކެޓާ އަރާ ހަމަކުރަނީ، އެހެންވީމަ ރާއްޖޭގެ ރައްޔިތުންނަށް ކެޕިޓަލް މާކެޓާ ބެހޭ މައުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން ހިންގާ ޮޕްރޮގްރާމެއް މިއީ،" ނާދިޔާ ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ގޮތަށް 34 ފަރާތަކުން ބައިވެރިވެއެވެ.