އުރުދުޣާން ތުރުކީގެ ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބުވެސް ކާމިޔާބު ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން-- ފޮޓޯ: އަލްޖަޒީރާ

އަންކަރާ (ޖޫން 25): ތުރުކީގެ ރިޔާސީ އިންތިޚާބު އެގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.

ތުރުކީގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ ކޮމިޓީން ބުނީ ވޯޓުގެ 97.2 އިންސައްތަ ގުނާފައިވާއިރު އުރުދުޣާން އަށް 50 އިންސައްތައަށް ވުރެ މާގިނަ ވޯޓު ލިބިފައިވާ ކަމަށާއި ވޯޓުގެ ޓްރެންޑަށް ބަލާއިރު ބާކީހުރި ވޯޓުކޮޅުން ނަތީޖާއަށް އަސަރު ނުކުރާނެކަން ކަށަވަރު ވާކަމުގައެވެ.

ތުރުކީގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ ކޮމިޓީގެ ރައީސް ސައުދީ ޖައުފަން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އިތުރުން އެއާއެކު ތުރުކީގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުވެސް ކާމިޔާބުކުރީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން އުފައްދާފައިވާ ކޯލިޝަނުންކަމުގައެވެ. މިގޮތުން އެކޯލިޝަނަށް ޕާލަމެންޓްގެ 53 އިންސައްތަ ގޮނޑި ލިބި އަޣްލަބިއްޔަތު ހޯދާފައިވާ ކަމަށް ސައުދީ ވިދާޅުވިއެވެ.

އަނެއްކޮޅުން އުރުދުޣާން ވަނީ އިންތިޚާބު ކާމިޔާބު ވުމާއެކު އަންކަރާގައި އޭނާއަށް ތާއީދުކުރާ މީހުންނާ ބައްދަލުކުރައްވައި އުފާފާޅު ކުރައްވާފައެވެ. މިއީ އިންގިލާބު ގެނަސްގެންނާއި އެނޫންގޮތްގޮތުން އޭނާ ވެރިކަމުން ވައްޓާލަން މަސައްކަތްކުރި ފަރާތްތަކަށާއި އެފަރާތްތަކުގެ ފަހަތުގައިވާ ގައުމުތަކަށް ލިބިގެންދިޔަ ވަރުގަދަ ފިލާވަޅެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން މި އިޝާރާތް ކުރައްވަނީ އޭނާއާ ދެކޮޅަށް ފާޑުކިޔާ އެމެރިކާއަށާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ކަމަށް ވަނީ ބެލެވިފައެވެ. އުރުދުޣާންގެ ވެރިކަމުގައި ތުރުކީވިލާތާއި ޔޫރަޕްގެ ގައުމުތަކާ އަދި އެމެރިކާއާވެސްވަނީ ގުޅުންތައް ގޯސްވެފައެވެ.

އުރުދުޣާންގެ ވެރިކަމުގައި ތުރުކީއަށް ގެނަސްފައިވާ ތަރައްގީއާއި އިގްތިސާދީ ތަނަވަސްކަމަކީ އާދަޔާ ޚިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ތުރުކީގައި އުރުދުޣާން އާ ފިކުރުގެ ގޮތުން އެންމެ އިދިކޮޅު ފިކު ގެންގުޅޭ ލާދީނި (އިލްމާނީ) މީހުންގެ ތާއީދުވެސްވަނީ އުރުދުޣާނަށް ލިބިފައެވެ.

އުރުދުޣާން ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ތުރުކީއަށް ގެނަސްދެއްވި ތަރައްގީއާއި ތަނަވަސްކަން ދެމެހެއްޓޭނެ ގާބިލް ބޭފުޅަކު ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި ނެތުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އުރުދުޣާންކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް