ގެޓްސެޓް ލޯނަށް އެޕްލިކޭޝަން ބަލައިގަންނަށް ފަށައިފި

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެޓްސެޓް ލޯނު ސްކީމުގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން "ގެޓް ސެޓް"ގެ ނަމުގައި ކުރިއަށް ގެންދާ ލޯނު ސްކީމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަށް ފަށައިފިއެވެ.

ގެޓްސެޓް ލޯނަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުން، މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ކުރިއަށް ދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނަމިކް މިނިސްޓްރީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެޓްސެޓް ލޯނަށް އެދި ހުށައަޅާ ފޯމް ބަލައިގަނތުން ކުރުިއަށްދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައި ގާއިމްކޮށްފައިވާ އެ މިނިސްޓްރީގެ ކައުންޓަރު ތަކުން ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ފޯމް ބަލައިގަތުންމަަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން 13:00 އަށް ކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.

ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކުވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސައެވެ. އޭގެ ތެރެއިން ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު، 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށެވެ. ކޮންމެ ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމަށްވެސް ހުށެހެޅޭނެއެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ލޯނު ދޫކޮށްފައި ވެއެވެ.

comment ކޮމެންޓް