ނަސީމް ދެއްކި ވާހަކަތައް ހަގީގަތާ ހިލާފު، އެކަން ކުށްވެރިކުރަން: ސަރުކާރު

އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް: --- ފައިލް ފޮޓޯ

ރާއްޖެއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކާއި ރާއްޖެއާ ގުޅުވައިގެން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި އެވެ.

ދިއްލީގައި ހުންނަވައިގެން އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ ޓްރިބިއުން" އަށް ނަސީމް ދެއްވި އިންޓަވިއުގައި އޭނާ ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މި ސަރުކާރުން ހަލާކުކޮށް، ޒަމާންވީ ގުޅުމާ ދުރަށް ދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޗައިނާ އިން ރާއްޖޭގެ 16 ރަށެއް އަތުލާފައިވާ ކަމަށާއި އެތަންތަން ކޮންމެ ވަގުތެއްގައި ވެސް އަސްކަރީ ތަންތަނަށް ބަދަލު ކޮށްފާނެ ކަމަށް ވިދާޅުވެ، އިންޑިއާ އިން އެކަން ހުއްޓުވައި ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތް ކުރުމަށް ގޮވާލައިފައިވެ އެވެ.

އެ އިންޓަވިއުއާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނަސީމްގެ އިންޓަވިއުގައި، ރާއްޖެ އާއި ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން ހީނަރުކޮށް އެގައުމުތަކުގެ ރައްޔިތުންގެ ހިތުގައި ރާއްޖެ އާއި މެދު ނަފްރަތު އުފެދޭ ގޮތަށާއި ދިވެހި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އިހްސާސް ކުރެވޭ ފަދަ ގޮތަކަށް ރާއްޖެ ބަދުނާމު ކޮށްފައިވާ ކަމަށެވެ.

އަދި އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަން ފާހަގަކުރައްވައި ބަޔާނުގައި ބުނީ، ނަސީމް ދީފައިވާ އިންޓަވިއުގައި ދައްކާފައިވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމާއި ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ކިބައިން އަވަށްޓެރި އަދި އެހެން ވެސް ގައުމަކަށް ނުރައްކާވެދާ ފަދަ އެއްވެސް އަމަލެއް ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމަށް އަސަރު ފޯރާފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ދެއްކުން ހުއްޓާލުމަށް އެފަދަ ވާހަކަތައް ދައްކާ ރާއްޖެ ބަދުނާމު ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އަދި އެވާހަކަތައް ދައްކާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ޑިވޮލަޕް ކުރަނީ ހަތް ރިސޯޓެކެވެ. ހަމަ އެގޮތަށް އިންޑިއާގެ ކުންފުނިތަކުން ވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް