ގިނަ އަދަދެއްގެ މެޝިނަރީ ތަކާއެކު މާވާރުލު އެއާޕޯޓުގެ މަސައްކަތް ހަލުވި ކޮށްފި

މާވާރުލު އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައިވާ އިތުރު މެޝިނަރީތައް --- ފޮޓޯ/ އެމްޓީސީސީ

ގިނަ އަދަދެއްގެ މެޝިނަރީ ތަކަކާއެކު ގދ. މާވާރުލުގައި ގާއިމުކުރާ އެއާޕޯޓުގެ މަސައްކަތް އިތުރަށް ހަލުވި ކޮށްފިއެވެ.

އެ ރަށުގައި ގާއިމް ކުރާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޕްރޮޖެކްޓް މެނޭޖަރު، ރިޓަޔާޑް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު "ސަން" އަށް ވިދާޅުވީ މަސައްކަތަށް ބޭނުންވާ އިތުރު މެޝިނަރީތައް ސައިޓަށް ޖަމާކޮށް މައްސަކަތް އިތުރަށް ހަލުވި ކޮށްފައިވާ ކަމަށެވެ.

މާވާރުލު އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައިވާ އިތުރު މެޝިނަރީތައް --- ފޮޓޯ/ އެމްޓީސީސީ

މާވާރުލު އެއާޕޯޓް މަޝްރޫއުގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ވަނީ 1220 މީޓަރުގެ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ އަކާއި މީހުން އެރަށަށް އަރައި ފައިބައި ހެދުމަށް ޓަކައި ޖެޓީއެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހުޝާމް ވިދާޅުވީ މަސައްކަތް ނިންމަން ހަވާލުކޮއްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މާވާރުލު އެއާޕޯޓަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން އަޅަން މަސައްކަތްކުރަމުންދިޔަ އެއާޕޯޓެކެވެ. އެތަން ތަރައްގީކުރަން އެކި ކުންފުނިތަކާއެކު ސޮއިކުރި ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ނުފެށިއެވެ.

މާވާރުލު އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައިވާ އިތުރު މެޝިނަރީތައް --- ފޮޓޯ/ އެމްޓީސީސީ

މާވާރުލު އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށާފައި މިވަނީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމަނައިގެންނެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ އެ އެއާޕޯޓް މަޝްރޫއުއަށް 57 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރަން ވަނީ ނިންމާފައެވެ.

އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ބައްލަވާ ލައްވަނީ ---

ގދ. މާވާރުލަކީ ގައްދޫ ކައިރީ އޮންނަ ފަޅު ރަށެކެވެ. ގެމެނަފުށީ ދާއިރާގައި ހިމެނޭ ރަށްތަކުން އެރަށަށް ލޯންޗެއްގައި 30 މިނިޓް ދެވެއެވެ.

މާވާރުލު އެއާޕޯޓުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާއިރު، އިތުރު ސަރަހައްދުތަކެއްގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް