ސެނެގާލް ކައިރީ ފިޒިކަލްކޮށް ނުކުޅެވޭނެ، ބޭނުންކުރަން ޖެހޭނީ ސިކުނޑި!

ޖަޕާނުގެ ކޯޗު އަކީރާ ނިޝީނިއޯ --- ފޮޓޯ/ އޭޕީ

ސެނެގާލްގެ ކުޅުންތެރިން ކައިރީ ޖަޕާނުގެ ކުޅުންތެރިންނަށް ފިޒިކަލް ކުޅުމެއް ނުކުޅެވޭނެ ކަމަށާއި، ކުޅެން ޖެހޭނީ ވިސްނުންތެރިކަމާއެކުގައި ކަމަށް ޖަޕާން ކޯޗު އަކީރާ ނިޝީނޯ ބުނެފިއެވެ.

ވޯލްޑް ކަޕް ގްރޫޕް އެޗްގައި މިރޭ ޖަޕާނާއި ސެނެގްލާ ނުކުންނަ އިރު، އެ ދެޓީމުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ.

"މެޗަށް ތައްޔާރުވުމަށް އަހަރެން ކުޅުންތެރިން ކައިރީ ބުނިން ފަސް ސެންޓިމީޓަރެއްހާތަން ދިގުވާށޭ ނޫނީ ފަސް ވަރަކަށް ކިލޯ ބަރުވެލާށޭ،" ސަމާސާ ރާގަކަށް ޖަޕާން ކޯޗު ނިޝީނިއޯ ބުންޏެވެ.

ނިޝީނިއޯ ބުނެފައި ވަނީ ފިޒިކަލް ކޮންޓެކްޓްކޮށް، ފިޒިކަލީ ސެނެގާލް ބަލިކުރަން އުޅެގެން ޖަޕާނަށް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ފިޒިކަލް ކޮންޓެކްޓްކޮށް، ފިޒިކަލީ ސެނެގާލް ބަލިކުރަން އުޅެގެން ޖަޕާނަށް ލިބޭނީ ލަނޑު. ސިކުނޑިން ރަނގަޅަށް ޓެކްޓިކަލް ވިސްނުމެއް ވިސްނައިގެން ވީހާވެސް އަވަސް ފުޓުބޯޅައެއް ކުޅެވޭތޯ މަސައްކަތް ކުރަން ޖެހޭނީ. އޭރުން ޖަޕާނުގެ ކުޅުންތެރިންގެ ޓެކްނިކަލް ފައިދާ ނެގޭނެ،" ނިޝީނިއޯ ބުންޏެވެ.

ސެނެގާލްގެ ތަރިއަކީ އެޓީމުގެ ލިވަޕޫލް ފޯވަޑް ސަޑިއޯ މަނޭއެވެ. މަނޭ އަކީ ހަލުވި ކުޅުންތެރިއެއް ކަމަށްވުމުން ނިޝީނިއޯ ބުނީ އޭނާ ހިފަހައްޓަން އުނދަގޫވާނެ ކަމަށެވެ.

"މާނޭއަކީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހޭ ކުޅުންތެރިއެއް. މަނޭ ހިފެހެއްޓިދާނެ. އެކަމަކު މާނޭގެ ސަބަބުން ސެނެގާލްގެ ހުރިހާ ކުޅުންތެރިންނަށްވެސް ހިތްވަރު ލިބޭ. އޭނާއަކީ ނަތީޖާ އަނބުރާލެވޭނެ ފެންވަރުގެ ކުޅުންތެރިއެއް،" ނިޝީނިއޯ ބުންޏެވެ.

ޖަޕާނާއި ސެނެގާލް މިއަދު މިރޭ ކުޅޭ މެޗު އޮންނާނީ 20:00ގައެވެ.

comment ކޮމެންޓް