އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ޑެލީ އަލީ ނުފެންނާނެ

އިންގްލެންޑްގެ މިޑްފީލްޑަރު ޑެލީ އަލީ --- ފޮޓޯ/އޭޕީ

ވޯލްޑް ކަޕްގައި އިންގްލެންޑުން މިއަދު ކުޅޭ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިޑްފީލްޑަރު ޑެލީ އަލީ ނުފެންނާނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ގްރޫޕް ޖީގައި މިއަދު އިންގްލެންޑުން ކުޅޭ މެޗުގައި ވާދަކުރާނީ ޕެނަމާއާ ދެކޮޅަށެވެ. މިއަދުގެ މެޗަށް ނުކުންނަ އިރު، އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވަނީ ޓިއުނީޝިއާ ކޮޅަށް ފަހުވަގުތު ގޯލް ޖަހައިގެން 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ހެރީ ކޭން ދެ ގޯލްވެސް ޖެހި އިރު، މެދުތެރެއިން އެންމެ މުހިއްމު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ އަލީއެވެ. އިންގްލެންޑު ކޯޗު ސައުތުގޭޓް ބުނެފައި ވަނީ ޓިއުނީޝިއާ މެޗުގައި އަލީގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެފައިވާ ނަމަވެސް، މިހާރު ޓީމާއެކު އަނެއްކާވެސް ފަރިތަކުރަމުން އަންނަ ކަމަށެވެ.

ޕެނަމާއާ ދެކޮޅަށް އަލީ ނުފެނުނަސް މިމަހު 28 ވަނަ ދުވަހު އިންގްލެންޑުން ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އަލީ ފެންނާނެ ކަމަށްވެސް ކޯޗު ސައުތުގޭޓް ބުނެފައިވެއެވެ. މިއަދުގެ މެޗުގެ ތައްޔާރީތަކަށް އިންގްލެންޑުން ގެންގުޅުނު ޓެކްޓިކަލް ނޯޓުތައް އެސިސްޓެންޓް ކޯޗު ސްޓީވް ހޮލެންޑް އަތުން ލީކު ވެފައިވާ ކަމަށް މީޑިއާތައް ބުނާ އިރު، އޭގައި ވާގޮތުން މިއަދުގެ މެޗުގައި އަލީގެ ބަދަލުގައި ފުރަތަމަ 11އަށް ނުކުންނާނީ ރޫބެން ލޮފްޓަސް ޗީކެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އެޓީމުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ބެލްޖިއަމް އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

މިއަދު އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ޕެނަމާގެ ޑިފެންޑަރު ހަރޯލްޑް ކަމިންގްސް ބުނެފައި ވަނީ ކޮންމެ ޓީމަކާ ޖެހުނަސް ވާދަވެރި ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިއަދުގެ މެޗަށްވެސް ނުކުންނާނީ ވަރުގަދަ ކުޅުމެއް ކުޅުމަށް ކަމަށެވެ.

ޕެނަމާއާއި އިންގްލެންޑް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރި 17:00ގައެވެ.

comment ކޮމެންޓް