ފަހު ވަގުތު ކްރޫސް ޖެހި ހިތްގައިމު ލަނޑާއެކު ޖަރުމަނަށް އުންމީދެއް

ޖަރުމަނާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕް 'ގްރޫޕް އެފް'ގައި ފަހު ވަގުތު ސްވިޑަން ކޮޅަށް ޓޯނީ ކްރޫސް ޖެހި ހިތްގައިމު ލަނޑާއެކު ޖަރުމަނުން ގަދަ 16ގެ އުންމީދު އާކޮށްފިއެވެ.

ރަޝިއާގެ އޮލިމްޕިކްސްކީ ސްޓޭޑިއޯން ފިޝްޓްގައި ކުޅުނު މެޗުގައި ސްވިޑަން އަތުން ޖަރުމަން މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

ޖަރުމަނާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗުން ޖަރުމަން މޮޅުވުމާއެކު ގްރޫޕް އެފްގެ ފަހު މެޗުތައް އިތުރަށް ފޯރިގަދަވެގެންދާނެއެވެ. އެ ގްރޫޕުން ގަދަ 16ގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވާނީ ގްރޫޕްގެ ފަހު މެޗުތަކަށްފަހުއެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް މެކްސިކޯއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޖަރުމަން އަދި ސްވިޑަންއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ދެކުނު ކޮރެއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ވަރުގަދަ ކުޅުމަކާއެކު ފުރަތަމަ ހާފު ފެށި ޖަރުމަނުން ވަނީ މެޗުގެ ކުރީކޮޅުގައި ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ކުރީކޮޅުގައި ޖަރުމަންގެ ޖޫލިއަން ޑްރެކްސްލާއަށް ލިބުނު ދެ ފުރުސަތަކާއި ޓިމޯ ވާނާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

ޖަރުމަނާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުން --- ފޮޓޯ/ އޭޕީ

މެޗުގެ 32 ވަނަ މިނެޓުގައި ސްވިޑަނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޖަރުމަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިކްޓާ ކްލޭސަން ދިން ބޯޅައަކުން ސްވިޑަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮލާ ޓޮއިވޮނެންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޖަރުމަންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނަށް ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިލްކާއީ ގުންޑޮގަން ދުރުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްވިޑަންގެ ކީޕަރު ރޮބިން އޮލަސަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްވިޑަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުތެރޭ ޖަރުމަނުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މާރިއޯ ގޮމޭޒް ދިން ބޯޅައަކުން ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ރޮއިސްއެވެ.

ޖަރުމަނާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުން --- ފޮޓޯ/ އޭޕީ

ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޖަރުމަނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 83 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ޑިފެންޑަރު ޖެރޯމް ބޯޓެންގްއަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެ ރަތް ކާޑާ ގުޅިގެން ޖަރުމަނުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ބޯޓެންގްއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އޭނާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ހިތްގައިމު ލަނޑަކުން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް، ޖަރުމަނަށް ލީޑު ހޯދައިދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެއް އަރިމަތިން ލިބުނު ހިލޭ ޖެހުން، ރޮއިސް ޖައްސާލުމާއެކު ކްރޫސް ވަނީ ވަރަށް ރީތިކޮށް ސްވިޑަންގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 7:00ގައެވެ. މެކްސިކޯއާ ދެކޮޅަށް ސްވިޑަން ނުކުންނަ އިރު، ޖަރުމަން ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.

މާދަމާ ކުޅޭ ވޯލްޑް ކަޕްގެ މެޗުތައް:

17:00 އިންގްލެންޑް – ޕެނަމާ

20:00 ޖަޕާން – ސެނަގާލް

23:00 ޕޮލެންޑް - ކޮލަމްބިއާ

comment ކޮމެންޓް