މާމުއިގެ ޝޫޓިންއަށް ފަހު ޑާކްރެއިންގެ މިސްރާބު "ނޮވެމްބަރު" އަށް!

ދިވެހި ފިލްމު އިންޑަސްޓްރީގައި ޑާކްރެއިން އެންޓަޓެއިންމަންޓަކީ ވަރަށް ކުރީގައި އުޅޭ ޓީމެކެވެ.

ފިލްމަކަށް ފަހު ފިލްމެއް މެދުކެނޑުމެއް ނެތި ގެނައުމަށް އަމާޒު ހިފާ ޑާކްރެއިން މިހާރު ކުރަމުން އަންނަނީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމު "މާމުއި"ގެ މަސައްކަތެވެ.

"މާމުއި"ގެ މަސައްކަތް ނިންމުމަށްފަހު ޑާކްރެއިންއިން އާ ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީމުން ބުނެއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ނޮވެމްބަރު"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރާނީ އައިޝަތު ފުއާދު އަދި މަރިޔަމް ނަދްރަތު ކަމަށެވެ.

ފިލްމުގެ ކާސްޓުން އަދި އިއުލާންކޮށްފައިނުވާއިރު ފިލްމުގެ ކާސްޓުން އަވަސް މުސްތަގްބަލެއްގައި އެނގިގެން ދާނެއެވެ.

މޮގާ ބުނީ "ނޮވެމްބަރު"ގެ ޝޫޓިން ކުރިއަށްދާނީ މާލޭގެ އިތުރުން ސިންގަޕޫރުގައި ކަމަށެވެ. އަންނަ އަހަރު ފިލްމުގެ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރާ ކަމަށްވެސް މޮގާ ސަންއަށް ބުންޏެވެ. "ނޮވެމްބަރު"ގެ ޑައިރެކްޓަރަކީ އަލީ ޝިފާއު އެވެ.

ޑާކްރެއިންއިން ދެން އެންމެ އަވަހަށް ގެނެސްދޭ ފިލްމަކީ ޖުމައްޔިލް ނިމާލް ލީޑުން ފެނިގެންދާ "ގޮށްރާޅު"އެވެ. އަންނަ ޑިސެމްބަރު މަހު ފިލްމު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެ ފިލްމަށް ފަހު އެ ޓީމުން ގެނެސްދޭނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު "މާމުއި" އެވެ.

comment ކޮމެންޓް