އިންސްޓަގްރާމު ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް

އިންސްޓަގްރާމުން އައިޖީޓީވީ ލޯންޗް ކުރުން ---

ފޮޓޯ ޝެއަރިން އެޕްލިކޭޝަން އިނސްޓަގްރާމު ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އަރައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެޕްލިކޭޝަން ބޭނުންކުރާ 800 މިލިއަން މީހުން ތިބި ކަމަށް އިންސްޓަގްރާމުގެ ތަފާސް ހިސާބުތައް ދެއްކިއެވެ. އެ އެޕްލިކޭޝަންގެ އެއް ބިލިއަން ޔޫޒަރުންގެ އަމާޒު ހާސިލްވިކަން ހާމަކޮށްފައިވަނީ އައިޖީޓީވީ ލޯންޗުކުރުމަށް ސެން ފްރެންސިސްކޯގައި ބޭއްވި ރަސްމިއްޔާތުގައި އިންސްޓަގްރާމުގެ ކޯ ފައުންޑަރު މައިކް ސިސްޓޯމްއެވެ.

އިންސްޓަގްރާމަކީ މީގެ ކުރިން ވަކި ކުންފުންޏެއްގެ ދަށުން ހިންގި އެޕްލިކޭޝަނެއް ނަމަވެސް 2012 ވަނަ އަަހަރު ފޭސްބުކް އިން ވަނީ އިންސްޓަގްރާމު ގަނެފައެވެ.

އިންސްޓަގްރާމުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ 2010 ވަނަ އަހަރު އެ އެޕްލިކޭޝަން ލޯންޗު ކުރުމަށްފަހު އެންމެ ބޮޑު އަމާޒަކަށްވީ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށް އިންސްޓަގްރާމު ހެދުން ކަމަށެވެ.

އެއް ބިލިއަން ޔޫޒަރުންނާއެކު އައިޖީޓީވީ ލޯންޗު ކުރިއިރު މިއީ އެއް މިނެޓަށްވުރެ ދިގު ވީޑިއޯއަށް ޚާއްސަ ޕްލެޓް ފޯމެކެވެ. މި "ޓީވީ" އިން އިންސްޓަގްރާމު ޗެނަލްތައް ހިންގާ ވްލޮގަރުންގެ ވީޑިއޯތައް ބަލައިލެވޭނެއެވެ. އަމިއްލަ ޗެނަލެއް ހިންގަން ބޭނުންނަމަ ފޯނުން ނޫނީ ވެބް މެދުވެރިކޮށްވެސް ވީޑިއޯ އަޕްލޯޑު ކޮށްލެވޭނެއެވެ.

ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ އެންޑްރޮއިޑް އަދި އައިއޯއެސް ހުރިހާ ޑިވައިސް އަކަށް އައިޖީޓީވީ ލިބޭނެއެވެ.

comment ކޮމެންޓް