އާންމުންނާއި ތިމާގެ މީހުންގެ އެހީގައި ނިޒާމުގެ ބިލުތައް ދެއްކުމުން ހޮސްޕިޓަލުން ދޫކޮށްލައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިމަހުގެ އެއްވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. ކަލައިދޫ ޕެންޒީމާގެ މުހައްމަދު ނިޒާމު ހޯދި ފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ނިޒާމުގެ ބޭބެ އިބްރާހިމް ނިޒާމު 'ސަން'އަށް ބުނީ ނިޒާމު ހޮސްޕިޓަލުން ދޫކޮށްލީ ބުދަ ދުވަހު ކަމަށެވެ.

"ގާތްތިމާގެ މީހުންނާއި އާންމުންގެ ފަރާތުން ލިބުނު ފައިސާ އިން ހޮސްޕިޓަލުގެ ބިލު ދެއްކީ. މިހާރު ގެއަށް ދޫކޮށްލައިފި،"

މީގެ ކުރިން ނިޒާމުގެ ބޭބެ ބުނީ ޓްރީ ޓޮޕުން ދިން ފަރުވާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މި އެކްސިޑެންޓުގައި ނިޒާމުގެ ކޯ ކަށިގަނޑު ބިނދި، މޫނަށާއި ބޮލަށް އަދި ލޮލަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އަނިޔާތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕުން އޭނާގެ މޫނުގެ ސާޖަރީއަކާއި ބޮލުގެ ދެ ސާޖަރީއެއް ވަނީ ހަދައިފައެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އޭނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ވަނީ ޓްރީޓޮޕުން ހަދައިފައެވެ. މީގެ އިތުރުން ނިޒާމުގެ ބޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް ބޮލުގެ ދެ ސާޖަރީއެއް ވެސް ވަނީ ހަދައިފައެވެ. މިއީ "ސިކުނޑި ކައިރިއަށް ލޭ އެޅިފައިވާތީ" ހެދި ސާޖަރީތަކެއް ކަމަށްވެސް ނިޒާމުގެ ބޭބެ ވަނީ ބުނެފައެވެ.

ޓްރީޓޮޕުގައި ދިން ފަރުވާއަށް 300،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޗާޖުކޮށް ބިލު ފޮނުވާފައިވާ އިރު އާސަންދައިން 36،000 ރުފިޔާ ދީފައިވާ ކަމަށް ނިޒާމުގެ ބޭބެ ބުންޏެވެ. މީގެ ކުރިން އާއިލާއިން މަސައްކަތްކޮށްގެން ބިލުގެ އެއްބައި ވަނީ ހަމަކޮށްފައެވެ. އަދި ބާކީ ނުދެއްކި އޮތް 111،000 ރުފިޔާ ހޯދުމަށް އާއިލާއިން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ޓްރީޓޮޕުގައި ލޮލުގެ ފަރުވާ ނުދޭތީ، ނިޒާމުގެ ލޮލަށް ފަރުވާކުރުމަށް އިންޑިއާއަށް ދާން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. އާއިލާ އިން ބުނީ ނިޒާމުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ލޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ހޯދަން އިންޑިއާއަށް ދާން ނިންފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ނިޒާމުގެ ލޮލަށް ލިބުނު ގެއްލުމަށް ފަރުވާކުރުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެގެންނެވެ. ސައިކަލު ދުއްވާފައި ދިޔައީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. ހުއްދަ ނެތި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަދެ އުޅުމަކީ މަނާކަމެކެވެ. އެކްސިޑެންޓު ހިނގީ ސައިކަލު ކޮންޓްރޯލުނުވެ މަގު ބަންދުކުރަން ޖަހާފައިވާ ހޮޅިއެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓަށްފަހު ނިިޒާމު ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުން ސީޓީ ސްކޭނު ނުހެދޭތީ ޑޮކްޓަރުން ލަފާ ދިނީ މާލެ ގެންދިއުމަށެވެ. ނަމަވެސް އާއިލާއިން ބޭނުންވެގެން އޭނާ ޓްރީޓޮޕަށް ބަދަލުކުރީއެވެ.

comment ކޮމެންޓް