ތަފާތު ލޯތްބެއް - 14

"ޑޭމިޓް....." ނާޔަލްގެ ހިތް ހަލާކުވާވަރުވިއެވެ. ރުޅިންގޮސް މޮޔަވާވަރުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް އެދެމީހުން ދޭތެރެއަށް ވަދެވުނުގޮތަށް ގޮށްމުށުގެ ބާރު އެތިފަހަރެއް މޫނަށް ވީއްލާލެވުނުއިރު އެދެލޮލުން އަލިފާނުގެ ކަނިތައް ބުރާފަދައެވެ. އެދެމީހުން ތުން ގުޅުވާލައިގެން އެބެންޗުގައި އިށީދެގެން ތިބީ އޭނަގެ ލޮލުގެ ކުރިމަތީ ވިއްޔާއެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ. މައުސޫމްކަމުގެ ދާވަނި ފަތުރާލައިގެން ހުރެ އަނދިރިފަރާތް ފޮރުވިޔަސް ހުރިހާ ހަގީގަތެއް ހާމަވެއްޖެއެވެ.

އެހާބޮޑަށް ކެމީލާކަމަށް ހީކުރެވުނީ ސަބަބެއްނެތި އެއް ނޫނެވެ. އެސަރަހައްދުގައި ސަވައިލަންސް ކެމެރާތައް ބަހައްޓާފައި ހުއްޓާ އިތުރުބަޔަކަށް މިގަޑީގައި އެހިސާބުގައި އުޅޭނެކަމަށް ހީނުކުރެވުނީއެވެ. ކައިޒާންއާއި ކެމީލާކަމަށް ޔަގީންކޮށް އެތިފަހަރު ހަގީގަތުގައި ވީއްލައިލެވުނީ މާކަސްގެ މޫނަށެވެ. މާކަސްއާއި އޭނަގެ ލޯބިވެރިޔާއާއި ދެމީހުން ދިގު ގޮނޑިން ތެދުވުމާއިއެކު ނާޔަލް ފޯނުން އަލި އަޅުވާލައިފިއެވެ. އޭރު މާކަސްގެ އަނގަމަތި ފަޅައިގެންގޮސް ލޭ ތިކިތަޅަތަޅާ ވާތަން ފެނުމުން ނާޔަލްގެ ރުޅި މައިތިރިވާގޮތްވިއެވެ.

"އޯ. އިޓްސް ޔޫ. އަހަރެން ހީކުރީ...އިންޓްރޫޑާސްއިން ތަކެއްކަމަށޭ..............."

"އަހަރެން ހިޔެއްނުކުރަން ކަލޭމެން ދެމީހުން އަދި މި ގަނޑު ގަންނަކަމެއް......" ނާޔަލްގެ ހިތަށް ލުޔެއް ލިބި ހިނިތުންވެލެވުނެވެ. ކެމީލާއާއި ކައިޒާންއަށް ވިނަމަ އޭނަ އަތުން ކައިޒާން މަރުވާނެއެވެ. އޭނަގެ ދެފަރާތުން ދެބެންގެ ދެދަރި ޒުވާނަކަށް ވުމުގެ ކިހާ ބޮޑަށް ލޭގެ ގުޅުން އޮންނާނެ ހެއްޔެވެ. ނަމަވެސް އެކަމަށް އޭނަގެ ފަރުވާލެއްނެތެވެ. ރުޅިގަދަވަނީ ކެމީލާގެ ހިތް އޭނައަށް އެނގޭތީއެވެ. ކެމީލާގެ ހިތުގައި ކައިޒާންއަށްޓަކާ މަގާމެއްވާކަން އެނގޭތީއެވެ. އެކަމުގެ ސަބަބުން އޭނަގެ ހުރިހާ އުފާތަކެއް ވިއްސިވިހާލިވެގެން ހިގައްޖެއެވެ.

"އޯކޭ ދެން. ސޮރީ ފޯ އިންޓެރަޕްޓިން. އަހަރެންވެސް ނުނިދިގެން ހިނގާލަން ނުކުމެ މިއުޅެނީ...." ނާޔަލް "ސޮރީ" އޭ ބުނާކަށްވެސް ހަދާނެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތާއި ސިކުނޑިއަށް ކެމީލާ ވެރިވެގަނެފައިވެއެވެ. ކޮންމެގޮތެއް ހަދާފައިވެސް ކެމީލާ އޭނަގެ ދިރިއުޅުމަށް ގެނައުން ނުގުޑާފަދަ އަޒުމަކަށްވެ އެކަމާއިމެދު ވިސްނެނީއެވެ. ކެމީލާ އަމިއްލަ ކުރާނެ ގޮތެއް ޚިޔާލުކުރުންނޫން ކަމެއް ވަނީއެއް ނޫނެވެ. ކެމީލާ ގަދަ ހަދާތީ ވަކިންބޮޑަށް ހާސިލުކުރުމުގެ އެދުން ހިތުގައި ވަރުގަދަވިއެވެ. ކައިޒާންއާއި ކެމީލާ ސިއްރުން ރައްޓެހިވެގެން އުޅުނަސް އޭނައަށް ފަރުވާލެއްނެތެވެ. އޭނަގެ އާއިލާއިން ދެކޭނެގޮތަކާއިމެދުވެސް ފަރުވާލެއްނެތެވެ. އޭނަގެ ބައްޕައާއި މަންމަ ގެނެސްދޭ ކުޅޭއެއްޗެހި ދެކެ ފޫހިވެގެން ހަލާކުކޮށްލާއިރަށް އާ އެއްޗެހި ގެނެސްދޭގޮތަށް މިފަހަރުވެސް އޭނަބޭނުން އެއްޗެއް ހޯދަދޭން މަންމަ ދެކޮޅުހަދަންވީ ސަބަބެއް ނޭގެއެވެ.

ނާޔަލް ކައިޒާންމެންގެ އިންތިޒާރުގައި އެގޭގެ ގަސްތަކުގެ ތެރޭގައި ހުއްޓާ ކައިޒާންއާއި ކެމީލާއެކީގައި ހިނގާލާފަ އަންނަތަން ފެނުނެވެ. ދެލޯބިވެރިން ފަދައިންނެވެ. ނާޔަލްއަށް ޝޮކެއްލިބުނެވެ. ނަމަވެސް އެކަން މޫނުމަތިން ދައްކާނުލާ އޭނަ ގަސްތަކުގެ ނިވަލުން ނުކުތެވެ. އެހިސާބުގައި ބަގީޗާގެ ބައްތިތައް ދިއްލާލާފައި ވުމުން ކެމީލާގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. މައުސޫމްކަމުގެ ދެވަނައެއްނެތެވެ. އުފާވެރިކަމުން ދެލޯ އުޖާލާވެފައިވެއެވެ. ކެމީލާ ކައިޒާންއާއިއެކު ވުމުން މިހިރީ ހާދަ އުފަލުންނެވެ. ނާޔަލް ކުއްލިއަކަށް ޖީބުން ނެގި ފިސްތޯލަ ކައިޒާންއާއި އަމާޒުކޮށްލިއެވެ. ކެމީލާގެ ދެލޯ ބޮޑުވެ މޫނު ހުދުވިއެވެ. އެއާއިއެކު ކައިޒާންގެ ގައިގާ ބައްދައިގަތްއިރު ދެފައިވެސް ބިންމަތީ ހަރުނުލާހެން ހީވިއެވެ. ނާޔަލް ބެލީ ހަލާކުވެފައިވާ ހިތަކާއިއެކުގައެވެ. ކެމީލާގެ ހިތުގައިވާ ލޯބި ނާޔަލް ދެނެގެންފިއެވެ. ލޯބިވެރިޔާ ސަލާމަތްކުރަން އެހެރީ ގުރުބާން ވާން ތައްޔާރަށެވެ. ނާޔަލް ހީކުރީ އަދި ކެމީލާ ހިފައިގަތީ ކައިޒާން ސަލާމަތްކުރަން ކަމަށެވެ. އިރުކޮޅެއް ނުވަނީސް ފެނުނީ ކެމީލާ ތިރިއަށް ސޮއްސައިލިތަނެވެ. ބިރުންގޮސް އަނބުރައިގަތީއެވެ. ކައިޒާން ހުއްޓުންއެރިއެވެ. ނާޔަލް ވިދާލި ވިދުވަރެއްފަދައިން ކެމީލާގެ ކައިރިއަށް ތިރިވެ އަތްދަނޑިމައްޗަށް ނެގިތަން ފެނުމުން ކައިޒާންގެ ހިތަށް ނުބައިގޮތެއް ވިއެވެ.

"ފެއިންޓްވީދޯ. ލެޓް މީ ހެލްޕް. ނަސީބެއްނު ޑޮކްޓަރަކަށް މިތާ ހުރެވުނުކަން." ނާޔަލް ކެމީލާ ގެންގޮސް ސޯފާގައި ބޭއްވުމަށްފަހު މޫނުގައި ފެންފޮދެއް ހާކައިލިއެވެ. ހުދުވެފައިވާ މޫނަށް މަޑު ފިޔާތޮށިކުލައެއްވެރިވާން އުޅުނެވެ. ކެމިލާ އޮތީ ލޯ ނުހުޅުވާށެވެ.

"ކޮންކަހަލަ ސަމާސާއެއް ތިކުރީ. ކެމީލާ ބިރުންގޮސް ފެއިންޓްވީނު........." ކައިޒާން ދެލޯ ހަނިކޮށްލިއެވެ

"ހަހަ......ކެމީލާ ހީކުރީ އަހަރެން ސީރިޔަސްކޮށް ކައި މަރާލަން އުޅެނީކަމަށް. ބަލާބަ ސަލާމަތްކޮށްދޭން ކުރިމައްޗަށް އެރިގޮތް. ރަގަޅު އެކުވެރިއެއްކަމާއިމެދު ޝައްކެއްނެތް. އެނީވޭސް ކޮންތާކު އުޅެފައި ދެމީހުން ތިއައީ؟ އަހަރެންވެސް ހަމަ ނުނިދިގެން ހިނގާލަން ނިކުމެ އުޅުނީ. މި އަންހެންކުދިންގެ ފިނޑިކަމާއިހެދި އަހަރެމެން ފިރިހެންވެރިންނަށް ދުނިޔެއަކު ނޫޅެވޭނެ. ފިރިހެނަކު ފެނުނަސް އަނބުރައިގަންނަނީވިއްޔަ. " ނާޔަލް ކެމީލާގެ އަތުގައި ހިފެހެއްޓިގޮތަށް މަޑުމަޑުން ފިރުމަމުންދާތަން ފެނި ކައިޒާންއަށް އުދަގޫވިއެވެ. ކެމީލާވެސް ބޭނުންވާނެގޮތެއް ނޫނެވެ. އަނބުރައިގެންފާ އޮތެއްކަމަކު އަންހެންކުދިންގެ ކަރާމާތްތެރިކަމަށް އަރައިގަންނާކަށް ނުވަނެ ނޫންހެއްޔެވެ.

"މާ ފޮނިބޮޑުވެގެން ކެޓް ތިއުޅެނީ. އަހަންނާއި ދުރުވާން އުޅޭވަރަކަށް ގާތްވާނީ. އޭރުން ހިތަށް އަރާނެ މިގޮތަށް ބޮޑާ ނުހޭކުނު ނަމައޭ......." ނާޔަލް ހިތާހިތުން ކިޔައިލިއެވެ.

"ވަޓް ވޯޒް ދެޓް ފޯ. ސަމާސާއަކަށް ހަދައިގެންވެސް ފިސްތޯލަ ނެގީމަ ކެމީލާ ހާދަ ބިރުގަންނާނެއޭ. ވަރަށް ނައީވް ތަފާތު ކުއްޖެއް އެއީ........." ކައިޒާން ހިތްހަމަނުޖެހިފައި ހުރިވަރު އެޖުމްލައިން ސާބިތުކޮށްދިނެވެ. ނާޔަލް އެކަމާއި ގުޅޭގޮތުން އިތުރު އެއްޗެކޭ ނުބުންޏަސް އޭނަގެ ހިތް ހަލަބޮލިވެފައިވެއެވެ. ހަގީގަތުގައިވެސް ކައިޒާންއާއި އޭނަ ހަގުރާމައަކަށް ދާން ނުޖެހޭނެބާވައޭ ހިތަށް އެރިއެވެ. ކައިޒާންނޫން އެހެންމީހަކު މިތަނުގައި ވިނަމަ ކޮންފަދަ ހެއްޔެވެ.

އެމެރިކާގައި އާއްމުން ބަޑި ގެންގުޅުމުގެ ހުއްދަ އޮންނާތީ ކިތަންމެ މީހުންނެއް އަމިއްލަ ސަލާމަތީ ވަސީލަތެއްގެ ގޮތުން ފިސްތޯލަ އެއްޗެހި ގެންގުޅެއެވެ. ރެޖިސްޓްރީކޮށްގެންނެވެ. ނާޔަލްފަދައިން އެ އާއިލާގެ އެހެން މީހުން އަތުގައި އެފަދަ ހަތިޔާރުތައް ހުރެއެވެ. އެކަން ނޭގުނީ ކެމީލާއަށެވެ. ކެމީލާއަކަށް އެކަމެއް އަދި ނޭގެއެވެ. މާލޭގައި އުޅެ ބޮޑުވާ ކުދިންނަކަށް އެމެރިކާފަދަ ތަންތަނުގެ ގަވާއިދުތަކާއި ގާނޫނު ނޭގި ހިގައިދާނެއެވެ. ނާޔަލް ފިސްތޯލައެއް ގެންގުޅޭކަން އެނގުމުން ހިތަށް އެންމެ ނުބައި އެއްޗެހި އައީއެހެންވެއެވެ. ނާޔަލް ހާދަ ނުލަފައެވެ. ހާދަ ނުބައި މީހެކެވެ. ގޭންގެއްގެ މީހެއްކަންނޭގެއެވެ. ނޫނީ ޓެރަރިސްޓެކެވެ. މީހުން ބިރުގަންނަވަން ބަޑި ގެންގުޅޭނީ ހާދަ ނުބައި މީހުންނެވެ. އެފަދަ މީހަކާއި ކައިރިވާކަށްވެސް ލާހިކެއްނޫނެވެ. ނާޔަލްދެކެ ކުރިން ވީ ފޫހިކަން އެތައްގުނަ ބޮޑުވިއެވެ. ފޫހިކަން ނަފްރަތަށް ބަދަލުވެއްޖެއެވެ. ނާޔަލް އެތާ އިންދާ ލޯ ހުޅުވައިލާކަށްވެސް ބޭނުމެއްނޫނެވެ. ނަމަވެސް އެހެން މަޑުން އޮވެގެން ވާކަށްވެސް ނެތެވެ. ނާޔަލް އޭނަގެ އަތުގައި ފިރުމަން ދީގެން އޮތުމަކީވެސް ވިޔާނުދާކަމެކެވެ. އޭނަގެ ހުއްދަނެތި އޭނަގެ އަތުގައިވިޔަސް އަތްލައިގެން ނުވާނެ ނޫންހެއްޔެވެ. ހިމޭނުން އޮތިއްޔާ ނާޔަލް ކުރާ ނުބައިކަމާއި ބައިވެރިވެވެނީއެވެ.

"ކައި. އަދިވެސް ކެމީލާ ހޭނާރާ ގެނެސްދީބަލަ އައިސް ކިއުބްކޮޅެއް......" ނާޔަލް އެދުނެވެ. ކައިޒާންގެ ފިޔަވަޅުތައް ދުރުވަމުންގޮސް އަޑު ކެނޑުމުން ނާޔަލް ގެ ހޫނު ނޭވާތައް ކެމީލާގެ މޫނަށް އެޅެންފެށިއެވެ.

"ގެޓް އަވޭ ފްރޮމް މީ........." ކުއްލިއަކަށް ކެމީލާ ދެލޯ ބޮޑުކޮށްލުމާއެކު ނާޔަލްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލަން އުޅުނެވެ. ނާޔަލްގެ ހަޔާތްކުޑަކަމާއިމެދު މީހަކު ހައިރާނެއްނުވާނެހެއްޔެވެ.

"އައި ތޯޓް އަދިވެސް ނޭވާ ނުލާކަމަށް. އެހެންވެ ސީޕީއާރުދޭން އުޅުނީ......."ނާޔަލް ހޭންފެށިއެވެ.

"ގަބޫލެއްނުކުރެވޭ. ފެއިންޓްވެފައި އޮތް އަންހެންކުއްޖެއްގެ ބަލިކަށިކަމުން ފައިދާ ނަގަން އުޅުނީ...." ކެމީލާ ރުޅިއައިވަރުން އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ނާޔަލް ހެދިގޮތަކަށް ހަދަން އޭނަވެސް މަޑަކުން ނުހުންނާނެއެވެ. ހަގީގަތަކީ ނާޔަލްއަށް ކެމީލާއޮތީ ހޭލާކަން އެނގޭކަމެވެ. ކެމީލާ ރުޅިއަރުވާލުމުން އެމޫނަށް ވެރިވާ ކުލައާއި ތުން ފިތާލާގޮތް އަދި ކަޅި އަޅާލާގޮތުން ނާޔަލްއަށް ހިތްހަމަޖެހުމެއްލިބެއެވެ. ނާޔަލް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ކައިޒާން އައިސްކިއުބްތަކެއް ހިފައިގެން އަންނަތަން ފެނުމުން ނާޔަލް ހީލިއެވެ. ކެމީލާ ހޭއަރައިފިކަމުގައި ބުނެލިއެވެ.

ނަތާޝާ އޭނަގެ ދަރިފުޅު ކައިޒާންއާއި ބައްދަލުކޮށްލަން އައީ އަންގާލުމެއްނެތިއެވެ. ކައިޒާންގެ އުޅުމާއިމެދު ނަތާޝާ ކިތަންމެ ދެރަވިޔަސް ދަރިފުޅު ގެ މިޒާޖު އެހާ ފަސޭހައިން ބަދަލުނުވާނެކަމަށް ގަބޫލުކުރަންޖެހެއެވެ. ދަރިން ބޮޑެތިވުމަށްފަހު އެކުދިން ބޭނުންވާ މިނިވަންކަން ދޭންޖެހޭނެއެވެ. ކައިޒާން ކައިރި ބުނެފައި އެގެއަށް ޒިޔާރަތްކުރަން ވެއްޖެއްޔާ އެތައް ބަހަނާއެއް ދައްކާނެއެވެ. އަންގައިގެން އެކުއްޖާއާއި ބައްދަލުކުރުން ވުމަށްވުރެ ނުވުން ކައިރިއެވެ. އެހެންވެ ގުޅާވެސް ނުލާ ކައިޒާން ދެކޭހިތުން ޖައްސައިލީއެވެ. ނަތާޝާ ކާރު މަޑުކޮށްލާފައި ފޭބިއެވެ. ޚަރީފު މޫސުމްގެ ހިތްގައިމުކަމާއި އެއްވަރަށް ފިނިކަން ގަދަވެ ދުންފިނި ހިފާލާފައިވިއެވެ. ނަތާޝާ ގޭގެ ބެލް އަޅައިލުމުން ދޮރު ހުޅުވީ ބުރުގާ އަޅާފައި ހުރި އަންހެންކުއްޖެކެވެ. ދުވަހަކު އެގެއިން އަންހެންކުއްޖެއް ފެނިފާ ނުވުމުން ނަތާޝާއަށް ހައިރާންކަމެއް ލިބުނެވެ.

"ކޮންކުއްޖެއް މައި ޑިއާ ގާލް....." ނަތާޝާ ވާހަކަދެއްކީ އިނގިރޭސިންނެވެ. އެމެރިކަން އެކްސެންޓްއެވެ. ފުން ނަޒަރަކުން ކުރިމަތީގައި ހުރި ފަތްމިންޏެއްފަދަ ރީތި އަންހެންކުއްޖާއަށް ބަލައލިއެވެ. ކައިޒާންއާއި ގުޅޭ އަންހެންކުއްޖެކޭ ހިތަށް އެރިއެވެ.

"އަޅުނގަޑަށް ކިޔަނީ ކެމީލާ...." ކެމީލާއަކަށް މި އަންހެންމީހާއަކީ ކާކުކަމެއް ނޭގުނެވެ.

"މީ ކައިޒާންގެ މަންމަ. ނުބުންޏަސް މިގޭގައި އަންހެންކުއްޖަކު ދިރިއުޅޭނީ ކައިޒާންއަށް ކިހާ ސްޕެޝަލްވީމަކަން އެނގޭ. ވަރަށް އުފާވެއްޖެ ކައިއަށް ކަމުދާ އަންހެންކުއްޖެއް ފެނުނީމަ. އޭނަވެސް ރަގަޅު ބައިވެރިޔެއް ހޯދައިގެން ސެޓްލްޑައުން ވާ އުމުރަށް ގޮސްފައި އެވަނީ. އަންހެންކުއްޖަކު އެކީ އުޅެންފެށީމަ ކައިގެ ޕާސެނެލިޓީވެސް ޕަފެކްޓްވާނެކަން ނޭގޭ....." ނަތާޝާ ވަރަށް ގަޔާވެލާފައި ކެމީލާއާއި ވާހަކަދައްކަން ސޯފާގައި ޖައްސައިލިއެވެ. އިންޓަވިއުއަކަށް ގެނެސްފާ ވާ މީހެއްފަދައިން އެކި ސުވާލުތައްކޮށް ކެމީލާ ދެނެގަންނަން ނަތާޝާ އުޅުނެވެ. ވާހަކަދެއްކިވަރަކަށް ނަތާޝާގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވިގޮތަށް ތުން ފިތައިލެވިއްޖެއެވެ. ކެމީލާއަކީ ކާކުގެ ދަރިއެއްކަން އެނގުމުން އެހިސާބުން އޭނަ ކެމީލާއާއި ކައިޒާންގެ ގުޅުމަށް އިންކާރުކުރަން ނިންމިއެވެ. ކޮންމެގޮތެއް ހަދާފައިވެސް ކެމީލާ އޭނަގެ ދަރިފުޅުގެ ހަޔާތުން ފައްސާލާނެއެވެ. ތަބީއަތު ގޯސްވިވަރުން އިތުރަށް އެގޭގައި މަޑުކުރަން ނަހަދާ އޭނަގެ ކޮއްކޮ ނަތާލީގެ ގެއާއި ދިމާލަށް ފައި ހިނގައިގަތީ ފައިމަގުގައެވެ.

ޚަރީފުމޫސުމްގެ އެއް ފެސްޓިވަލްއަކީ ޕަމްޕްކިން ފެސްޓިވަލްއެވެ. އެކި ސައިޒުގެ ބަރަބޯ ތައް އެކި ގޮތްގޮތަށް ކަނޑާ ކުރެހުން އަޅާފައި ގޭގެ ޕޯޗްތަކާއި ދޮރުމަތިން ފެނެއެވެ. ބައެއް ބަރަބޮލުގައި ބިރުވެރި ސޫރައަށް ކަނޑާލާފައިވާއިރު ބައެއް އެއްޗެހީގައި ހިނިތުންވެފައިވާ މޫނުތަކެވެ. ބައެއްފަހަރު އެގޮތަށް ކަނޑާފައި އެތެރޭގައި އުއްބައްތިތައް ޖަހައިގެން ދިއްލާފައި ބަހައްޓަނީ ޝައިތާނީ ރޫހުތައް ފަހާލުމަށްކަމުގައި ބުނެ އުޅެއެވެ. އޮކްޓޫބަރު އެއްތިރީހުގެ ކުރިން ފެށިގެން ހެލޮވީންއަށްޓަކާވެސް ތައްޔާރީވާން ފަށައެވެ. ބަރަބޯ މޫސުމާއި ހެލޮވީން އެއްކޮށްހެން އަންނާތީ އެދެ ކަންތައް އޮންނަނީ ގުޅުވާލެވިފައެވެ. ބަރަބޮލުން ހަދާފައި ތަފާތު ވައްތަރުގެ ކުކީޒްތަކާއި ފޮނި ކާއެއްޗެހީގެ އިތުރުން ގޭގައި ތައްޔާރުކުރާ އައިސްކްރީމު ލިބެން ހުރެއެވެ. ދާހާ ތަނަކުން ފެންނަނީ މުޅިންވެސް ބަރަބޮލެވެ. ހުރިހާ ފިހާރަތަކުންނާއި މަގުމަތީ ހުންނަ ކަޑާތަކުގައިވެސް ބަރަބޯ އޮންނަނީ ގިނަވެފައެވެ. މިހާވަރުން އެމެރިކާ މީހުން ބަރަބޮލާއި ހެދި އުޅޭ އުޅުން ކެމިލާއަށް މަޖާ ކަމަކަށްވިއެވެ. އާ ތަޖުރިބާއަކަށްވިއެވެ. މުޅިންވެސް ފެންނަނީ ބަރަބޮލުން ކޮންމެވެސް ސަކަރާތެއްޖަހާ ތަނެވެ. ބަރަބޯ ކަނޑަން ދަނޑުތަކާއި ބަގީޗާތަކަށް ގޮސް ކޮންމެ މީހަކުވެސް އުޅެގަންނަނީ އެންމެ ބޮޑު ބަރަބޮލެއް ބިންނާށެވެ. ކޮލެޖްކުދިން ޓްރެކްޓަރު ދުއްވާލަން ދާން ޕްލޭންކޮށް ކެމިލާއަށް ދައުވަތުދިނެވެ. ވަރަށް ރޮމެންޓިކްކަމެއް ކަމަށް ބުނުމުން ހަނދާނަށް އައީ ކައިޒާންއެވެ. އެފަދަ ކޮންމެ ކަމެއް ކައިޒާންއާއި ނޫނީ ގުޅުވޭކަމަކަށް ނުވެއެވެ. އެފަދަ ދުއްވާލުމަކަށް ކައިޒާންއާއިއެކު ދެވުމުގެ ހުވަފެންތައް ހޭލާ ހުރެދެކެއެވެ.

ނަތާޝާއާއި ކޮއްކޮ ނަތާލީ ބެންޗުގައި އިށީދެލައިގެން ވާހަކަދައްކާލަން ތިބިއިރު ވިނަގަނޑުމައްޗަށް ވެރިވެފައިވާ ފަތްތަކުގެ މަތީގައި ބަރަބޯތައް އަތުރާލާފައި ވެއެވެ. ފަތްތަރުމަތީގައި އުއްބައްތިން ދިއްލާލާފައިވާ ބަރަބޯތަކެވެ. މެގީ ގެނެސްދިން ޕަމްޕްކިން ޕައިއާއި ހޫނު ބުއިމަކަށް އިންސާފުކުރަން ތިބިއިރު ދެމީހުންގެ މައުޟޫއަކީ ކެމީލާއެވެ. ނަތާލީ ބުނިގޮތުން އެ އަންހެނާ އެންމެ ފުރަތަމަ ޝިކާރަކުރަން އުޅުނީ އޭނަގެ ދަރިފުޅު ނާޔަލްއެވެ. ނާޔަލްއާއި ކައިޒާން އެއްބަނޑު އެއްބަފާ ދެބެންހާ ކައިރިއެވެ. ދެޒުވާނުންގެ މަންމައަކީ ދެބެންނެވެ. ނާޔަލްގެ ބައްޕަ އަލީ މައިކަލްއާއި ކައިޒާންގެ ބައްޕަ އަހުމަދު މައިކަލްއަކީވެސް ދެބެންނެވެ. ވީއިރު ކެމީލާ ފެންނަހާ ފިރިހެނަކަށް ހިތް ކިޔާ އަދި ބޭބެ ކޮއްކޮފަދަ ޒުވާނުންގެ ފަހަތު އެޅުވިޔަސް އެކަމެއް ކާމިޔާބެއް ނުވާނެއެވެ.

"ކިހިނެއް ހަދާނީ. އަދި ކާކުގެ ދަރިއެއްކަން އެނގުނީމަ ފޫހިވެގެންގޮސް ހަމަ ހަލާކުވި..." ނަތާޝާ ފިކުރުބޮޑުވިއެވެ. ކެމީލާގެ ރީތި ސިފަތަކުގެ ސަބަބުން އެކުއްޖާގެ ސިހުރުގައި ދަރިފުޅު ޖެހިދާނެތީ އެކަމާއި ވިސްނެނީ މާ ވަރަށެވެ.

"ހަދާނެ ފަންޑިތައެއް ވިސްނިއްޖެ. ނޯޔާއާއި ކައިޒާން ކައިވެނިކުރުވާނީ."

"ކީކޭ؟ " ނަތާޝާ ހޭންފެށިއެވެ.

"އަހަންނަށް އެދެކުދިން ވަރަށް ގައިގޯޅިކޮށް އުޅެނިކޮށް ރޭ ފެނިއްޖެ. ގަބޫލުވެސް ނުކުރެވިފައި ހުރެވުނީ. މިއީ ދެން ޚާންދާނުގައި އޮތް އިހުގެ ޓްރެޑިޝަނެއް ކައިޒާން ސަލާމަތްކުރަން ބޭނުމިއްޔާ ވަގުތީގޮތުން ނަމަވެސް މިކަހަލަ ފިޔަވަޅެއް އެޅުން ބުއްދިވެރި. ހަމަ ކުއްލިއަކަށް ކައިޒާންއަށް އަންހެންކުއްޖެއް ހޯދަދޭކަށް ފަސޭހައެއްނުވާނެ. ހިޒް ޕާސެނެލެޓީ އިޒް ލައިކް ދެޓް. އަންހެންކުއްޖަކާއި އަނގައިން ބުނުންވެސް ފާފައެއްކަން ހީވާކަހަލަ. ނޭގޭ ކޮންތާކުން ކައި ހޯދައިގަތް މިޒާޖެއްކަމެއްވެސް. އެހާ ކާމިޔާބު ހެންޑްސަމް ފިރިހެނުން އުޅޭގޮތަކަށް ނޫން ކައި އުޅެނީކީ. ދެން ހާދަ ގުޅެއޭ ކައި އާއި ނަންނި....." ނަތާލީ މާ ކުރީއްސުރެ ދެކޭ ހުވަފެނަކީ އެއީއެވެ. ކައިޒާން އޭނަގެ ދަނބި ދަރިއަކަށް ހެދުމެވެ. ދައްތަ ހުއްދަދީފިއްޔާ އޭނަ ނޯޔާއަށް ވިސްނާދީފާނެއެވެ. ކައިޒާންވެސް އޭނަގެ މަންމަގެ އެދުމަކާއި ދެކޮޅުހަދާނެހެނެއް ހިޔެއްނުވެއެވެ.

"މާ ބޮޑަށްވެސް ގުޅޭ. ޕަމްޕްކިން ފެސްޓިވަލެއްގައި އަހަރެމެންގެ ކުދިންކޮޅު ޕަމްޕްކިންތަކުގެ މަތީ އިށީދެގެން ތިބި ފޮޓޯތަކުގައި ކައި އިންނާނީ ނަންނި ގައިގާ ހިފަހައްޓާލައިގެން. ކޮންމެ ކުއްޖެއްގެ އަތުގައި ކުދި ބަރަބޯ. އެފޮޓޯތައްވެސް ހާދަ ނަލައޭ. ހޭއި ރައިޑްގައިވެސް އެދެކުދިން ހަމަ ތަތްވެގެން. އަހަރެމެން ފެމިލީ ޓްރެޑިޝަން ހިފަހައްޓަން އެރެންޖް މެރިޖަކަށް ދަމާ. ކަޒިން މެރިޖް މާ ރަގަޅޭ. ހިލޭ މީޙުން އާއިލާ ތެރެއަށް ވެއްދުމަށްވުރެ މި މުއްސަދިކަމާއި މުދާވެރިކަން އެއްބަޔަކަށް މިލްކުކުރެވޭނެ....." ނަތާޝާވެސް ބޮޑާރާގަކަށް ބުނެލިއެވެ. ނަތާލީ އެކަމާއި ބައިވިއެވެ. ދެބެންވެގެން އެކި ކަންތަކާ މަޝްވަރާކުރަން އެތައް ދަމެއްވާންދެން ތިބެފައި ޕަމްޕްކިން ފެސްޓިވަލްއަށް ދާން ނިންމިއެވެ.

ކައިޒާން ބައްދަލުކުރަން ބޭނުންކަމަށް ބުނެ ކުރި މެސެޖު ލިބުމުން ދޭނެ ޖަވާބަކާއިމެދު ކެމީލާ ވަރަށް ވިސްނިއެވެ. ކައިޒާން ބައްދަލުކުރަން ބޭނުމީ ކޮންކަމަކާހެއްޔެވެ. އެގޮތަށް ހިލޭ ފިރިހެނަކާއި ބައްދަލުކުރުން ހުއްދަކަމަކަށް ނުވާއިރު އެކަމަށް އެއްބަސްވެވޭނީ ކޮންގޮތަކުން ހެއްޔެވެ. ކައިޒާންވެސް ތިމާގެ އަންހެނުންނާއި ދަރިފުޅުގެ މަތިން ހަދާން ނައްތާލީބާވައެވެ. އެކިގޮތްގޮތަށް ވިސްނާފައި ކެމީލާ ގަސްތުކުރީ ކައިޒާންއާއިއެކު އެބުނާ ސެންޓްރަލް ޕާކަށް ދިޔުމަށެވެ. އެއީ "ޑޭޓް"އަކަށްވާނެ ގޮތެއް ނޯންނާނެއެވެ. ޕާކެއް ވެއްޖެއްޔާ އެތާ އެމީހުން ނޫނަސް އެތައް ބަޔަކު އުޅޭނެ ނޫންހެއްޔެވެ.

ސެންޓްރަލް ޕާކުގައި ހިނގާލުން ހީކުރިވަރަށްވުރެ އުފާވެރިއެވެ. އެއީ ލޯބިވެރިންނަށްޓަކާ ހިތްގައިމު މާހައުލެކެވެ. ނިއުޔޯކްސިޓީގެ ކޮންކްރީޓް ޖަންގަލިން ސަލާމަތްވެ ހިތް ހަމަޖައްސައިލަން ދާން އޮތްތަނަކީ އެއީއެވެ. ޚަރީފުމޫސުމްވަނީ އެ ޕާކު ޖާދުވީ ބިމަކަށް ބަދަލުކޮށްލާފައެވެ. އެލްމްގަސްތަކާއި ވިލޯ ގަސްތަކުގެ ހިޔަލުގައި ފަތްތަކުގެ ދޫލައިގާ ލޯބިވެރިޔާއާއިއެކު ހިނގާލަން ލިބުމުން އެހެން ހުރިހާ ފިކުރުތަކުން ދުރުވެފައިވިއެވެ. ފާލަންތައް އަދި ބޮޑެތި ގާގަނޑުމައްޗަށް އަރައިގެން މީހުންތައް ސެލްފީ ނެގުމާއި ސަކަރާތްޖެހުމުގައި ވަގުތުތައް ހޭދަކުރަމުންދިޔައިރު ކައިޒާންއާއި ކެމީލާ ކޮޓްން ކެންޑީކަމުން ގޮސް ޖައްސައިލީ ބެންޗެއްގައެވެ. ހިނގާ ހިނގާ ދެފައި ވާޅުވިޔަސް މި ރީތި މަންޒަރުތަކުން ފުރިފައިވާ ޕާކުން ނިކުންނަހިތެއް އަދި ހިނގުން ހުއްޓާލާކަށްވެސް ކެމީލާ ބޭނުމެއްނުވެއެވެ. ކެމީލާ އެކި ވާހަކަތައް ދައްކަމުންގޮސް ވަރުބަލިވާވަރުވުމުން ކައިޒާންގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ.

"އެކަނި ވާހަކަދައްކަމުންގޮސް އަނގަ ވާޅުވެއްޖެ. އިޓްސް ޔޯ ޓާން ނައު...." ކެމީލާ ހީލިއެވެ.

"އަހަރެން މީ އަބަދުވެސް މަޑުމައިތިރި މީހެއް. އެކުވެރިއެއްވެސް އަނެއްހެން ނުހުރޭ މާކް ފިޔަވާ އިތުބާރުކުރާ މީހެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ، ދެން ހުރީ ނާޔަލް. އަލަށް ލިބުނު އެކުވެރިޔަކީ ތިއީ. ހިތަށް އަރާ މި ގާތްކަން އަބަދަށް ދެމި އޮންނާނެބާވައޭ. އެބަޖެހޭ އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްކުރަން. އެނީވޭސް އަހަންނަށް ވަރަށް ޚާއްސަ ކުއްޖަކަށް ކެމީލާ ވެއްޖެ. ހިތަށް އަރާ މިއެކުވެރިކަން އެހެން ކަމަކަށް ބަދަލުނުކުރެވޭނެ ބާވައޭ. ޑޭޓަށް ދާވަރަށް...ހެހެ....." ކައިޒާން ވެސް ކޮންމެވެސް ވަރަކަށް ލަދުން އުޅޭފަދައެވެ. ނާޔަލްއާއި ހާދަ ތަފާތެވެ.

"އިޒް ދިސް އެ ޑޭޓް؟" ކެމީލާއަށް ނޭގިވެސް ކައިޒާންއަށް ހިތްވަރުދެވުނެވެ.

"ކެމީލާއަށް ހީވޭތަ ޑޭޓެއްހެން؟ " ކައިޒާންވެސް ކޮށްލީ ސުވާލެކެވެ.

"އެކަހަލަ ގޮތެއް...." ކެމީލާ ބުނެލިއެވެ.

"ތީ ވަރަށް ދީނަށް ލޯބިކުރާ ކުއްޖެއްނު. ބުނެބަލަ ޑޭޓިންތަ ރަގަޅީ ނޫނީ މެރީކުރުންތަ؟ " ކައިޒާން ސުވާލުކޮށްލިއެވެ.

"ހަލާލު ޑޭޓިންވެސް އޮވޭ. އެކަމަކު އޮބްވިއަސްލީ ދެމީހަކު ރައްޓެހިވެގެން އުޅުމަށްވުރެ ދީނުގައި އޮންނަނީ ކައިވެންޏަށްފަހު ދެމީހުން ދަސްކުރުން. އޭރުން ޔަގީންކަން އޮންނާނެ ހުއްދަނޫންގޮތަކަށް ނޫޅެވޭނެކަން...."

"އަދި ކައިވެންޏަކާ ހަމަޔަށް ދާނެ ދުވަހެއް ނުވެސް އެނގޭ، އެކަމަކު ޔަގީނުންވެސް އަހަންނަށް އެނގެނީ އަހަންނާއިއެކު މިގޮތަށް ޑޭޓްތަކަށް ގެންނަވަރަށް އެންމެ ލައިކްވި ކުއްޖަކީ ތީކަން...." ކައިޒާން ކެމީލާގެ އަތުގައި ފިރުމައިލިއެވެ. ހެދުމުގެ މަތިންނެވެ. ކެމީލާ ކަންބޮޑުވިއެވެ. ކައިވެންޏަކާއި ހަމަޔަށް ދާނެ ދުވަހެއް ނެގި މިގޮތަށް އެކީ ތަންތަނަށް ދިޔުން ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ނަމަވެސް ކައިޒާންއާއި ވާހަކަދެއްކުން ނޫންކަމެއް ނުކުރޭ ނޫންހެއްޔެވެ. އަންނަނީވެސް މީހުން ގިނަ ތަންތަނަށެވެ. އެންމެ ފުރަތަމަ ދެމީހުން ޑޭޓަކަށް އައި ސެންޓްރަލް ޕާކު ހާދަ ޚާއްސަވެއްޖެއެވެ. ކޮންފަދަ ހިތްގައިމު ތަނެއްހެއްޔެވެ. ކައިޒާން ސެލްފީވެސް ނެގިއެވެ. ކެމީލާ ހިނިތުންވެލައިގެން އިނަސް ދެމީހުންގެ މޫނު މާ ބޮޑަށް ކައިރިވެއްޖެއްޔާ ނޭވާ ހިފަހައްޓާލަން މަޖުބޫރުވެއެވެ. އެކަމަކު ކައިޒާން އެހެން ނިޔަތެއްނެތްފަދައެވެ. ކެމީލާގެ ހަށިފާރަވެރިއެއް ފަދައިންވެސް ކައިޒާން އުޅުނެވެ. އަޅާލާތީކަން ކެމީލާއަށް ގަބޫލުކުރެވުނެވެ. އެހެން މީހުންގެ ފަރާތުން ރައްކާތެރިކޮށްދޭން ބައެއްފަހަރު ކުޑަކޮށް ގަޔާއި ކައިރިކޮށްލައެވެ. އުސްތަނަކަށް އަރަންޏާ ވެއްޓިދާނެތީ އަތުގައި ހިފާލައެވެ. ކާރަށް އަރުވާދޭއިރު އެންމެ ކުރިން ދޮރު ހުޅުވާލަދެއެވެ. ކައިޒާންގެ އެ ސިފަތައް ދެކެ ކެމީލާގެ ހިތުގައި އިންތިހާއަށް ލޯބި އުފެދުނެވެ. ގެއަށްއައިއިރު މާކަސްއާއި ޖޫލް އުޅުނީ މުޅި އެހިސާބުގައިވާ ފަތްތައް ކަހާ އެއްކުރުމުގައެވެ. ބައެއް ދިމާލުގައި ފަތް ފުނިތަކެވެ. ކައިޒާންމެންވެސް އެކަމާއި ބައިވެރިވިއެވެ. ޚަރީފު ކުލައިން ޖަރީވެފައިވާ ފަތްތަކުގެ ތެރޭގައި ފޮރުވިގެން ޖޫލްއާއި ކެމީލާ ސަކަރާތްޖަހަން އެތައް އިރެއްވާންދެން ތިބިއިރު ފޫހިވުމެއްނެތެވެ. އެހެން އުޅެފައިވެސް ނަމާދުގަޑިއަށް ސަމާލުކަން ދީ ޖޫލް ގޮވައިގެން ކެމީލާ އެތެރެއަށް ވަނެވެ.

ކައިޒާން ކެމިލާއާއި ޗެޓްކުރަން އެނދުގައި އޮތެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ކައިޒާން ސަމާސާ ކުރަންފެށިއެވެ. އެ ސަމާސާތަކުގައި ހުރީ ލޯބީގެ ކުލަ ޖެހިފައެވެ. ކެމީލާހާ ރީތި އަންހެންކުއްޖަކު ނުދެކޭ ކަމަށާއި އަބަދު ކެމީލާގެ މޫނު ލޮލަށް ފެންނާތީ އޭނަވެސް ހައިރާންވާކަމުގައި ބުނެލިއެވެ. ފިހެފައިވާ ބަރަބޯއޮށްތައް ހަފަމުން ދިޔައިރު އޭނަގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ޗެޓްކުރަން އޮވެފައި އޭނަ ނެގި ސެލްފީތައްވެސް ކެމީލާއަށް ފޮނުވަންފެށިއެވެ. ކުއްލިއަކަށް ކައިޒާން ސިހުނީ އޭނައާއި ނޯޔާގެ ފޮޓޯތަކެއް ފޯލްޑަރުން ފެންނާން ފެށުމުންނެވެ. ކެމީލާއާއިއެކު ނަގާފައިވާ ފޮޓޯތަކަށްވުރެ އެދެމީހުންގެ ފޮޓޯތައް މާ ކައިރިން ނަގާފައި ހުރުމުން ދެލޯ ބޮޑުވިއެވެ.

"ވަޓް ދަ ހެލް......"

ޔަގީނެވެ. މިއީ އޭނައެއް ނޫނެވެ. ޖޯންގެ ނުލަފާކަމެވެ. އެފޮޓޯއަށް ބަލައިލުމުން އެފޮނި ފޮނި ޖޯންގެ ތަފާތު ފެންނަން މިހިރީއެވެ. ނިތުމައްޗަށް އިސްތަށިގަނޑުން ބަޔެއް ވައްޓާލާފައި އޮތްއިރު ލޮލުގައި ލާނެތްކަމެވެ. ކަނދުރާގައި އޮންނަ ކަޅުފަށްވެސް އަންގައިދިނީ މިއީ ޖޯންކަމެވެ. ޖޯން ނޯޔާއާއިއެކު މާ ގާތްކޮށް އުޅެނީ ކޮންކަމެއް ނުވެގެން ބާވައެވެ. މިކަންތައް ކެމީލާއަށް އެނގިއްޖެއްޔާ ވާނީ ކީއްހެއްޔެވެ. ކައިޒާން ނުތަނަވަސްކަމާއިއެކު ހުރިހާ ފޮޓޯތަކެއް ފޮހެންފެށިއެވެ. ޖޯންގެ ކިބައިން އޭނަ ސަލާމަތްވާނީ ކިހިނެއްހެއްޔެވެ. ނާޔަލް ކައިރި ބުނަންވީއެވެ. އޭނަގެ ސިކުނޑީގައި ވަކި ހިއްޕާލައިގެން އޭނަގެ ދިރިއުޅުން ހަލާކުކޮށްލަން އުޅޭ އެ ޝައިތާނާ ނައްތާލަން އަމިއްލަ ނަފުސާއިވެސް ހަގުރާމަކުރަން އޭނަ ބޭނުމެވެ.

ނާއީގެ ކާރުގެ ފަހަތު ސީޓަށް ދެކުދިންއެރިއެވެ. ކެމީލާވެސް އިނީ އުފާވެފައެވެ. އެހެން ނުވާންވީ ކިއްވެހެއްޔެވެ. އަދި އެބުނާ ކުދި ފަރުބަދަތަކާއި ޖަންގަލިތައް ބަލައިލަން ދާނެ ވަގުތެއް އޮތީ ނުވެފައެވެ. ނާއީ ދުއްވާފައި ދިޔަ މަގުތަކުގެ ދެފަރާތުގައި މުޅިންވެސް ގަސްތަކެވެ. ދުރުދުރަށްދާން ހުޅުދާންކޮށްފައިވާ ފަދައިން ރަތުގެ އެކިކުލަތަކުން ވިދާ ބަބުޅައެވެ. ޚަރީފު މޫސުމްގެ ރީތިކަން ފޯނުގައި ރައްކާކުރަމުން އެއްވެސް ފިކުރެއް ޚިޔާލެއްނެތި އެތިން ޒުވާނުން ދަތުރުކުރިއެވެ. ތަންކޮޅެއް އުސް ހިސާބުގައި ދުއްވަންފެށުމުން އަދި މަންޒަރުތައް ވަކިން ފުރިހަމަވިއެވެ. އާފަލު ދަނޑެއް ކައިރިންވެސް ނާއީ ކާރު ދުއްވިއެވެ. ކާރު ޕާކުކޮށްލީ ދެބުރިއަށް ނަގާފައިވާ ގަނޑުވަރެއްފަދަ ހުދުހުދު ގެއެއްގެ ކައިރިއަށެވެ. ފުރާޅުގައި ނޫކުލަ ހުރުމުން ވަކިން ހިތްގައިމެވެ. ހީވާގޮތުން އެއީ މާބްލްއިން އަޅާފައިވާ ގެއެކެވެ. ލޯން ބޮޑުވެފައި ދެފަރާތުގައި ވިނަ ހައްދާލާފައިވާއިރު އެހިސާބުގައިވާ ގަސްތަކުން ވެހޭފަތްތައް ވިނަގަނޑުމަތީ ބޮސްދޭއިރު ފެހި އަދި އެހެން ކުލަތައް އެއްވެ ލޮލަށް ފިނިކަމެއް ގެނެސްދެއެވެ. އިރުގެ އަވި މަޑުކޮށް އޮތުމުން ހައްތަހާ ފިނިކަން ގަދަވެ ހީކަރުވާލާގޮތްވިއެވެ.

"މިއީ ދޮންބައްޕަ އަލީ މައިކަލްގެ ގެ..." ނޯޔާ ކާރުން ފުންމާލިއެވެ. އޭނަ ކޮތަޅުތައް ހިފައިގެން ގޮސް ފަތްތަރުމަތިން އަރަންފެށިއެވެ. ނާއީވެސް ފޯނެއްގައި ހުރެ އެ މާބްލް ފަތްތަރުމަތީ އިށީނުމުން ކެމީލާއަށް ޖެހުނީ ނޯޔާގެ ފަހަތުން ދުވެފައި ވަންނާށެވެ. އޭނަ ހުރީ ކަންބޮޑުވެފައެވެ. ނާޔަލް އަތުވެދާނެތީއެވެ. ނާޔަލް ކޮބާހެއްޔޭ އަހަން އުޅެފައިވެސް އިތުރު ސުވާލެއްނުކޮށް ހިތަށް ވިސްނާދިނެވެ. މިއީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ނޯޔާއަށް އޭނަ އިތުބާރުކުރަން ޖެހޭނެ ނޫންހެއްޔެވެ. ކޮންމެއަކަސް ވަދެވުނީ އަދި މިވީހާތަނަށް ނުދެކޭހާ ތަނަވަސް ހައިރާންވާހާ ރީތި ސިޓިންރޫމަކަށެވެ. ފާރުގައި ހުރި ކުރެހުންތައް ކުރެހި މީހަކަށް ސާބަސްދޭވަރުވެއެވެ. ވިދުންގަދަކަމާއިއެކު ހުރިހާތަނެއް އޮފް އަރާވަރުން އާތަނެކޭ ތަފާތެއްނެތެވެ. ބިއްލޫރި ޖަހާފައި ހުރުމުން ބޭރުގެ މަންޒަރުތައް ހާމަޔަށް ހުރުމުން އަދި ވަކިން އަރާމެވެ. ނޯޔާ ބުނީ ބަނޑުހައިވެފައިވާކަމަށާއި މެގީ ތައްޔާރުކޮށްފައިވާ އެއްޗެހި ހިފައިގެން މިގެއަށް އައީ މިރޭ މަޑުކޮށްލަން ކަމަށެވެ. ކެމީލާ ގެ ހިތް އޮއްސުނެވެ. ނޯޔާ ކުރިން އެވާހަކަ ނުބުނީ ކީއްވެހެއްޔެވެ. އެއްރޭ މަޑުކުރަން ވުމަކީ އެނައަށް ފަސޭހަކަމަކަށް ނުވާނެއެވެ. ކާކޮޓަރިވެސް އެހެން ތާކަށް ދޫނުކުރެއެވެ. ސިޓިންރޫމެއްފަދައެވެ. މޭޒުމަތީގައި އަތުރާފައި ހުރި ފްލޯރާ ޑެނިކާގެ ތަށިތަކުން މޭޒުމަތީގެ ޒީނަތްތެރިކަން އިތުރުކޮށްލާފައިވިއެވެ. ކޮފީ އަދި ސައި ޕޮޓާއި ކޭކު އަޅާ އެއްޗެހިން ފެށިގެން ޖޯޑުތަކާއި ތަށިތަކަކީވެސް އޯޑަރުކޮށްގެން ގެނެވިފައިވާ ތަކެއްޗެވެ. ތަފާތުކޮށް ކުރެހުން އެޅިފައިވާ އެތަށިތަކުންވެސް ހާމަކޮށްދެނީ ގޭގެ ވެރިޔާގެ މުއްސަދިކަމެވެ. ނޯޔާ އާއި ބައިވެރިވެގެން ކެމީލާ ތަށިތަކަށް ކާއެއްޗެހި އަޅަންފެށިއެވެ.

"މިވެސް ބަރަބޮލުން ހަދާފައި ހުރި ފޮނި އެއްޗެއްތަ....." ނޯޔާ ގެނެސްދިން ފޮނި އެއްޗެއްގެ ރަހަ ބަލައިލުމުން ކުޅު ދިޔާވާހާވިއެވެ.

"މިއީ ޕަމްޕްކިން ނުއާޖް އަދި ޕަމްޕްކިން ވޫޕީ ޕައި. މި ކުކީޒް ގެ ދޭތެރޭ މިހިރީ ޗީޒް ފްރޮސްޓިން އެކަތި ކާލާފައި ނުއެއް ހުއްޓޭނެ އިނގޭ. ފޮނި އެއްޗެހި ކައި ކައި ކައްމި ފަލަވެގެންގޮސް މިއިން ދޮރަކުން ނުނިކުމެވޭ ވަރު ނުވައްޗޭ. ބަޓް ޔޫ ކާންޓް ރެޒިސްޓް މެގީސް ޑިޝެސް........" ނޯޔާވެސް އެހާ ދަހިކޮށް އެތިކޮޅެއް ކައިލިއެވެ. ނާއީ ކެއީ ކުޑަކޮށެވެ. ގިނަފަހަރު އޭނަ ހުންނަނީ ކޮންމެވެސް ކަމަކަށް ގެއްލިފައެވެ. ނޯޔާ ސިއްރުން ބުނީ ނާއީ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި މައްސަލަޖެހިގެން އުޅޭ ކަމަށެވެ.

ކައި ނިންމާލާފައި ނޯޔާ ވަރަށް ފޯރިއާއެކު ބަރަބޯތަކުން އެކިކަހަލަ ސޫރަ ކަނޑާހަދާފައި އުއްބައްތިތައް ލައިގެން ގެންގޮސް ގޭގެ ޕޯޗުގައި ބެހެއްޓިއެވެ. ކެމީލާ ކައިރީ ބުނީ މިއީ ޒަމާނުއްސުރެން އެމެރިކާ މީހުންގެ އޮންނަ ސަގާފަތެއްކަމެވެ. އެކަންތައް ދީނާއި ނުގުޅުވަން ނޯޔާއެދުނެވެ. ކެމިލާއަކަށް އެ ޚިޔާލު ކަމުނުދިޔައެވެ. ނަމަވެސް ނޯޔާއަށް ތަގުރީރު ދިނުމުގެ ބަދަލުގައި އޭނަގެ އުޅުމުން އެކަންތައް ދައްކާ ނޯޔާމެންގެ ކަށީގައި ހިފާފައިވާ ހުޅަގުގެ އާދަތައް ބަދަލުކުރުވާ ދީނުގެ ކުލަވަރު ޖައްސަންވީއެވެ. ނޯޔާގެ ކުށެއްވެސް ނޫނެވެ. ނޯޔާގެ މަންމަމެންގެ ތަރުބިއްޔަތުގެ އަސަރެވެ. ދޮންމީހުންނާއި ކައިވެނިކޮށްގެން ދަރިން ހޯދުމަށްފަހު ދުނިޔޭގެ އުފަލަށްޓަކާ އަދި ފިރިމީހާ ރުއްސަން މިއުޅެވެނީ އެމިހުން އުޅޭގޮތަށެވެ. ދަރިންނަށް ފަހުން ކުރާނެ އަސަރާއި އެކުދިންގެ އާޚިރަތްމަތިން ހަދާނެއް ނުހުރެއެވެ. ދީނީތަރުބިއްޔަތު ނުދެވޭތާގައި ގިނަފަހަރަށް އެކުދިންނަށް ދީންވެސް އޮޅުން ފިލުވައިނުދެވެނީއެވެ. އެކުދިންނަށް ދަސްވަނީ ހެލޮވީންއާއި ކްރިސްމަސްދުވަސްތަކެވެ. އެޕްރީލް ފޫލް އަދި ވެލައިންޓައިންސް ޑޭއެވެ. އީދުދުވަސްތައް ފާހަގަކުރާކަށް ނޫޅެވެއެވެ. ހުރިހާ އެންމެން ބޮޑު ޖަމާއަތެއްގައި އީދުވެ އެކަކު އަނެކަކަށް ސަލާމްކޮށް އުފާކުރެވޭތަނެއް ނުފެނެއެވެ. އެކަން ބަދަލުކޮށްލަން ކެމީލާގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ސޫތްޕެއް ހިރިލާއަޑެއް ދޫންޏެއް ލަވަ ޖަހާލާ އަޑެއްވެސް ނީވެއެވެ. ދިގުދެމިގެންވި ފުން ހިމޭންކަމެކެވެ. ހިތްގައިމު ލޮލަށް އަރާމު މަޑު އައްޔަކަށް ކޮޓަރި ގެނބިފައި އޮތުމުން ނުނިދަން ހުރި މީހަކަށްވެސް ޖާދޫއަކަށްވާނެކަން ގައިމެވެ. ނަމަވެސް ނިދުމަށް އެންމެ އެކަށީގެންވާ މާހައުލުގެ އަސަރު ކެމިލާއަކަށް ނުކުރިއެވެ. ނޯޔާ ބޯ ރަޖާދަށަށް ވަންގޮތަށް އަރާމު ފުން ނިންޖަކަށް ގެނބުނީ އޭނަ އެކަނިކޮށްލާފައެވެ. ކެމީލާގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. ދަމު ނަމާދުކޮށްގެން ދުޢާކުރިއެވެ. އީމާންތެރިކަން ވަރުގަދަކޮށް ދެއްވުމަށް އެދި ދެންނެވިއެވެ. މިފަދަ ތަނެއްގައި އެހާ ފަސޭހަކަމަކަށްނުވެސް ވާނެއެވެ. އީމާންތެރިކަމަކީވެސް ބައެއްފަހަރު ބަލިކަށިވެ ވަރުގަދަވާ އެއްޗެކެވެ. އީމާންތެރިކަން ގަހެއްގެ މިސާލު ނެގިދާނެއެވެ. ފެން ދިނުމުން އާރޯވެ ހެދެންފެށިޔަސް އަޅާނުލައިފިއްޔާ މޯޅިވެ މަރުވެސް ވެދާނެއެވެ. ކެމީލާއަށްވެސް ވާންފެށީ އެކަހަލަ ގޮތެކެވެ. ބުރަކޮށް ކިޔެވުމަށްފަހު ލިބޭ ބަންދުދުވަހު މަޖަލާއި ކުޅިވަރުގައި އުޅެންފެށުމުން އަޅުކަމަށް ދެވޭ ވަގުތު ކުޑަވީއެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު އެނދުގައި ޖައްސައިލިތަނާ ނިދިގަނޑެއްގައި އެޅިއެވެ. ހޭލެވިގެން ބިރުވެރި ހުވަފެނެއް ހަނދާންވިއެވެ. ގަޑިއަށް ބަލައިލިއިރު މެންދުރު ދޭއްޖަހައިފިއެވެ. އިރުއޮއްސޭކަށް މާ ގިނައިރެއްނެތެވެ.

ކެމީލާ ފާޚާނާއަށް ވަދެފާ މޫނުދޮވެލާ ހަދާލައިގެން ނުކުތްއިރު ގޭތެރެއިން އެއްވެސް އަޑެއްބަޑެއް ނީވެއެވެ.

"ނަންނި. ނަންނި ކޮންތާކު ތިއުޅެނީ.................." ކެމީލާ އެކި ކޮޓަރިތަކުގެ ތަޅުގައި ހިފަމުންގޮސް ފެންޑާއަށް ނުކުތެވެ. އޭނަގެ ފޯނުވެސް ފެންނާކަށްނެތެވެ. ފޯނު ބޭއްވުނީ ކޮންތާކުހެއްޔެވެ. ނޯޔާ އޭނަ ބިރުގަންނަވަން ނުބައި ސަމާސާއެއްކުރީކަން ޔަގީނެވެ. ކެމިލާ ދުވަމުންގޮސް ފެންޑާއަށް ނުކުމެ ވަށައިގެން ހޯދައިލީ ހާސްކަމާއި އެކުގައެވެ. ތަންކޮޅެއް ބާރަށް ނޯޔާއަށް ގޮވާލުމުންވެސް ޖަވާބެއް ނައެވެ. ކެމީލާ ގަސްތަކުގެ ތެރެއަށް ވަދެގެން ދާންފެށިއެވެ. ސްނީކާސްދަށުވެ ފަތްތައް މުރުމުރުވާ އަޑުވެސް ކެމިލާއަށް އިވުނީ ބިރުވެރިގޮތަކަށެވެ. އައި ބާރު ވައިރޯޅިތަކާއިއެކު ގަސްތަކުގައި ބާކީ ހުރި މަދު ފަތްތައް އެކި ދިމާލަށް ބުރުއްސާލިއިރު އޭނަވެސް އުދުހިގެން ހިނގައިދާނެހެން ހީވިއެވެ. މެދުގޯތްޗާއި ގަސްތަކަށް ޖަމާވެފައިވާ ރަން އޮރެންޖުކުލައާއި ކްރިމްސަން ފަތްތައްވެސް ވައިގެ ގޯނާތަކަށް ކެތްނުކުރެވި ވައިގެ ތެރޭ ނަށާލާއިރު ކޮންފަދަ ފުރިހަމަހެއްޔެވެ. ވިއްސާރަވާން އުޅެނީބާވައެވެ. ހާދަ ވައިބާރެވެ. ފަޒާގައި ހަރުލާފައިވީ ވައިގެ ޒޫމްގެ އަޑެވެ.

"އިޓްސް ވިންޑީ....ކޮބާތަ ނާއީ ކާރު؟ މިހާ ހާސްވާކަށް ނުވެސްވާނެ. ނިދާފައި އޮތީމަ ނާއީވެސް ބުރެއްޖަހާލަން ދިޔައީކަމަށްވާނީ...ޖަސްޓް ކާމް ޑައުން. އެމީހުން ދެން އެކަނިކޮށްލާފައި ނުދާނެއްނު. ނަންނިއަށް އިތުބާރުކުރަން. ދެރަގޮތެއް ނަހަދާނެ......." ކެމީލާ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ހަމަޖެހެން މަސައްކަތް ކުރަމުންގޮސް ފިނިވެ ގަނޑުފެންގަޑެހެން ހީވާ ދެއަތްތިލަ އުގުޅައިލިއެވެ. އޭނަ އަވަސްވެލާފައި ގަސްތަކުގެ ތެރެއިން ނިކުމެގެންގޮސް މާބްލް ފަތްތަރުމަތީ އިށީދެލިއެވެ. އެކިކުލަތަކުގެ ފަށަލައިން ވާ ފަތްތަކުގެ ތާޒާ ވަސް ނޭފަތުގައި ޖެހުނެވެ. ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން ހާސްކަމާއިއެކު ނޯޔާމެންނަށް އިންތިޒާރުކުރަމުން ވަށައިގެން ފެންނަ ގުދުރަތީ ރީތިކަމަށް ހިތް އެކީ ދޫކޮށްލަމުން ހިނިތުންވެލިއެވެ. ކޮންމެވެސް މީހަކު ދޮރުހުޅުވާލިހެން ހީވެފާ ހަޅޭއްލަވައިގަނެވުމާއެކު ކެމީލާއަށް ތެދުވެ ބަލައިލެވިއްޖެއެވެ. މިޖެހުނީ ކޮންކަހަލަ ދަންތުރައެއްގައި ކަމުގެ ކިރިޔާވެސް ހިލަމެއްވީ ފެނުނު ސޫރައަކުންނެވެ.

(ނުނިމޭ...)

comment ކޮމެންޓް