މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވި 26 ކައުންސިލަރަކު ސަސްޕެންޑުކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު އެލްޖީއެ އިން ސަސްޕެންޑުކޮށްފައި ވަނީ 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުންނެވެ.
އެ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާ އިން ފެށިގެން ތިން މަސް ދުވަހަށެވެ.
އެ ކައުންސިލަރުން ނިސްބަތްވާ ކައުންސިލް އިދާރާތަކަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ނުގެންދިޔުމަށާއި ކުރިއަށްގެންދާނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، އެ ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކަށާއި މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ބަލާއިރު އެ 26 ކައުންސިލަރުން އެމްޑީޕީގެ ޕްރައިމަރީއަށް އެއްބާރުލުން ދިންކަން ސާބިތުވާ ކަމަށް އެލްޖީއޭ އިން ވަކިވަކިން ފޮނުވި ސިޓީތަކުގައިވެއެވެ.
އެ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ ކައުންސިލަރުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަށާއި އެޓާނީ ޖެނެރަލް ދެއްވާފައިވާ ލަފަޔަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެލްޖީއޭގެ ސިޓީތަކުގައިވެއެވެ.
ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު އެ ކައުންސިލަރުން ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެލްޖީއޭ އިން ވަނީ އަންގާފައެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގައި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން ވެސް އެލްޖީއޭ އިން ވަނީ މަނާކޮށްފައެވެ.
ސަސްޕެންޑުކޮށްފައިވާ ކައުންސިލަރުންނަކީ:
- ހއ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން
- ހދ. ކުރިނބީ ކައުންސިލް މެމްބަރު މުހައްމަދު ޝާފީ
- ށ. ބިލެއްފެހި ކައުންސިލް މެމްބަރު އަހުމަދު ނާފިޒް
- ނ. މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު
- ނ. މަގޫދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުލް ހަލީމް އަހްމަދު
- ރ. ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު
- ރ. މަޑުއްވަރީ ކައުންސިލްގެ ނައިބް ރައީސް ސޮބީހާ މުހައްމަދު
- ބ. ކެންދޫ ކައުންސިލް މެމްބަރު އިބްރާހީމް އަބްދުއް ރަހްމާން
- ބ. ދޮންފަނު ކައުންސިލްގެ ނައިބު ރައީސް ހަސަން ހަފީޒު
- ޅ. އޮޅުވެލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުލް އަޒީޒް މުހައްމަދު
- ޅ. ނައިފަރު ކައުންސިލް މެމްބަރު ވިދާދު އަބްދުﷲ
- އއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސަފީގު
- އއ. އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ނާހިދު
- އއ. އުކުޅަސް ކައުންސިލްގެ ރައީސް ސައުކަތު އިބްރާހީމް
- ވ. ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ
- ވ. ރަކީދޫ ކައުންސިލް މެމްބަރު އާދަމް ހުސައިން
- ވ. ފުލިދޫ ކައުންސިލްގެ ރައީސް ސަނާ އަލީ ވާފިރު
- ފ. އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރު
- ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު
- ދ. މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް
- ދ. މީދޫ ކައުންސިލްގެ ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދު
- ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު
- ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ޚަދީޖާ ޝިއުނާ
- ގދ. އަތޮޅު ކައުންސިލްގެ މެމްބަރު ތަމްދީހު މުހައްމަދު
- ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު
- ގދ. ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް