އެމްބާޕޭގެ ގޯލުން ފްރާންސް ގަދަ 16އަށް!

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ މެޗުގައި ޕެރޫ ބަލިކޮށް، ފްރާންސުން ގަދަ 16 ޔަގީން ކޮށްފިއެވެ.

އެކަޓަރިންބާގް އެރީނާގައި މިރޭ ކުޅުނު މެޗު ފްރާންސުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް 32،789 ސަޕޯޓަރުން ވަދެފައިވާ އިރު، އޭގެ ތެރެއިން 789 ސަޕޯޓަރުންނަކީ ފްރާންސްގެ ސަޕޯޓަރުންނެވެ. ބާކީ 32،000 މީހުންނަކީ ޕެރޫގެ ސަޕޯޓަރުުންނެވެ.

ޕެރޫގެ ކެޕްޓަން ޕައުލޯ ގަރޭރޯ ވަނީ މިރޭގެ މެޗު ފަށައިފައެވެ. 39 އަހަރަށްފަހު ވޯލްޑް ކަޕް ކުޅެމުންދާ ޕެރޫއަށް ފުރަތަމަ މެޗުގައި މަޔޫސްކަން ކުރިމަތިވީ މޮޅަށް ކުޅެ، 1-0ގެ ނަތީޖާއަކުން ޑެންމާކް އަތުން ބަލިވުމުންނެވެ.

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްރާންސް ޓީމުގައި ތަރިން ގިނަ ނަމަވެސް ޕެރޫ ފެށީ ވަރުގަދަ ކޮށެވެ. މިރޭގެ މެޗަށް ނުކުމެ ފުރަތަމަ 10 މިނެޓުގައި ޕެރޫން ރަނގަޅަށް ކުޅުނު ނަމަވެސް އޭގެ ފަހުން ފްރާންސުން ވަނީ ހަމަލާތައް އުފައްދަން ފަށައިފައެވެ. އެޓީމުން އުފެއްދި ހަމަލާތަކުގައި ކުރިއަށް ކުޅޭ އޮލިވިއާ ޖިރޫއާއި އެންޓޮއިން ގްރީޒްމަންގެ ގުޅުން ފާހަގަކޮށްލެވުނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ޖިރޫގެ ބޯޅައަށް ޕްރޫގެ އޭރިއާ ތެރެއަށް ވަނީ ގްރީޒްމަންއެވެ. ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހި ގްރީޒްމަން ފޮނުވާލި ހަމަލާ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.

ފްރާންސުން މެޗުގައި ލީޑު ނެގުމަށް ކުރި މަސައްކަތަކަށް އެންމެ ބޮޑަށް ހުރަސް އެޅިގެންދިޔައީ މެދުތެރެއިން ގިނަ ޕާސްތަކެއް މިސްވުމެވެ. ހާއްސަކޮށް އެޓީމުގެ މެދުން ކުރިއަށް ބޯޅަތައް ސަޕްލައިންކޮށްދިންތަން ފެނުނީ މަދު ފަހަރެއްގައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ޕެރޫގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ޕައުލޯ ގަރޭރޯއަށް ލިބުނު ފުރުސަތުގައި އޭނާ ވަރަށް ރީތިކޮށް ސަމިއުލް އުމިޓީޓީ ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ގަރޭރޯގެ ފުރުސަތަށްފަހު މާ ގިނައިރެއް ނުވެ ފްރާންސުން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ 19 އަހަރުގެ ފޯވަޑް ކިލިއަން އެމްބާޕޭއެވެ.

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްރާންސް ޓީމުގެ މެދުތެރެއިން ޕައުލް ޕޮގްބާ ދިން ބޯޅަ އެމްބާޕޭ ނިންމާލީ ފަސޭހަކަމާއެކުގައެވެ. އޭގެ މިނެޓެއް ކުރިން އޭނާއަށް ލިބުނު ފުރުސަތު ބޭކާރުކޮށްލި ނަމަވެސް މިފަހަރު އެމްބާޕޭ ކާމިޔާބެވެ. މިރޭ އެމްބާޕޭ ޖެހި ގޯލާއެކު އޭނާ ވެފައި ވަނީ ވޯލްޑް ކަޕްގެ އިތުރުން ޔޫރޯ މުބާރާތެއްގައިވެސް ފްރާންސް ޓީމަށް ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ހާފް ނިމުމުގެ ކުރިން ފްރާންސަށް ލީޑު ފުޅާ ކުރުމަށް ދެ ހަމަލާއެއް ލިބިގެންދިޔައެވެ. ޖިރޫގެ ހަމަލާގެ އިތުރުން ލޫކަސް ހެނާންޑޭޒްގެ ފުރުސަތު ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފްވެސް ފްރާންސުން ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. ޕްރޫން ދެވަނަ ހާފަށް ނުކުތީ ބަދަލުތަކަކާ އެކުގައެވެ. އެގޮތުން އެޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް ޕެރޫގެ ކޯޗު ވަނީ ރިކާޑޯ ގަރޭސާ ވަނީ ދެ ބަދަލެއް ގެނެސްފައެވެ، ޕެރޫން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެފަސަން ފާފާންވެސް ވަނީ މެޗަށް ނުކުމެފައެވެ.

ޕެރޫގެ ބަދަލުތަކުގެ ނަތީޖާ ފެންނަން ފެއްޓިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޕެރޫގެ ޕެޑްރޯ އަކުއިނޯ ފޮނުވާލި ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ޕެރޫގެ އެޓޭކް ފެނުނީ ހަލުވިކޮށެވެ. އެގޮތުން ގަރޭރޯގެ ދެ ހަމަލާއެއް ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރިތަން ފެނިގެންދިޔައެވެ.

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފަހު ހާފްގައި ޕެރޫން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ މެޗެކޭ އެއްގޮތަށް އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ނާކާމިޔާބުކޮށްލައިފައެވެ. މެޗުގެ ފަހު ކޮޅުގައި ފްރާންސްގެ އުސްމާނު ޑެމްބެލޭއާއި ޖިރޫއަށް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނު އިރު، މެޗުގައި ޖިރޫގެ މުހިއްމުކަން ފާހަގަކޮށްލެވުނެވެ.

ފްރާންސުން ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާ އެކުގައެވެ. އެޓީމަށް ގްރޫޕް ސީގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗު އަދި އޮންނާނެއެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޑެންމާކު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެ ގްރޫޕްގައި އޮސްޓްރޭލިއާއަށް އަދި ފުރުސަތު އޮތް ނަމަވެސް ޕެރޫއަށް ދެން ފުރުސަތެއް ނެތެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޑީގެ މެޗެއް މިރޭ 11:00ގައި އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އާޖެންޓީނާއާއި ކްރޮއޭޝިއާއެވެ.

comment ކޮމެންޓް