އޮސްޓްރޭލިއާއާއި ޑެންމާކް މެޗަށް ހަމަހަމަ ނިމުމެއް، އަނެއްކާވެސް ވީއޭއާރްގެ ޕެނެލްޓީއެއް!

ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް ސީގައި އޮސްޓްރޭލިއާއި ޑެންމާކް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރަޝިއާގެ ސަމާރާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ވީއޭއާރްގެ އެހީގައި އޮސްޓްރޭލިއާއަށް ޕެނެލްޓީއެއް ލިބިފައިވާ އިރު، މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ދިން 11 ވަނަ ޕެނެލްޓީއެވެ. 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ މުޅި ގްރޫޕް ސްޓޭޖުގައިވެސް ދީފައި ވަނީ 10 ޕެނެލްޓީއެވެ.

ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗަށް ނުކުތް އިރު، އޮސްޓްރޭލިއާއިން އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން ބަލިވެފައެވެ. ޑެންމާކް އޮތީ ފުރަތަމަ މެޗުން ޕެރޫ ކައިރިން މޮޅުވެފައެވެ.

މެޗުގެ ކުރީ ކޮޅުގައި ކްރިސްޓިއަން އެރިކްސަންގެ ރީތި ގޯލާއެކު ޑެންމާކުން ލީޑު ނެގިއެވެ. ނިކޮލާ ޔާގަންސަން ބޮލުގައި ޖެހިފައި ވައިތެރޭގައި އޮތް ބޯޅަ އެރިކްސަން ނިންމާލީ ގޯލްގެ ކަނަށެވެ.

ގޯލަށްފަހު ޑެންމާކުން ރަނގަޅަށް ކުޅެމުން ދިޔަ އިރު، އެޓީމުގެ އިތުރު ހަމަލާއެއްވެސް މެޗުގެ 34 ވަނަ މިނެޓުގައި ފެނިގެންދިޔައެވެ. ނިކޮލާ ޔާގިންސަންގެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ މިނެޓެއް ފަހުން އޮސްޓްރޭލިއާގެ ކޯނަރަކުން އެޓީމަށް ރަނގަޅު ފުރުސަތެއް ފަހިވެގެން ދިޔައެވެ. މެތުއު ލެކީ ފޮނުވާލި ބޯޅަ ޖެހުނީ ޔޫސުފް ޕައުލްސަން އަތުގައެވެ. ރެފްރީއަށް ފުރަތަމަ ފަހަރު އެ ބޯޅަ ނުފެނުނު ނަމަވެސް، ވީއޭއާރް ރިވިއު ކުރުމަށްފަހު ޕެނެލްޓީ ދިނެވެ.

ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އޮސްޓްރޭލިއާއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ފްރާންސް މެޗުގައިވެސް އެޓީމަށް ޕެނެލްޓީ ކާމިޔާބުކޮށްދިން މައިލް ޔެޑިނެކެވެ. އޮސްޓްރޭލިއާ މެޗުގައި ފްރާންސަށްވެސް ޕެނެލްޓީއެއް ލިބިފައިވާ އިރު، އެ ޕެނެލްޓީ ރެފްރީ ދީފައި ވަނީވެސް ވީއޭއާރްގެ އެހީގައެވެ.

އޮސްޓްރޭލިއާއިން ދެވަނަ ހާފް ފެށީ ވަރުގަދަ ކޮށެވެ. ދެވަނަ ހާފްގައި އެޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިފައިވެއެވެ. ހާފްގެ ކުރީ ކޮޅުގައި އާރޮން މޯއީ ފޮނުވާލި ހަމަލާ ގޯލްގެ މަތިން ދިޔަ އިރު، ޓޮމް ރޮޖިކްގެ ހަމަލާ މަތަކުރީ ޑެންމާކުގެ ކީޕަރު ކެސްޕާ ޝޫމައިލަކްލްއެވެ.

ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އިތުރު ދެމެޗެއް މިރޭ އޮންނާނެއެވެ. ފްރާންސާއި ޕެރޫ ވާދަކުރާ މެޗު 8:00 ގައި ފެށޭ އިރު، އާޖެންޓީނާއާއި ކްރޮއޭޝިއާ ވާދަކުރާ މެޗު ފަށާނީ 11:00ގައެވެ.

comment ކޮމެންޓް