ހުޅުމާލޭގައި ފެނަކައަށް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފެށުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ދަށުން ފެނަކަ ކޯޕަރޭޝަނުން 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އަޅާދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

މިއީ ޓަވަރު އަޅަން ފެނަކައިން އިއުލާން ކުރި ތިން ވަނަ ފަހަރެވެ.

ފެނަކަ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ކުންފުންޏަށް ލިބިފައިވާ 12،000 އަކަފޫޓުގެ ބިމުގައި 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފެނަކައިން ބުނީ ބިޑަށް ހޮވޭ ފަރާތްތަކުންް މަސައްކަތް ފަށާތާ ހަ މަސް ދުވަސް ތެރޭ ޓަވަރުގެ ފުރަތަމަ ފަސް ފަންގިފިލާ ނިންމަން ޖެހޭނެ ކަމަށާއި އަދި މުޅި ޓަވަރުގެ މަސައްކަތް އެންމެ ލަސްވެގެން ދެ އަހަރުތެރޭ ނިންމަން ޖެހޭނެ ކަމަށެވެ.

ފެނަކައިން ކުރިން ބުނީ އެެ ކުންފުނިން 168 ހަދަން ނިންމާފައިވާ ކަަމަށެވެ. އެ ކުންފުނީގައި 2000 އެެއްހާ މުވައްޒިފުން މަސައްކަތް ކުރެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 700 އަކަފޫޓު ހިމެނޭގޮތަށް ދެ ކޮޓަރީގެ އެޕާޓްމަންޓަކާއި އަދި 400 އަކަފޫޓުގެ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ފުރަތަމަ ފަހަރު ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަން ނިންމީ ފުރަތަމަ ބުރުގައި ހުށައަޅާފައިވާ އަގުތައް އިވެލުއޭޓް ކުރުމަށްފަހުގައި އެ ކޯޕަރޭޝަންގެ ބޯޑަށް އެ އަގުތައް މާ ބޮޑުކަމަށް ފެންނާތީ ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރު އިއުލާން ބާތިލް ކުރި މަައްސަލައިގައި ފެނަކައިގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.

comment ކޮމެންޓް