ދަނބިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޔަކު އެ މަސައްކަތަށް ހުރަސް އަޅާތީ: އެމްޓީސީސީ

ދަނބިދޫގެ ބަނދަރު ހެދުން ހުއްޓުވުމަށް އެ ރަށު ބައެއް މީހުން ބަނދަރު މައްޗަށް އެއްވެފައި--ފޮޓޯ/ކިޔުންތެރިއެއް

ލ. ދަނބިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތީ އެ ރަށުން ބަޔަކު އެ މަސައްކަތަށް ހުރަސް އަޅާތީ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ދަނބިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެމްޓީސީސީން ވަނީ އެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމައި ބޭނުން ކުރެވޭ ފެންވަރަށް ތަރައްގީކޮށްފައެވެ. އެ މަސައްކަތުގެ ތެރޭގައި ޖެޓީ ހެދުމާއި ބަނދަރު މަގުގައި ބައްތި ޖެހުންވެސް ހިމެނެއެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު، ރިޓަޔާޑް ކޮމިޝަނާރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ މިހާރު ބާކީ އޮތީ ބޭރު ތޮށީގެ ނުނިމި ހުރި މަސައްކަތް ކަމަށެވެ.

"ވަރަށް ބުރަކޮށް އެ ރަށުގެ ބަނދަރު މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔައީ. މިސާލަކަށް ހިލަބާޖު ވައްދަންވެސް ވަކިން ޖެހުނު ހިސާބުތަކެއް ފުންކުރަން. އެންމެ ފަހުން އެ ހުރިހާ މަސައްކަތެއްވެސް ނިންމިފަހުން ރަށުން ބަޔަކު ނުކުމެ މަސައްކަތް މި ހުއްޓުވީ،" ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ މީގެ ކުރިން ދަނބިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފެށި ހިސާބުން ބަޔަކު ނުކުމެ އެންމެ ފުރަތަމަ އެދުނީ ބަނދަރު ބޮޑުކުރަން ކަމަށާއި އެ ކަން އެމްޓީސީސީގެ ސީއެސްއާރް ބަޖެޓުން ހަރަދުކޮށްގެން ކޮށްދީ ނިންމާފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ދަނބިދޫ ރައްޔިތުން އެދުނީ ބަނދަރު ބޮޑުކޮށްދެން އެ މަސައްކަތް އަޅުގަނޑުމެންކޮށްދިނިން. އޭރު އެއްވެސް ވަރަކަށް އިތުރު މައްސަލައެއް އުޅޭ ކަމަށް ބަޔަކު ފާހަގައެއް ނުކުރޭ،" ހުޝާމް ވިދާޅުވިއެވެ.

ދަނބިދޫ ބަނދަރު ގެ މަސައްކަތް ބަޔަކު ހުއްޓުވާފައި އޮތީ މިހާރު ނެރުކަނޑާފައިވާ ދިމާ ކަމުނުދާކަމަށް ބުނެއެވެ. މިކަމާ ގުޅޭ ގޮތުން ހުޝާމް ވިދާޅުވީ ނެރު ކަނޑާފައިވަނީ އެކަމަށް ޚާއްސަ ސާވޭ ތަކެއް ހެދުމަށްފަހު ކަމަށް ގާބިލު މީހުންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ދަނބިދޫއިން ވާހަކަ ދެއްކި މީހަކު ސަން އަށް މިއަދު ބުނީ އެ ރަށު ބަނދަރު މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ ވަރަށް ފުރިހަމައަށް ކަމަށާއި މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންނާއި އަދި ކައުންސިލާވެސް މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެ މަސައްކަތް ބަޔަކު ނުކުމެ ހުއްޓުވަނީ ބަނދަރުގެ މަސައްކަތް ނިންމިޔަ ނުދޭން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އިދިކޮޅު ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް މިއީ. ރަށުގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ މިހާރުވެސް އޮތް ގޮތައް އަވަހަށް ބަނދަރު ނިންމަން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަނބިދޫ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ އިތުރުން އެ މަސައްކަތް ނިމޭއިރު ފަޅުތެރެ އިތުރަށް ފުންކުރާނެއެވެ.

ދަނބިދޫ ބަނދަރަކީ 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

comment ކޮމެންޓް