ދިވެހި ޕްރިމިއާ ލީގު ފެށުން މިމަހުގެ 28 ވަނަ ދުވަހު، ފުރަތަމަ މެޗުގައި ނިއުއާއި ތިމަރަފުށި!

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް މާސެލް ޑެސައިލީއެވެ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް މިމަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށް، ޕްރިމިއާ ލީގުގެ ޝެޑިއުލް އާއްމުކޮށްފިއެވެ.

މިއަހަރުގެ ޕްރިމިއާލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ދަގަ ހަތަރު ޓީމެވެ. މިއަހަރުގެ ޕްރިމިއާ ލީގު ކުޅޭނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް ދެވަނަ ބުރަށް ދާނީ އެންމެ މޮޅު އަށް ޓީމެވެ. އަނެއް ދެޓީމު ކަޓާނެއެވެ.

އެފްއޭއެމްގެ ސްޓްރަކްޗަރަށް ގެނައި ބަދަލާއެކު ދިވެހި ޕްރިމިއާ ލީގުގައި އަތޮޅު ތެރޭގެ ޓީމުތައް ހިމަނައިގެން ކުޅޭ ގޮތަށް އިއުލާން ކުރީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމާއި މާލޭ ލީގުގެ ހަތަރު ޓީމާއެކު ޖުމްލަ އަށް ޓީމު ވަނީ ވާދަކޮށްފައެވެ.

މިދިޔަ އަހަރު އަށް ޓީމު ވާދަކުރި ނަމަވެސް މިއަހަރުގެ ޕްރިމިއާ ލީގުގައި ދިހަ ޓީމު ވާދަކޮށް، މާލޭ ލީގުގެ ގަދަ ހައެއް ޕްރިމިއާ ލީގަށް ދާ ގޮތަށް ސިސްޓަމަށް ބަދަލު ގެނައީ މިދިޔަ އަހަރު ޑިސެންބަރު ފަހުކޮޅުގައެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމު:

  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
  • ޓީސީ ސްޕޯޓްސް ކްލަބު
  • އީގަލްސް ސްޕޯޓްސް ކްލަބު
  • ކްލަބު ގްރީން ސްޓްރީޓްސް
  • ވިކްޓަރީ ސްޕޯޓްސް ކްލަބު
  • ބ. ފެހެންދޫ
  • ތ. ތިމަރަފުށި
  • ށ. ފޯކައިދޫ
  • ފ. ނިލަންދޫ

މިއަހަރުގެ ޕްރިމިއާ ލީގުގެ ކުޅުން 28 ވަނަ ދުވަހު ފަށާނީ މާލޭ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި ވާދަކުރާ މެޗުންނެވެ.

ފުރަތަމަ ހަފްތާގެ މެޗުތައް 29 ވަނަ ދުވަހާއި 30 ވަނަ ދުވަހުގަވެސް އޮންނާނެއެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމަކީ ނިއު ރޭޑިއަންޓެވެ.

ފުރަތަމަ ހަފްތާގެ މެޗުތައް:

28 - ޖޫން 21:00 / ނިއު ރޭޑިއަންޓް - ތ. ތިމަރަފުށި

29 - ޖޫން 16:00 / ކްލަބު އީގަލްސް - މާޒިޔާ

29 - ޖޫން 21:00 / ޓީސީ ސްޕޯޓްސް ކްލަބު - ފ. ނިލަންދޫ

30 - ޖޫން 16:00 / ކްލަބު ގްރީން ސްޓްރީޓްސް - ށ. ފޯކައިދޫ

30 - ޖޫން 21:00 / ވިކްޓަރީ ސްޕޯޓްސް ކްލަބު - ބ. ފެހެންދޫ

comment ކޮމެންޓް