ފުރަތަމަ ރަތް ކާޑު ކޮލަމްބިއާއަށް، މޮޅުވީ ޖަޕާން

ޖަޕާނާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި ފެނުނު ފުރަތަމަ ރަތް ކާޑު ދެއްކި މެޗުގައި ޖަޕާނުން ކޮލަމްބިއާ ބަލިކޮށްފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު މެޗުގައި ޖަޕާނުން ކޮލަމްބިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ރަޝިއާގެ ސަރާންސްކްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ ފޯރި ގަދަކޮށެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ކޮލަމްބިއާގެ ކާލޯސް ސަންޗޭޒް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ. ޖަޕާނުގެ ޔޫޔޫ އޮސާކާ، ކޮލަމްބިއާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކޮލަމްބިއާގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ މަތަކުރި އިރު، އެ ހަމަލާގެ ރީބައުސް ބޯޅަ ފޮނުވާލީ ޝިންޖީ ކަގާވާއެވެ.

ޖަޕާނާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކަގާވާ ފޮނުވާލި ބޯޅަ ގޯލަށް ވަނަނުދީ ސަންޗޭޒް ހިފެހެއްޓީ އަތުން ޖައްސައެވެ. ރެފްރީ އޭނާއަށް ދެއްކީ ސީދާ ރަތް ކާޑެކެވެ. އަދި ޖަޕާނަށް ޕެނެލްޓީއެއް ދިނެވެ. ޕެނެލްޓީ ކާމިޔާބުކޮށް ޖަޕާނަށް ލީޑު ނަގައިދިނީ ކަގާވާއެވެ.

ރަތް ކާޑަކާއެކު ކުޅެމުން ދިޔަ ނަމަވެސް ކޮލަމްބިއާގެ ޓީމުން ފަހަތަށް ޖެހުމެއް ނެތި ކުޅެމުން ދިޔައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކޮލަމްބިއާ ކެޕްޓަން ރެޑަމަލް ފަލްކާއޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް އެ ފުރުސަތު ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކޮލަމްބިއާއިންނެވެ. ހަމޭޒް ރޮޑްރިގޭޒްއާ ނުލާ ކުޅެމުންދިޔަ ނަމަވެސް އެޓީމުގެ އެޓޭކް ފެނުނީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 11ގައި ހަމޭޒް ނުފެނުނީ އޭނާ އަނިޔާގައި ހުރުމުންނެވެ.

މޮޅަށް ކުޅެމުންދިޔަ ކޮލަމްބިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 39 ވަނަ މިނެޓުގައެވެ. ލިބުނު ހިލޭ ޖެހުމަކުން ކޮލަމްބިއާއިން ނަތީޖާ ހަމަހަމަ ކުރި އިރު، ޖުއާން ކުއެންޓެރޯ ފޮނުވާލި ހިލޭ ޖެހުން ގޯލަށްވަނީ ޖަޕާން ކުޅުންތެރިން އަޅާފައިވާ ފާރު ތިރިން ގޮސް ގޯލްގެ ކަނަށެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ކޮލަމްބިއާއެވެ. އެހެން ނަމަވެސް ޖަޕާނުން ވަނީ ކޮލަމްބިއާއިން ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައިފައެވެ. މެޗުގެ ދެވަނަ ހާފްގައި ހަމޭޒް ފެނިފައިވާ އިރު، އޭނާއަށްވެސް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

ޖަޕާނާއި ކޮލަމްބިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގެ ފަހުކޮޅުގައި ޖަޕާނުން ކުޅެމުންދިޔަ ސްޓައިލަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އެޓީމުން ލީޑު ނެގީ 73 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކިއުސޫކީ ހޮންޑާގެ ކޯނަރުން ޖަޕާނަށް ލީޑު ނަގައިދިނީ ޔޫޔާ އޮސާކާއެވެ.

ގްރޫޕް އެޗްގައި ދެން ހިމެނެނީ ޕޮލެންޑާއި ސެނެގާލްއެވެ. ސެނެގާލްއާއި ޕޮލެންޑް ވާދަކުރާ މެޗު މިރޭ 8:00ގައި ފެށޭނެއެވެ.

comment ކޮމެންޓް