ޓީސީއާއި ވިކްޓަރީގެ މެޗަށް ހަމަހަމަ ނިމުމެއް

ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ފެނުނީ ފުރަތަަމަ ހާފްގައެވެ.

މެޗު ފެށިގެން ވަރުގަދައަށް ކުޅުނީ ޓީސީންނެވެ. މެޗުގެ ކުރީކޮޅުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު)ގެ އިތުރުން ހަސަން ސޯލާހުގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. މިއަދުގެ މެޗަށް ވިކްޓަރީން ނުކުމެފައި ވަނީ ބިދޭސީ އެންމެ ކުޅުންތެރިއެއް ފުރަތަމަ 11ގައި ހިމަނައިގެންނެވެ. އެޓީމަށް ކުޅެމުންދިޔަ އޭންހާލް މުނޯޒް، ޓީމުން މުސާރަ ނުދޭ ކަމަށްބުނެ ފީފާއަށް މައްސަލަ ހުށަހަޅާފައިވާ އިރު، އީސްޓް ޓީމޯގެ ފޯވަޑް ޕެޑްރޯ ހެންރިކޭ ފޮނުވާލަން ޓީމުން ވަނީ ނިންމާފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. ފޭދޫ އިއްބެ ގޯލް ޖެހީ އަރިމަތިން އިބްރާހީމް ވަހީދު (އިއްބެ) ތަނަވަސްކުރި ބޯޅައިންނެވެ. މިއަދުގެ މެޗުގައި ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އިއްބެއެވެ.

ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭގެ އިރުކޮޅެއްފަހުވެސް ޓީސީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ސޮލާހް ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ.

ހާފްގެ ކުރީކޮޅުގައި ޓީސީން ރަނގަޅަށް ކުޅުނު ނަމަވެސް ހާފްގެ ފަހުކޮޅުގައި ވިކްޓަރީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މެދުތެރެއިން އަލީ ނާފިއު ދުރުން ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު އިބްރާހީމް ނަދީމް (ރިކޫ) ސޭވް ކުރި އިރު، މެޗުގެ 40 ވަނަ މިނެޓުގައި ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރިއެވެ. ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ވިކްޓަރީއަށް ހިލޭ ޖެހުން ކާމިޔާބުކޮށްދިނީ ސައިމް ތީބޯއެވެ.

ދެވަނަ ހާފްވެސް ރަނގަޅަށް ފެށީ ވިކްޓަރީންނެވެ. އެގޮތުން އެޓީމުގެ ދެ ހަމަލާއެއް ފެނިގެންދިޔަ އިރު، ދެ ހަމަލާގެ ހުރަހަކަށްވީވެސް ޓީސީގެ ރިކޫއެވެ. ވިކްޓަރީގެ ޑިފެންޑަރު ސައްދާމް ހުސައިން ފޮނުވާލި ހަމަލާގެ އިތުރުން އަހުމަދުު ނާޝިދު (ނާއްޓޭ)، ޓީސީ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާވެސް މަތަކުރީ ރިކޫއެވެ.

މެޗުގެ ފަހު ކޮޅުގައި ޓީސީގެ ފަރާތުންވެސް ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އޭރިއާ ބޭރުން އައްޒާމް އަބްދުﷲ ފޮނުވާލި ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، މުހައްމަދު އައްޒާމް ޖެހި ބޯޅަ މަތަކުރީ ވިކްޓަރީގެ ގޯލް ބަލަހައްޓަމުން ދިޔަ އަބްދުﷲ ޒިޔަޒަންއެވެ.

ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިއަދުގެ މެޗަށް ނުކުތް އިރުވެސް ވިކްޓަރީއާއި ޓީސީއަށްވެސް އޮތީ މާލޭ ލީގުގެ ގަދަ ހައެއް ޔަގީންވެފައެވެ. މިހާތަނަށް ކުޅުނު 14 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޓީސީން ހަތަރު ވަނައިގައި އޮތް އިރު، ވިކްޓަރީ އޮތީ 14 މެޗުން 19 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

މާލޭ ލީގުގެ ފަހު މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

comment ކޮމެންޓް