ޕްރެސް ކޮންފަރެންސްގައި ފާރިސް ތަމްސީލް ކުރެއްވީ ރައީސް މައުމޫން: ހެކީން

ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް(މ) ފަހަތުގައި ފިޔާތޮށި ކުލައިގެ ދިދަ އެއް -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީ ތަމްސީލް ކުރިކަމަށް ބުނެ ޝަޚްސް އޮޅުވާލި ކަމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ތަމްސީލް ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ދިފާއީ ފަސް ހެކިވެރިން ބުނެފިއެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ފަސް މީހަކު ހެކިބަސް ދީފައިވާއިރު އޭގެ ތެރެއިން ތިން މީހަކީ ފާރިސްއާ އެކު ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ތިން މީހެކެވެ. އަދި އަނެއް ދެ ހެކިވެރިންނަކީ އެ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ދެ ނޫސްވެރިންނެވެ.

އެގޮތުން ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ދެ ނޫސްވެރިން ވެސް ބުނެފައިވަނީ ފާރިސްގެ ވާހަކަތަކުން އޭނާ ތަމްސީލް ކުރަނީ ޕީޕީއެމްކަން ވިދާޅުވެފައި ނުވާ ކަމަށާއި ވާހަކަތަކުން ދޭހަވަނީ އޭނާ ތަމްސީލް ކުރެއްވީ ޕީޕީއެމްގެ ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ކުރިން އުޅުއްވި އައިމިނަތު ނާދިރާ ވިދާޅުވީ ފާރިސް ޕީޕީއެމުން ވަކިކުރުމަށް ކައުންސިލުން ނިންމާފައިނުވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް އެ ޕާޓީން މެންބަރަކު ވަކިކުރި ނަމަވެސް އެކަން ވެގެން ދާނީ ގާނޫނާ ޚިލާފް ނިންމުމަކަށް ކަމަށެވެ.

ނާދިރާ އެހެން ވިދާޅުވިނަމަވެސް ޕީޕީއެމްގެ 20 މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްގެ ދަފްތަރުން ފާރިސްގެ އުނިކޮށްފައެވެ.

ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަމްސީލް ކުރެއްވީ ރައީސް މައުމޫން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ފަހަތުގައި އެއްވެސް ދިދަ އެއް އިންކަން އިނގި ނުލައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ އަޒްމޫން އަހްމަދު ބުނީ ފާރިސްގެ ފަހަތުގައި ޕީޕީއެމްގެ ދިދަ އެއް އިން ކަމަށާއި ނަމަވެސް ފާރިސް ތަމްސީލް ކޮށްފައިވަނީ ޕީޕީއެމްކަން ވިދާޅުވެފައި ނުވާ ކަމަށެވެ.

ފަރިސްގެ ފަރާތުން އެންމެ ފުރަތަމަ ވަނީ ދިފާއުގައި 47 ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް އެ ލިސްޓް މަދު ކުރަމަށް އެންގުމުން އަލުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ އަށް މީހެއްގެ ހެކިބަސް ނުނަގަން ޝަރީއަތުން ނިންމާފައިވާ ކަމަށާއި އެހެން ކަމުން މާދަމާގެ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން އިއްވެވުން ކަމަށެވެ.

comment ކޮމެންޓް